އަޑުހަރުކޮށް ކިޔަވާއިރު ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ އިޙްތިރާމް ފެނިގެންދާ ކަމެއް: ރައީސް މައުމޫން

އަޑުހަރުކޮށް ޤުރްއާން ކިޔަވާއިރު ވީހާވެސް ރީތިކޮށް ކިޔެވުމަކީ ޤުރްއާނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ފެނިގެންދާ ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީން ރޭ ބޭއްވެވި ކީރިތި ޤުރްއާނާބެހޭ މަޙްފިލް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މައުމޫން ވިދާޅުވީ މާތް ﷲ ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައި ކަމަށެވެ. ޖިބްރީލް ޢަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. ޤުރުއާން  ފަތްފުށްތަކެއްގައި ލިޔެވުނީ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އޭގެފަހުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ތަޖުވީދު ޢިލްމުގެ ހަމަތަކާއި އުޞޫލުތައް ނެގިފައިވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ޤުރްއާން ކިޔަވާވިދާޅުވެފައިވާގޮތަށް ބަލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޤުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ޤުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަޤާމުތައް ޢިލްމުވެރިންނާއި ޤާރީން ފާހަގަކުރައްވާފައިވަނީ ވެސް އެގޮތުގެ މަތީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މިސުރުގެ މަޝްހޫރު ޤާރީ ޑރ. އަޙްމަދު ނުޢައިނަޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.