މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން)ގެ ރިޕޯރޓް މައްސަލައިގައި ތަޙްޤީޤަށް ޙާޒިރުވުމަށް ދީފައިވާ މުއްދަތު ހަމަވީއިރު އެޖަމްޢިއްޔާގެ އިސްފަރާތެއްކަމުގައިވާ ޝަހިންދާ އިސްމާޢީލް ވެސް ފުލުހަށް ހާޒިރެއް ނުވެއެވެ. އެކަން ފުލުހުން ވަނީ އާފަތިސް އޮންލައިންނަށް ކަށަވަރުކޮށްދެއްވައިފައެވެ.
ނަމަވެސް ޝަހިންދާ ހާޒިރުވުމަށް ދެއްވައިފައިވާ މުއްދަތު ހަމަވީ ކޮންއިރަކުކަމެއް އަދި ހާޒިރުނުވީ ކޮންސަބަބަކާ ހުރެކަމެއް އަންގައިފައިވާކަމާމެދުވެސް ފުލުހުން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. އެމީހުން ތަޙްޤީޤަށް ހާޒިރު ކުރުމަށް ކުރައްވަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްޞީލެއް ވެސް ހާމައެއް ނުކުރައްވައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަޤީންކަން ނެތްކަމަށް ފާހަގަކޮށް ރާއްޖެ އައުމަށް އުޒުރުވެރިވާކަމަށް، އެމްޑީއެން ގެ އިސް ފަރާތެއްކަމުގައިވާ އަޒްރާ ނަސީމް، ފުލުހަށް ހާޒިރު ވުމަށް ދެއްވި މުއްދަތު ހަމަވުމުގެ ކުރިން ވަނީ އަންގައިފި އެވެ. މިދެ މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ.
ޝަހިންދާ އާއި އަޒްރާ އަކީ އެމްޑީއެން އިން، އިސްލާމާދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯރޓް ލިޔުމުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުގައި ތަޙްޤީޤަށް ޙާޒިރުވުމަށް ފުލުހުން ޗިޓް ފޮނުއްވި ދެ މީހުންނެވެ. މިދެމީހުން ފުލުހަށް ހާޒިރުވުމަށް ދެ ހަފަތާގެ މުއްދަތެއް ފުލުހުން ދެއްވިއެވެ. މިދެމީހުންގެ އިތުރުން އިތުރުބަޔަކަށް ޗީޓް ފޮނުވިކަމެއްވެސް އަދި ނުފޮނުވާކަމެއް ވެސް ފުލުހުން ޔަޤީން ކޮށެއް ނުދެއްވައެވެ.
އެމްޑީއެން އުވާލުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. އެކަން ހާމަކުރައްވައި ޔޫތުމިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ އެ ޖަމިއްޔާ އުވާލަން ނިންމެވީ އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ކަށަވަރުވެފައިވާތީ ކަމަށެވެ. އެމްޑީއެން އުވާލުމުގެ ކުރިން ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް މިމަހު ފަސްވަނަ ދުވަހުން ފެށިގެން 45 ދުވަހު މުއްދަތެއް އެޖަމްޢިއްޔާއަށް ވަނީ ދީފައެވެ.