އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފޭދޫ ސްޕޯޓްސް އާ ބައްދަލުކޮށް ބޮޑު ތަފާތަކުން މޮޅުވެ މުބާރާތުގެ ތަށި އެފްސީ ބޭރުމަތި އުފުލާލައިފިއެވެ.
މި މުބާރާތް އެ ޓީމުން ކާމިޔާބުކުރީ 6-2 ލަނޑުގެ ބޮޑު ތަފާތަކުން ފޭދޫ ސްޕޯޓްސް ބަލިކޮށްގެންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މިރާހު މުހައްމަދެވެ. އޭނާ އެލަނޑު ޖެހީ މެޗުގެ 41 ވަނަ މިނިޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު ބޭރުމަތީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 61 ވަނަ މިނިޓުގައި ފޭދޫ އިން ވަނީ ލަނޑެއްހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑުޖެހީ އަލީ ލިރުއާމެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނިޓުގައި ބޭރުމަތީޓީމޫގެ ހަސަން ރާއިފް އަހުމަދު ވަނީ އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި އިތުރު ދެ ލަނޑު ޖަހައި އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ. އެޓީމުގެ ހަވަނަ ލަނޑު ޖެހީ މުހައްމަދު މަމްނޫނެވެ. ފޭދޫގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލިރުއާމެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށް ދެއްވި މިމެޗުގެ ޝަރަފުވެރި މެހުމާން ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމާއި އައްޑޫ މޭޔަރު ޢަބްދުﷲ ސާދިގެވެ.
ފައިނަލްމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތީގެ އިބްރާހީމް މިރާހެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކިޕަރަކީ ބޭރުމަތި ޓީމުގެ އަލީ ނާއިމެވެ.
މި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ކެޕްޓަން އަހުމަދު ސައީދެވެ. އެންމެމޮޅު ފޯވާޑަކީ ފޭދޫ ސްޕޯޓްސްގެ އަލި ލިރުއާމެވެ. އެންމެގިނަ ލަނޑު ޖެހީވެސް އޭނާ އެވެ. އޭނާ ވަނީ 9 ލަނޑު ޖަހައިފައެވެ.
މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެމޮޅު ދެ ކުޅުންތެރިންނަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ސަޔަމް ސައީދާއި، ގޯދިއްޔާގެ އަބްދުﷲ ލައުސަންއެވެ. އެންމެ މޮޅު ކޯޗަކީ އެފްސީ ބޭރުމަތީގެ އަހުމަދު ނަސީމެވެ. އެއްވަނަ ޑިފެންޑަރަކީ ބޭރުމަތި ޓީމުގެ މުހައްމަދު ސާޖިދެވެ. އެންމެމޮޅު ފިޑްފީލްޑް ކުޅުންތެރިއަކީ ފޭދޫ ސްޕޯޓްސްގެ ޢަލީ ނާފިއުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ބޭރުމަތި ޓީމުގެ ހާޒިމް ފައުޒީއެވެ. ފެއާޕްލޭ ޓީމަކީ އެފްސީ ބޭރުމަތިއެވެ.