އަށާވީސް އަހަރު ވަންދެން އަމަލުކުރަމުން އައީ ހާލަތާ ނުބައްދަލު ގާނޫނަކަށް: ޝިދާތާ

ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން އަށާވީސް އަހަރު ވަންދެން ރާއްޖޭގައި އަމަލުކުރަމުން އައިސްފައިވަނީ ހާލަތާ ނުބައްދަލު ގާނޫނަކަށް ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެކަން ބަދަލުވެ މިހާރު އަމަލު ކުރަމުން އަންނަނީ ހާލަތާ އެއްގޮތްވާ ޒަމާނަށް ފެތޭ ގާނޫންކަށް ކަމަށެވެ.

"އަށާވީސް އަހަރުވަންދެން ހާލަތާ ނުބައްދަލު ގޫނޫނަކަށް އަމަލުކުރަމުން އަޅުގަނޑުމެން ދިޔައީ. އެހެންނަމަވެސް މިއަދު ހާލަތާ އެއްގޮތްވާ ޒަމާނަށް ފެތޭ ގާނޫނަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބާރަ އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބިލެއް އޮތް ކަމަށާއި އެހެންނަމަވެސް އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ.

އެކަން އެގޮތަށް އޮއްވައި މިސަރުކާރު އައިސްގެން މިހާރުވަނީ އައުގާނޫނެއް ތަސްދީގު ކޮށްފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. "ބާރަ އަހަރު ވަންދެން މަޖިލީހެއްގެ ތެރޭގައި އޮތް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބިލެއް. އޭގެ ނަތީޖާއެއް ނުނެރެވި އޮއްވައި އިރާދަކުރެއްވިއްޔާ މިސަރުކާރުން އެވަނީ އައު ގާނޫނެއް ވެސް ތަސްދީގުވެސް ކޮށްފައި. އޭގެ ތެރެއިން ވަރަށްގިނަ ބަދަލުތަކެއް ވެސް އަތުވެއްޖެ. އެގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތަތްއްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މިސަރުކާރަށް ފާޑުކިޔާ މީހުން ފާޑުކިޔަސް ރަނގަޅަށް  ބަލާބަޔަކަށް ހަގީގަތުގައި ފެންނާނީ މިސަރުކާރު ފޭލިވަމުންދާ މަންޒަރު ނޫން ކަމަށާއި ފެންނާނީ މިސަރުކާރު "ސިސްޓަމެޓިކް ރަނގަޅު ބަދަލުތަކެއް ގެންނަމުންދާ މަންޒަރު،" ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެބޭފުޅުން ވަޒީފާގައި ތިއްބަވާ ކޮންމެ ދުވަހަކީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރަން މަސައްކަތްކުރައްވާނެ ދުވަހެއް ކަމަށެވެ. މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އަޒުމުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިސަރުކާރުން ގެންދާނީ ކަލެކްޓިވްލީ ހުރިހާކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން. ކުޑަކުދިން ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަންކަމަކީ އަޅުގަނޑުމެން އޭގެ ސީރިއަސްކަން އެއްވެސް މިންވަރަކަށް ކުޑަކުރާނެ ކަންކަމެއްނޫން،" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރަނގަޅުކޮށް ހަރުދަނާ ކުރަންވީ ވަރަށްގިނަ ކަންކަން ނިޒާމުގެ ތެރޭގައި އެބަހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.