އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަަޑައިގަތީ ބޮޑެތި ވައުދުތަކަކާ އެކީގައެވެ. މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން އަނބުރައި ރަށަށް ގެންނަވާނޭ ކަމަށް ވެވަޑައިގަތް ވައުދަކީ އޭގެ ތެރެއިން ބޮޑު އެއް ވައުދެވެ. އޭރު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ސިޔާސަތަކީ "އެންމެ ފުރަތަމަ އެމެރިކާ" ގެ ސިޔާސަތުކަމުގައެވެ.
އެކަމަކު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދައުރު ނިމޭއިރުވެސް މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ރަށަކަށް ނުގެންދަވައެވެ. އެމަނިކުފާނު އެކަން ނުުރެއްވިޔަސް އެކަން ވެދާނޭ ކަމުގެ އަލާމަތްތައް މިހާރު ދަނީ ފެންނަމުންނެވެ. ޢިރާޤުގައި ތިބި ސިފައިން އެ ގައުމުން ބޭރުކޮށްލާނޭ ކަމުގެ އަޑުތައް މިހާރު ވަނީ ފެތުރޭން ފަށައިފައެވެ. އެކަން އެހެން ވެއްޖަ ނަމަ އެއީ އީރާނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އެމެރިކާގެ ހަމަލާއެއްގައި އީރާނުގެ ސިފައިންގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުމާއެކު ޢިރާޤުގެ ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިން އަނބުރައި ގެންދާން އެމެރިކާއަށް ގޮވައިލާ ގަރާރެއް ފާސްކޮށްފައެވެ. ޢިރާޤުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި އީރާނަށް ތާއީދު ކުރައްވާ ވަރަށް ގިނަ މްނެބަރުން އެބަތިއްބެވިއެވެ.
ސުލައިމާނީ އަވަހާރަކޮށްލުމުގެ ހަމަލާގެ ކުޑަ ދުވަސްކޮޅެއް ކުރީން ޢިރާޤާއި އެމެރިކާ ގުޅިގެން އައިސިސްއާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ މެދުކަނޑައިލައިފައެވެ. ޢިރާޤުގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވީ ގޮތުގައި ޢިރާޤުގައި ތިބި "މީހުންގެ ސަލާމަތްތެރިކަން" އޮތީ އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުގައެވެ. އެކަމަކު ނިމިގެން ދިޔަ ހަފުތާގެ ތެރޭގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސިފައިން ބޭލުމާމެދު ވަކި ގޮތެއް ނިންމާނީ ދެން އަންނަ ސަރުކާރަކުން ކަމުގައެވެ.
މި ވަގުތު އެމެރިކާގެ ސިފައިން ޢިރާޤުން ފައިބައިފިނަމަ ބައެއް ކަހަލަަ ގެއްލުންތައް ވުމަކީ ދިރުކަމެއް ނޫނެވެ. އައިސިސްގެ ހަމަލާތައް މިހާރުވެސް ދަނީ ޢިރާޤަށް އަރަމުންނެވެ. އެމެރިކާގެ ސިފައިންނާއި އެހެން ބިދޭސީ ސިފައިންގެ އެހީތެރިކަމާ ނުލައި އައިސިސްއާ ކުރިމަތިލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މީގެ އިތުރަށް ބިދޭސީ ސިފައިން ނެތިއްޔާ ޢިރާޤުގައި އީރާނުގެ ބާރު ގަދަވަމުން ދާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެމެރިކާއިން 2003 ވަނަ އަހަރު ޢިރާޤަށް އަރައިގަތީއްސުރެ އެމެރިކާއާއި އީރާނާ ދެ ގައުމުންވެސް ވާދަ ކުރަމުން ދަނީ ޢިރާޤަށް އަތްގަދަ ކުރާށެވެ. މި ވާދައިގައި މިހައިތަނަށް ކުރި ހޯދައިފައި ވަނީ އީރާނުންނެވެ. ކުރިއަށް ރާވައި ވިސްނުންތެރިކަމާއެކު ކުރަމުންދާ މަސައްކަތުގެ ސަބަބުން އީރާނުން ވަނީ ޢިރާޤުގެ ތެރެއަށް ވަދެ ފައި ހަރުކޮށްލުމުގައި އެމެރިކާއަށް ނުހޯދޭ ކާމިޔާބީ ހޯދައިފައެވެ.
ޢިރާޤުގެ ސިފައިންގެ ތެރޭގައި އީރާމނުގެ މަދަދާއެކު އުފައްދައިފައިވާ އަސްކަރީ ޖަމާއަތްތައް ހަރަކާތްތެރިވެއެވެ. އީރާނުގެ މުދާ ވަރަށް ގިނަ އަދަދަކަށް ޢިރާޤަށް އެތެރެ ކުރެއެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އީރާނުން "ބަލައިބޮޑުކުރާ ދަރިން" އެބަތިއްބެވެ.
ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން އީރާނާ އެއްކޮޅަށް ނިންމުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެއީ އެ ހަމަލާގެ ސަބަބުން ނުކުމެދާނޭ ކަމަށް އެމެރިކާއިން ހީކުރި ކަހަލަ ނަތީޖާއެއް ނޫނެވެ. ޢިރާޤަށް ނުފޯޒު ފޯރުވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ނުފޯޒު ފޯރުވާ ގައުމަކީ އީރާނެވެ. އެމެރިކާ ސިފައިން ފައިބައިފިނަމަ އެ ނުގޫޒު މިހާރަށްވުރެ ބޮޑު ވެގެން ދާނޭ ކަމަށް ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް ގެ ޕްރޮފެސަރު ފަވާޒް ގަރގިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި ޢިރާޤަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އައިސިސްއެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ގައުމު ބިނާކުރާން ކުރާ މަސައްކަތެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތެވެ. ނަސްލީ، ދީނީ ހަމަނުޖެހުން ނައްތައިލުމުގެ މަސައްކަތެވެ. އީރާނަކީ މިއިން އެއްވެސް މަސައްކަތަކަށް އެހީތެރިވާން ޝައުގުވެރިވާ ގައުމެއް ނޫނެވެ. ވުމާއެކު އެމެރިކާގެ ސިފައިން ފައިބައިފިނަމަ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.
އެމެރިކާގެ ސިފައިން ފޭބީމާ ޓްރަމްޕް ވިދާޅުވާ ތަސައްވުރަށްވެސް ލޮޅުން އަރާނެއެވެ. ގިނަ ބަޔަކު ދެކޭނީ މެދުއިރުމަތި ހަމަޔަކަށް އެޅުވުމަކީ އެމަނިކުފާނު ދައްކަވާ ފޮނި ވާހަކަފުޅުތަކެއް ކަމުގައެވެ.
ގަދަކަމުން ޢިރާޤުން ބޭލުމަކީ އެމެރިކާާ ލަދު ގަންނާނޭ ކަމެއްވެސް މެއެވެ. އެހެނީ އެމެރިކާއިން ވަނީ ޢިރާޤަށް އެތައް ބިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައެވެ. އެތައް ހާސް ސިފައިންނެއް ވަނީ ޢިރާޤުގައި މަރުވެފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވާ ގޮތުގައި ޢިރާޤުން ސިފައިން ބޭލުމަކީ އެމެރިކާއިން ކުރާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ސިފައިން މަދުކުރުމަކީ އެކަށިގެންވާ ކަމެކެވެ. ސިފައިން މަދުކުރުމަކީ ލަދަކުން ސަލާމަތްވާން ކުރާ ކަމަކަށް ނޫނީ ނުވާނެއެވެ.
އީރާންގެ ބާރު ގަދަވީ ކިހިނެއް؟
ޢިރާޤުގައި އީރާނުގެ ބާރުގަދަ ވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ޢިރާޤާއި އީރާނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ޢިރާޤުގައި އުފެދުނު ހަތިޔާރުއެޅި ޖަމާއަތްތަކެވެ. އެ ޖަމާއަތްތައް އުފެއްދުމަކީ އީރާނަކަށް މާ ދަތި ކަމަކަށް ނުވެއެވެ. ޢިރާޤަކީ ޝިޢީ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ. ގިނަ ޒަމާންތަކަކަށް ވެރިކަން ކުރެއްވީ ޞައްދާމް ޙުސައިނެވެ. އެއީ ސުންނީ ބޭފުޅެކެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުން ހައްޔަރު ކުރި ޢިރާޤު ސިފައިންގެ ތެރޭގައި ހިމެނުނު ޝިޢީން އެނބުރި ޢިރާޤަށް އައީ އީރާނުގެ އެޖެންޓުން ކަމުގައި ވެގެންނެވެ. ބުނެވޭ ގޮތުގައި ގިނަ މީހުން ގުޅުނީ ބަދްރް ޖަމާއަތާއެވެ. އެއީ ހަނގުރާމަވެރި ޖަމާއަތެކެވެ. މިހާރު އެމެރިކާއާ ދެކޮޅަށް ޢިރާޤުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ.
ޞައްދާމްގެ ވެރިކަން ނިމުނީމާ އެ ސަރުކާރުގެ ބަލިކަށިކަމުގެ ނަތީޖާއަކަށް ވީ ބަދްރް ފަދަ ޖަމާއަތްތަކުގެ ބާރު އާދަޔާ ޚިލާފަށް ގަދަވެގެން ދިއުމެވެ. އަދި ފާޅުގައި މަސައްކަތަށް ނުކުންނާން ފެށުމެވެ.
