އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ބާއްވަމުން ގެންދާ އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕްގައި މިއަދު ބައްދަލުކުރީ ގޯދިއްޔައި މުލިމަތި ޔުނައިޓެޑެވެ. މިމެޗު 5-2 ލަނޑުން ކާމިޔާބުކުރީ ގޯދިއްޔާއެވެ.
މިއީ ގޯދިއްޔާ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގެތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.
މިމެޗުގެ 9 ވަނަ މިނިޓުގައި ގޯދިއްޔާގެ ހަސަން އަތީފް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެޓީމުގެ 2 ވަނަ ލަނޑު 11 ވަނަ މިނިޓުގައި ޖަހައި ލީޑު ފުޅާކޮށްދިނީ އެޓީމުގެ ޙަސަން ލައުހެވެ. މި ލަނޑާއެކު މުލިމަތި ޓީމުން ވަނީ ކުރިއަށް ޖެހި ލަނޑެއްޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު 13 ވަނަ މިނިޓުގައި ޖަހައިދިނީ މުޙައްމަދު ރަޔާން މުސްއަދު މަންސޫރެވެ. މެޗުގެ 18 ވަނަ މިނިޓުގައި ގޯދިއްޔާގެ ޙަސަން އަތޫފް ވަނީ އިތުރު ލަނޑެއް އެޓީމަށް ޖަހައިދީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މުލިމަތި ޓީމުގެ މުޙައްމަދު ރަޔާން މުސްއަދު މަންސޫރު ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ގޯދިއްޔާއިން ވަނީ މުލިމަތިއަށް އިތުރު ފުރުސަތެއް ނުދީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 5-2 އަށް ބަދަލު ކޮށްފައެވެ. މެޗުގެ 57 ވަނަ މިނިޓާއި 64 ވަނަ މިނިޓުގައި މި ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ވިޝާން ހަބީބެވެ.
މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ގޯދިއްޔާގެ ޙަސަން އަތޫފެވެ. މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ކުލަބު ރިވެރިން އާއި އެފްސީ ޒެފިއާއެވެ.