މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަން ފުލުހުންގެ ތަޙްޤީޤުން ވެސް މިހާރު މިވަނީ ހާމަވެފައެވެ. މި ރިޕޯރޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން ފުލުހުން ދެނެގަނެފައި ވަނީ އެކަމަށް ޚާއްޞަ ދީނީ ޢިލްމުވެރިންގެ ޓީމެއް ލައްވާ ކުރި ޢިލްމީ ދިރާސާއަކަށް ފަހުއެވެ. ތިން ޢިލްމުވެރިއަކު ލައްވާ އެ ރިޕޯރޓްގައިވާ ކަންކަން ދިރާސާ ކުރުވަމުން ގެންދާ ކަމަށް ކުރިން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ހެދި ޢިލްމީ ދިރާސާއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އިސްލާމްދީނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށެވެ. އެމްޑީއެންގެ ރިޕޯރޓްގެ މައްސަލަ، ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ނެރުނު ކުރު ބަޔާނުގައި ވެއެވެ. ފުލުހުންގެ ތަޙްޤީޤަށް އިލްމުވެރިން އެރިޕޯރޓް ދިރާސާކޮށް ފާހަގަ ކުރައްވައިފައިވާ ކަންކަމުގެ ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ފުލުހުންގެ ތަޙްޤީޤަށް މިރިޕޯރޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން ދެނެގަނެފައި މިވަނީ މައްސަލަ ފެންނަތިވެގެން ދިޔަތާ މަހެއްހާ ދުވަސް ފަހުންނެވެ.
އެމެޑީއެން ވަނީ ސަސްޕެންޑް ކޮށްފައި – ދެން އަޅާނީ ކޮން ފިޔަވަޅެއް؟
އެމްޑީއެން ސަސްޕެންޑް ކޮށްފައިވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް، ފުލުހުން ބަލަމުން ދާތީކަމަށް ޔޫތު މިނިސްޓަރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރާ އަށް ލިބިދޭ ބާރުތަކުގެ ދަށުން އެމްޑީއެންގެ ޙަރަކާތްތައް އެދުވަހުން ފެށިގެން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.
އެމްޑިއެން ސަސްޕެންޑް ކޮށްފައިވަނީ ގިނަ ބަޔަކު އެޖަމާޢަތް އުވާލުމަށް ގޮވާލަމުން ދަނިކޮށެވެ. އަދި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވެ ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން އެރިޕޯރޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ނަމަވެސް އެޖަމްޢިއްޔާ ސަސްޕެންޑް ކުރުމަކުން ނުފުދޭކަމަށާއި ޖަމްޢިއްޔާ އުވާލައި އެކަންކުރި ބަޔަކާމެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އެމްޑީއެންގެ ރިޕޯރޓްގައި އިސްލާމްދީނާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާ މައްސަލަ ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޔޫތު މިނިސްޓްރީ އަށް ފުލުހުން ފޮނުވާފައިވާއިރު، އެމިނިސްޓްރީން އެމައްސަލައިގައި ދެން އަޅާނީ ކޮންފިޔަވަޅެއްތޯ މީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.
އެމައްސަލައާ ބެހޭގޮތުން ޔޫތު މިނިސްޓަރގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޤާނޫނުގައި ވަނީ މިފަދަ ކަންކަމަށް ދެވޭނެ ފަރުވާ ބަޔާން ކޮށްފައެވެ.
ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެ އެވެ. އަދި ކޯޓުގެ އަމުރަކާ ނުލައި ވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާއަށް ޤާނޫން ލިބިދެއެވެ. ޖަމިއްޔާއެއް ހިންގަނީ ޣައިރު ގާނޫނީ މަޤްސަދަކަށްޓަކައި ކަން ޝަރީއަތަށް ސާބިތުވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކަށްޓަކައި ޖަމިއްޔާއެއް އުވާލަން ކަމާ ބެހޭ ކޯޓަކުން އަމުރުކޮށްފިނަމަ ދަރަންޏާއި މުދަލުގެ ކަންކަން ހަމަޖައްސަން މުއްދަތެއް ދިނުމަށްފަހު ރަޖިސްޓްރާ، އެ ޖަމިއްޔާއެއް އުވާލަން ޖެހޭނެ ކަމަށް ޤާނޫނުގައި ބުނެއެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި އެޖަމްޢިއްޔާ އުވާލަން އެދި ސިވިލް ކޯޓަށް އަމިއްލަ ފަރާތަކުން ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެއްމައްސަލައިގެ އަޑުއެހުންތައް ފެށިކަމެއް އެނގިފައެއް ނުވެއެވެ.
ކަންކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ!
އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ހަމައެކަނި އެޖަމްޢިއްޔާއާ ދެތެރޭގައި ފިޔަވަޅު އެޅުމަކުން ނުފުދޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރިޕޯރޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭނެކަމަށް ގިނަ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.
އެ ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ތަޙްޤީޤަށް ޙާޒިރުވުމަށް ވަނީ އަންގައިފައެވެ. ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ އިސް ދެމެމްބަރުން ކަމުގައިވާ ޝަހިންދާ އިސްމާޢީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފްތާގެ ނޯޓިސްއެއް ދީފަ އެވެ. އަޒްރާއަށް ނޯޓިސް ދީފައި ވަނީ މިމަހު 5 ވަނަ ދުވަހުގެ މެންދުރު 1:00 ފުލުހަށް ހާޒިރު ވުމަށެވެ. އަޒުރާ އާއި ޝަހިންދާ ވެސް މިވަގުތު ތިބީ ރާއްޖެއިން ބޭރުގަ އެވެ. އެހެންކަމުން އެމީހުން ފުލުހަށް ޙާޒިރު ކުރެވޭނެތޯ ސުވާލު އުފެދެއެވެ.
އެމްޑީއެންގެ ރިޕޯރޓްގެ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ ގިނަ ބަޔަކު އަންނަނީ ފުލުހުނާއި ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ. އަދި ސިޕީ މުޙައްމަދު ޙަމީދަކީ ކުރިން އެމްޑީއެންގެ މެމްބަރެއްގެ ގޮތުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅަކަށް ވުމުން އޭނާ އެމަޤާމްގައި ހުންނަވައިގެން މިމައްސަލައިގައި އިންސާފުވެރި ތަޙްޤީޤެއް ހިންގޭނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ސީޕީ ވަނީ ދެއްވައިފައެވެ.
މާތްވެގެންގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމަތްކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމްގެ ތެރެއިން، ތަޙްޤީޤްކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއްކަމާށާއި އެކަން މިސަރުކާރުން ކުރާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޤާނުނުއަސާސީ އާއި ޤާނޫނުތަކުގައި ބުނާގޮތުން ޝައްކެއްނެތް މިންވަރަށް އެމްޑީއެންއާއި އެމްޑީއެންގެ ރިޕޯޓް ތައްޔާރުކުރުމުގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަށް ކުށްވެރި ވެފައިވާ ކަމަށް އިސްލާމީ ޝަރީޢާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައިފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ. އެރިޕޯރޓް ތައްޔާރު ކުރުމުގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވި ފަރާތްތަކަށް ޤާނޫނު ތަންފީޒުކުރުމުގެ ހަމަތަކުގެ ތެރެއިން އަދަބު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ދީނީ ޢިލްމުވެރިންގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝައިޚް ޢަލީ ޒާހިރު ވަނީ މިފަރާތްތައް ކުށްވެރިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ކޮން މާއްދާތަކަކުން ކިހިނެއްކަން ވަރަށް ރަނގަޅަށް ސާފުކޮށް ދެއްވައިފައެވެ.