އައިސިސްއާ ދެކޮޅަށް ކުރާން ޖެހުނު ހަނގުރާމައަކީވެސް އީރާނަށް ފަހި ވެގެން ދިޔަ ފުރުސަތެކެވެ. ޚާއްސްކޮށް އައިސިސްއިން މޫސަލް ހިފުމާއި ޢިރާޤުގެ ސިފައިން ބަލިވުމަކީ ގައުމުގެ ތެރޭގައި ތިބި ޝިއީ ހަނގުރާމަވެރި ޖަމާއަތްތަކަށް ލިބުނު ފުރުސަތެއްވެސް މެއެވެ. ރަސްމީ އަސްކަރިއްޔާ ބަލިވީމާ އައިސިސްއާ ދެކޮޅަށް ނުކުތީ މި ޖަމާއަތްތަކުންނެވެ. މި ޖަމާއަތްތައް މިހާރު ވެފައި ވަނީ އަސްކަރިއްޔާގެ ރަސްމީ ބަޔަކަށެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އީރާނުން ތާއީދުކުރާ މުސާރަވެރި 113000 ހަނގުރާމަވެރި އެބައުޅެއެވެ. މީގެ ތެރެއިން 60000 މީހުންނަކީ ސީދާ ހަނގުރާމައިގައި ބަައިވެރިވެވޭ ފެންވަރުގެ މީހުންނެވެ. 36000 މީހުންނަކީ ސީދާ އީރާނުން އަމުރުކުރާ މީހުންނެވެ. އެމީހުންނަށް އިރުޝާދު ދެނީ އީރާނު ސިފައިންނެވެ.
2018 ވަނަ އަހަރުގެ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ފަތަޙް ޖަމާއަތުންނެވެ. މިއީ އިހު ނަންގަަނެވުނު ހަމގުރާމަވެރި ޖަމާއަތުގެ ބައެކެވެ. އޭގެ ސިޔާސީ ގޮތްޕެވެ. ވުމާއެކު ސަރުކާރުގެ ތެރެއަށް އީރާނުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެގެް ދިޔައެވެ.
އިގްތިސާދީ ދާއިރާއަށް ބަލާއިރު ޢިރާޤު އޮތީ ހަކަތައިގެ މައިދާނުގައި އީރާނަށް ބުރަވެފައެވެ. އެމެރިކާއިން އަޅާފައި ހުރި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުން ގެންދަނީ ހަކަތައިގެ ވަސީލަތާއި ތަކެތި ޢިރާޤަށް ވިއްކަމުންނެވެ. އެހެނިހެން ބާވަތްތަކުގެ މުދަލަސް ބަލާއިރުވެސް އީރާނުން ބޭރުކުރާ މުދާ ދެވަނައަށް އެންމެ ގިނައިން ވިއްކާ ގައުމަކީ ޢިރާޤެވެ.
ޓްރަމްޕްގެ ދެއަނގަ
އީރާނުން ވަނީ ޢިރާޤުގެ ސަރުކާރާއި އަސްކަރިއްޔާއަށް ވަދެ ފައިހަރުކޮށްފައެވެ. އަނެއްކޮޅުން ޢިރާޤުގައި އެމެރިކާއިން ހާސިލު ކުރާން ބޭނުންވާ ކަންތައްތައް ދަނީ ދެއިރު ދެ ދަޅައަށް ބަދަލު ވަމުންނެވެ. ކޮންމެ ރައީސަކާއެކު އެމެރިކާގެ މަގުސަދު އެބަ ބަދަލުވެއެވެ. އަދި ޓްރަމްޕަކީ ދައްކަވާ ވާހަކަފުޅު އެއް ގޮތް ކުރެއްވޭ ބޭފުޅެއް ނޫން ކަމަށް ޢިރާޤަށް ވަރަށް ސާފުކޮށް ފެްނާން ފަށައިފިއެވެ.
މައިކް ޕޮމްޕެއޯ ވިދާޅުވަމުން ގެންދަވަނީ ޢިރާޤުގައި އެމެރިކާ ސިފައިން ތިބީ އައިސިސްއާ ހަނގުރާމަކޮށް އެ ނިރުބަވެރި ޖަމާއަތް ބަލި ކުރާން ކަމުގައެވެ. އެކަމަކު އީރާނުގެ އެކި ފެންވަރުގެ މީސްމީހުންނަށް އަމާޒުކޮށް ދޭ ހަމަލާތަކާއި ޓްރަމްޕްގެ ވާހަކަފުޅުތަކުން ފެންނަނީ އެހެން އަމާޒެކެވެ.
