ކެޔޮޅު އެޕްލިކޭޝަނާއި، ފަހިހަކަތަ އިފްތިތާހުކޮށްފި

މަސްވެރިންނަށް ޚާއްސަކޮށްގެން ފިޝަރީޒްމިނިސްޓްރީގެ ފަރާތުން މޯބައިލް ދެ އެޕްލިކޭޝަނެއް އިފްތިތާހުކޮށްފިއެވެ. މި އެޕްލިކޭޝަންތައް އިފްތިތާހުކޮށްދެއްވީ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދެވެ.

ފަހި ހަކަތަ އެޕްލިކޭޝަނަކީ ޑިއުޓީ އުނިކޮށްފައިވާ ޑީސެލް މަސްވެރިންނަށް ލުއިފަސޭހަގޮތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނާއި މަސްވެރިންނަށް ތެޔޮފޯރުކޮށްދޭ ފަރާތްތައް އެއް ޕުލެޓް ފޯމަކަށް ގެނެސްދޭނެއެވެ. އަދި ތެޔޮއެޅުމަށް ބޭނުންވާ ޓޯކަން ވަގުތުން ޖަނަރޭޓު ކުރެވި ތެޔޮއެޅުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.

މަސްވެރިންނަށް  ޑިއުޓީ އިނާޔަތް ދިނުމަށް މިނިސްޓްރީން އެކުލަވާލައިފައިވާ ޕްރޮގްރާމުގެ ތެރެއިން އެވްރެޖުގޮތެއްގައި އަހަރެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް މަސްވެރިއުޅަނދުން ސަލާމަތް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިއެޕްލިކޭޝަން ބޭނުން ވާ  މަސްވެރި އުޅަނދުފަހަރުން މި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ. މިއީ ދިވެހި ޒުވާނެއް ކަމަށްވާ ނާއިލް އަބްދުއްރަޙުމާން ފަރުމާކޮށްދެއްވި އެޕްލިކޭޝަނެކެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދެން އިފްތިތާހު ކޮށްފައިވަނީ "ކެޔޮޅު އެޕްލިކޭޝަން" އެވެ.  އެއީ ދުވަހު މަސްވެރިކަމުގެ މަޢުލޫމާތު ފޯމް ނުވަތަ ލޮގް ފޮތް މިނިސްޓްރީއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕުން މަސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވަނީ 4 ދާއިރާއަކުން މަސްވެރިކަމަށް ތަފާތު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން ދެއްވާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށްދޭ އަގުވަޒަން ކުރުމުގެ ފިލީ މިފަހަރު ލިބުނީ ގ. އާސަމް ޢަދުނާން އަލީއެވެ. މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރި ކުރުވުމަށް މަސައްކަތް ކޮށްދޭ ފަރާތަކަށް ދޭ އަގުވަޒަން ކުރުމުގެ ފިލާ މިފަހަރު ލިބުނީ ދިވެމަސްވެރިންގެ ޖަމިއްޔާއަށެވެ. މަސްވެރިކަމުގެ ދާއިރާގެ އައު ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފް ކުރުމަށާއި މަސްވެރިން އެފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށްދޭ އަގުވަޒަން ކުރުމުގެ ފިލީ މިފަހަރު ލިބުނީ މައިޒާން އިލެކްޓްރޯނިކްސް އަށެވެ. މަސްވެރިކަމާއި ކަނޑުގެ ވެއްޓާ ގުޅޭ ދިރާސާ ކުރުމާއި މައުލޫމާތު ހޯދައި ފެތުރުމަށް މަސައްކަތް ކޮށްދެއްވާ ފަރާތަކަށް މިނިސްޓްރީން ދެއްވާ ފިލާ ލިބފައިވަނީ ސ. ހިތަދޫ ނައިޓް ކުއީން ޙުސައިން ޒާހިރަށެވެ.

މިޖަލްސާގައިވަނީ 2018 ވަނަ އަހަރު މަސްވެރިކަމާ ގުޅުންހުރި އެކިކަންކަމުގައި ފާހަގަ ކޮށްލެވޭ ނަތީޖާ ހޯދައިފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންވެސް މިނިސްޓްރީން ދޭ ފިލާ ޙަވާލުކޮށްދީފައެވެ. އެގޮތުން ކެމްބްރިޖު އޯލެވެލް އިމްތިޙާނުން މެރިން ރިސޯސް މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ދަރުވަރުގެ ކާމިޔާބީ ފާހަކުރުމުގެ ގޮތުންވަނީ ފިލާދެއްވައިފައެވެ. އެ ފިލާ ހޯދީ ދަރުމަވަންތް ސްކޫލުގެ ދަރިވަރު އިބްރާހީމް ޔައިޝް ޝާކިރެވެ. މިދިޔަ އަހަރު އަގުއެއްކުރި ކަޅުބިލަމަހުގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓުކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާފަރާތަކަށް ދެއްވާ ފިލާ މިފަހަރު ހޯދީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިޓެޑަށެވެ.

މިދިޔަ އަހަރު އަގު އެއްކުރި ރީނދޫ އުރަހަ ކަންނެލީގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓުކޮށްގެން އެންމެބޮޑު އަމްދީއެއް ހޯދާފަރާތަކަށް ދޭ ފިލާ މިފަހަރު ހާސިލް ކުރީ އެންސިސް ފިޝަރީޒެވެ.

 މިދިޔަ އަހަރު އެންމެ ގިނައިން ކަޅުބިލަސް މަސް ކިރުވި ދޯންޏަކަށް ދޭ ހަނދާނީ ފިލާ ލިބުނީ ގއ. ނިލަންދޫ ހަނދުވަރީ ދޯންޏަށެވެ. އެދޯނިވަނީ 862 ޓަނު މަސް ކިރުވައިފައެވެ. އެންމެ ގިނައިން ރީނދޫ އުރަހަ ކަންނެލި ކިރުވި ދޯންޏަކަށް ލިބޭ ފިލާ ހޯދީ ބ. ތުޅާދޫ ހައިސަމް ދޯންޏަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.