އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕްގައި މިއަދު ޒެފިއާއާއި ރިވެރިން ބައްދަލުކުރި މެޗުގެ 5-2 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ސެމީގެ ޖާގައެއް ރިވެރިން ކަށަވަރު ކޮށްފިއެވެ.
މި ގްރޫޕުން ރިވެރިންއާއެކު ސެމީން ޖާގައެއް ހޯދައިފައިވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ ފޭދޫ ސްޕޯޓްސް އެވެ. ޒެފިއާ ވަނީ ކުޅުނު ހުރިހާ މެޗުން ބަލިވެ މުބާރާތުން އަލް ވަދާއު ކިޔައިފައެވެ.
މިއަދުގެ މެޗުގައި ކުލަބު ރިވެރިންގެ ޙަސަލް އަލްފާފު ވަނީ ތިންލަނޑު ޖަހައި ހެޓްރިކެއް ހަދައިފައެވެ. އޭނާ އެލަނޑުތައް ޖަހައިފައިވަނީ މެޗުގެ 12 ވަނަ މިނިޓާއި، 23 ވަނަ މިނިޓާއި ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މެދަށް ހުއްޓާލިއިރު ނަތީޖާއަކީ ރިވެރިން 3 ޒެފިއާ ސުމެކެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ޒެފިއާއަށް ފުރުސަތެއް ނުދީ ކުޅެ އެޓީމުން ވަނީ އިތުރު ދެ ލަނޑުޖަހައިފައެވެ. މެޗުގެ ފަސްދޮޅަސް ވަނަ މިނިޓުގައި އެޓީމުގެ 4 ވަނަ ލަނޑު ޖަހައިދީފައިވަނީ ހަސަން އައިކެވެ. ފަސް ވަނަ ލަނޑު 69 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ދާނިޝްއެވެ.
ޒެފިއާގެ ދެލަނޑު ޖަހައިފައިވަނީ މެޗުގެ 75 ވަނަ މިނެޓާއި، 88 ވަނަ މިނިޓުގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ އީމާން ނަޒީރެވެ. ދެވަނަ ލަނޑު ޖެހީ މުހައްމަދު އިމްޝަލް އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވެރިންޓީމުގެ ޙަސަން އަލްފާފެވެ.
މުބާރާތުގެ މާދަމާ މެޗުގައި ބައްދަލުކުރާނީ މުލިމަތި ޔުނައިޓެޑާއި، އެފްސީ ބޭރުމަތިއެވެ.