އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ ތަހުގީގު ނިމުމަކަށް އައިސްފައިވާ ކަމަށް ފުލުހުންވިދާޅުވެއްޖެއެވެ. މިހާރުކުރިއަށްދާ ނިއުސްކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ އެތަހުގީގުން ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި، އެސްއޯއެފްގެ ބައިވެރިންގެ ފޯންތަކުން ވަރަށް ބައިވަރު މައުލޫމާތުވަނީ ލިބިފައި ކަމަށެވެ.
ރިޔާޒު ވިދާޅުވީ މުޅި ތަހުގީގަށް ބަލާއިރު ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އަޙުމަދު އަދީބު ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަފްސީލް ފުލުހުންނާ ޙިއްސާ ކުރެއްވުމަށް ވެސް އެއްބަސްވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ އަދީބު އެވާހަކަތައް ޙިއްސާ ކުރެއްވުމުން އޭނާގެ މައްޗަށް އަންނަ ޙުކުން ވިހި އަހަރަށް ހެދުމަށްވަނީ އެއްބަސް ވެފައި ކަމަށެވެ. އެގޮތަށް އެއްބަސްވެފައިވަނީ އެކަންކަމަށް އަދީ އެއްބަސްވެފައިވާތީއެވެ. ރިޔާޒު ވިދާޅުވީ އަދީބުވަނީ ތަހުގީގުގައި ފުލުހުންނަށް އެއްބާރުލުންދީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ހުރިހާ ތަފްސީލެއް ދެއްވުމަށް އެއްބަސްވެފައި ކަމަށެވެ. އަދި އޭނާ ވަނީ ފުލުހުންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފައި ކަމަށް ވިދާޅުވިއެވެ. އަދި ފޯނާއި ލެޕްޓޮޕްގައި ހުރި މަޢުލޫމާތު ވެސް އަދީބުވަނީ ދީފައެވެ. އެމްއެމްޕީއާރުސީގެ ފައިސާ ބެހިގެންދިޔަ ގޮތުގައި ތަހުގީގަށް މިހާރުވަނީ އެނގިފައި ކަމަށް އޭނާ ވިދާޅުވިއެވެ.