މިދިޔަ އަހަރު ސީބީއެސް ނިވްސް އަށް ޓްރަމްޕް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިހެންނެވެ. "އަޅުގަނޑު ބޭނުންވަނީ އީރާނުގެ މައްޗަށް ނަޒަރު ހިންގާށެވެ. އީރާނަކީ ބޮޑު މައްސަލައެކެވެ." މިއީ ޓްރަމްްޕް ވިދާޅުވާ މަގުސަދެވެ. މި ވާހަކަފުޅުގެ ސަބަބުން އީރާން ރުޅިއައެވެ. ޢިރާޤަށް އޮޅުނެވެ. މިއީ އައިސިސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ދިޔަ ބަޔަކު ކުރަން ޖެހޭ މަސައްކަތް އެބައިމީހުންގެ ކޮމާންޑަރ އިން ޗީފް ދެކެވަޑައިގަންނަވާ ގޮތެވެ.
އެމެރިކާއިން ފުރަތަމަ ބުނަމުން ދިޔައީ އީރާނާވެސް ގުޅިގެން ޢިރާޤް ހަމަޔަކަށ އަޅުވާން މަސައްކަތް ކުރާ ވާހަކައެވެ. އެކަމަކު ހަގީގަތަކީ އެޔެއް ނޫނެވެ. އެމެރިކާއިން ބޭނުން ވަނީ ޢިރާޤުގެ އެހީތެރިކަމާއެކު އީރާން ބަލި ކުރާށެވެ. މި ދެފުށްކެހެރިކަމުގެ ނަތީޖާއަކީ އެމެރިކާގެ ސިޔާސަތަކީ ކޮބައިކަން ނޭނގި ޢިރާޤުގެ ސަރުކާރު އޮޅުންބޮޅުންތަކެއްގެ ތެރެއަށް ވަނުމެވެ.
ޓްރަމްޕް ވިދާޅުވަނީ އީރާނަށް ފިއްތުންތައް ކުރިމަތި ކުރުުގައި އެމެރިކާ ކުރާ މަސައްކަތަށް ދުލެއް ނުދެއްވާނޭ ކަމުގައެވެ. އަނެއްކޮޅުން އީރާނުން ވަނީ ޢިރާޤުގެ އިގްތިސާދަށާއި ރައްކާތެރިކަމަށް ބާރު ފޯރުވައި އަތްގަދަ ކޮށްފައެވެ. އަދި އެބާރު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގަދަ ކުރަމުންނެވެ.
ރުހުން ހޯދުން
އެމެރިކާއިން ވަނީ ޞައްދާމްގެ ވެރިކަން ބަދަލު ކޮށްފައެވެ. އޭނާ ދަންޖައްސައި މަރައިފައެވެ. އެކަމަކު 2011 ވަނަ އަހަރު އެމެރިކާާ ސިފައިން ޢިރާޤު ދޫކޮށްލޯ ހެލިހެލި އޮތް ބަލިކަށި ސަރުކާރެއްގެ އަތް މައްޗަށެވެ. ނަތީޖާއަކީ އައިސިސް ފަދަ ނިރުބަވެރި ޖަމާއަތްތަކުގެ ދުއްޕާނާ ކުރިމަތިލާން ޖެހުމެވެ. ދެން ޖެހުނީ އެމެރިކާގެ ސިފައިން ޢިރާޤަށް ފޮނުވާށެވެ. ރޯވީ އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރާށެވެ. އީރާނުންވެސް އައިސިސްއާ ހަނގުރާމަ ކުރިެވެ. ހަނގުރާމައިގެ އިތުރަށް ނުފޫޒުގެ ހަނގުރާމަވެސް ދިޔައީ ކުރިއަށެވެ.
އީރާނަށް ކާމިޔާބު ނުކުރެވި އޮތީ އެންމެ ކަމެކެވެ. އެއީ އާއްމުންގެ ރުހުން ހޯދުމެވެ. ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު މިހާރުވެސް އީރާނަށް ތާއީދުކުރާ އަސްކަރިއްޔާއާ ދެކޮޅެވެ. މީގެ އިތުރަށް ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅު ހަދާ މީހުންވެސް އީރާނަކަށް މާ ބޮޑަކަށް ތާއީދެއް ނުކުރެއެވެ.
އަނެއްކޮޅުން އެމެރިކާއަށް ތާއީދު ކުރާ މީހުންވެސް އެހައި ގިނައެއް ނޫނެވެ. ޚާއްސަކޮށް ޒުވާނުން ބޭނުން ވަނީ އީރާނުގެ ވަކި ދަށުންވެސް އަދި އެމެރިކާގެ އަތްދަށުންވެސް މިންޖު ވާށެވެ. ޢިރާޤުގައި ޝިޢިން ގިނަ ނަމަވެސް ޚާމަނާއީގެ ތާއީދެއް ނެތެވެ.
މައުލޫމާތު: ސީއެންއެން