މާލެ އަތޮޅު ގުރައިދޫގެ ބިން ހިއްކުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނައި އެކަމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުދަދުވަހުގެ ރޭ ކ. ކުރައިދުއަށް ވަޑައިގެން އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ވަނީ އެރަށުގެ ބިންހިއްކާނެ ގޮތުގެ ޗާޓުވެސް ކުރަހާފައި ކަމަށެވެ. އެރަށުގެ ބިން ހިއްކުމުން ގުރައިދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ބޯހިޔާވަހި ކަމަށްވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެރަށުގައި ބީޗެއް ހައްދަވައި ދެއްވައި ކުޑަރަށެއް ވެސް ހިއްކަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރަށުގައި މިއަހަރު ބައެއް ޚިދުމަތްތައް ތައާރަފު ކުރައްވަން ސަރުކާރުން ވަނީ ނިންމަވައިފައެވެ. އޭގެ ތެރޭގައި ބޭންކުގެ ޚިދުމަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވައުދުތަކާއި މަޖިލީހުން ފާސް ކުރައްވާފައިވާ ގާނޫނުތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ވަރުގަދަ ކައުންސިލްތަކެއް ބޭނުންވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ރައީސް ވަނީ މިދުވަސްވަރު ކުޑަކުދިންނަށް ޖިންސީގޯނާ ކުރަމުންދާ މައްސަލަ އިތުރުވެފައިވާތީ އެކަމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެކަމަށް އިހުމާލުވެއްޖެ ކަމަށްވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެކަންކަން އެހެންވަނީ ކުރިން ފެށިގެން އެކަންކަމާ އަޅައިނުލެވި ދޫކޮށްލެވިފައިވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެވާހަކަ ދައްކައި ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.