އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއް ހައިކޯޓުން ބާތިލް ކޮށްފި

އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

އަބްދުﷲ ސައީދުގެ ފަރާތުން މި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅުމުން މައްސަލަ ބަލައި ހުކުމް އިއްވަން މިއަދު ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި، އަބްދުﷲ ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފައިވަނީ، ހައިކޯޓުގެ ތިން ފަނޑީޔާރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް ހުންނަވައިގެން 1 ފެބްރުއަރީ 2018 ގައި ސުޕްރީިމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށް، ފޯނު ދިނުމަށް އެދިފައެވެ. ނަމަވެސް އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ އޭރު އޭނާގެ އަތުގައި ފޯނު ނެތް ކަމަށެވެ.

ފޯނު ނުދެއްވި މައްސަލައިގައި ސައީދުގެ މައްޗަށް ދައުލަތުން ވަނީ އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާކޮށް، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އޭގެ ކުރިން ސައީދުގެ މައްޗަށް ދެ ހުކުމެއް ކޮށްފައި އޮތުމުން، އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އިއްވި ހުކުމް ތަންފީޒު ކުރަން ފަށާފައި ވަނީ، މިދިޔަ މަހުގައެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި، ސައީދުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި ފުލުހުން އެދިގެން އަބުދުﷲ ސައީދު ނުދީ ވަނީ ކޮން ފޯނެއްކަން ދައުލަތަށް ސާފުކޮށް ދެވިފައި ނުވާކަމަށާއި، އެފޯނުގައި ވަނީ ކޮން ހެކިތަކެއްކަން ވެސް ސާބިތުކޮށްދީފައި ނުވާކަން ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ފޯނެއް ގެއްލިގެން ނުވަތަ ނުދެވިގެން، ހަމައެކަނި އެސަބަބުގެ މައްޗަށްބަލައި އެދައުވާ ނުކުރެވޭނެ ކަމަށްވެސް ހައިކޯޓުން ދައުވާ ސާބިތު ކުރި ނިންމުމުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.