އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާ ގުޅުވުމަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާކަމެއް: ޑރ. ޝަހީމް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝީމް ޢަލީ ގެ މަރާއި މައުސޫމު މީހުންނާ ގުޅުވުމަކީ އަފްރާޝީމްގެ ހަގީގީ ގާތިލުން ފޮރުވަން ކުރާކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝާހީމް މިހެން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އޭނާގެ  ބައިވެރިވުން އޮތްކަމަށް މަރުކޮމިޝަންގެ ތަހުގީގު ރިޕޯޓުން ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމުން އެއަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު މިއަދު އެވާހަކަ ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާބެހޭ ރިޕޯޓުގެ ޚުލާސާ މަޖިލީހަށް އިއްވަމުންނެވެ.

ޚުލާސާ ބަޔާން މަޖިލީހަށް އިއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ޑރ. ޝަހީމް ދެއްވި ބަޔާނުގައި ވެސް އިތުރު ފުޅު ހައްދަވައިފައިވާކަން ހާމަވާކަމަށެވެ. އަދި އޮކްޓޯބަރު ދެވަނަ ދުވަހު ރާއްޖެއިން ބޭރަށް ޑރ. ޝަހީމް ފުރައިވަޑައިގެންނެވިކަމަށް ވެސް ނަޝީދު ވަނީ ރިޕޯޓާ ޙަވާލާ ދެއްވައި ވިދާޅުވިއެވެ. އެހެންނަމަވެސް ޑރ. ޝަހީމް ވިދާޅުވީ އޭނާ މަރުކޮމިޝަނަށް ދެއްވާފައިވަނީ ތެދު މަޢުލޫމާތު ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް 2012 ވަނަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހު ބަޔަކު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ރިޕޯރޓްގައިވެއެވެ. އެމީހުން އެދުވަހު ހެދުނު ފުރައިގެން ދިޔައީ ސޫރިއާއި، ސޫދާނަށް ކަމަށްވެސް ރިޕޯގައިވަނީ ބުނެފައެވެ.

ފުރައިގެންދިޔަ މީހުންގެ ތެރޭގައި ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހީމާއި، މ. ހާދޫ، މުޙައްމަދު ނިޝާންއާއި، އިތުރު ހަތް މީހަކު ހިމެނޭކަމަށް ޚުލާސާ ރިޕޯޓުގައި  ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މީހުންނަކީ މާލޭ ދަފްތަރު 471 މުޙައްމަދު މަޒީދާއި، ތ. އޮމަދޫ އަތިރީގޭ ސާމިތު މުޙައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާޢަތުން ތަމްރީނުކޮށް އެ ޖަމާޢަތުން މާލޭގައި ހިންގާފައިވާ އެކި ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންކަމަށް ވެސް ރިޕޯރޓްގައި ބުނެފައިވެއެވެ. ހަމަ އެދުވަހު ރާއްޖެއިން ޑރ. ޝަހީމް ވެސް ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށް ޚުލާސް ރިޕޯޓުގައި ރައީސް ނަޝީދު ވިދާޅުވިޔަސް ޝަހީމް ވަޑައިގެންނެވީ ކޮން ފުލައިޓަކުން ކޮންތާކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"ޑރ. އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާ ގުޅުވަން ކުރާ މަސައްކަކަތކީ ހަގީގީ ގާތިލުން ފޮރުވަންކުރާ ކަމެކެވެ. އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރިއްޔާވާކަން މާތްﷲ ދެނެވޮޑިގެންވާނެއެވެ. ޓީވީ ޕްރޮގްރާމާ ބެހޭގޮތުން މަރުކޮމިޝަނަށް ދީފައިވާނީ ތެދު މަޢުލޫމާތެވެ." ޑރ. ޝަހީމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.