ފާނޫޒު - 77

(13 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޕަންޖާބް ޔުނިވަރސިޓީ އިން މާސްޓަރސް އިން ސައެންސް ނިންމުމުން ފާމެސިއުޓިކަލް ކޮމްޕެނީއަކުން ޑރ. ސިބްތެ ޢަލީ އިމާމާއަށް ރަނގަޅު ވަޒީފާއެއް ހޯދައިދިނެވެ. މިއީ މާލީ ގޮތުން އޭނާ އަށް މިނިވަންކަން ލިބުނު ފުރަތަމަ ފަހަރެވެ. މިއީ މައިންބަފައިންގެ ގޭގައި އޭނާ ދިރިއުޅުން ވޭތުކުރި ގޮތެއް ނޫނެވެ. އަދި ހުވަފެނަކުންވެސް ދުށް ދިރިއުޅުމެއް ނޫނެވެ. މައިންބަފައިންނާ ގެދޮރާއި މުދާ ދޫކޮށް އައިސް މިފަދަ ދިރިއުޅުމެއް ލިބިދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. މި ކުރު ދަތުރުގައި ދިމާވީ ކަންކަން އެހެން މީހަކަށް ކިޔައިދޭނޭ ހިތްވަރެއް އޭނާގެ ނެތެވެ. ނަމަވެސް އެ ދަތުރު ފެށިފަހުން، ސިލްސިލާ ގޮތެއްގައި އޭނާ އަށް ދިމާވެފައި ހުރީ މުޢުޖިޒާތެއް ފަދަ ކަންކަމެވެ. ސާލާރް ސިކަންދަރް ފަދަ ވިޔާނުދާ މީހެއްގެ އެހީއާއެކު މައިންބަފައިން ދޫކޮށްފައި ގެއިން ނިކުތުން... ޑރ. ސިބްތެ ޢަލީ ފަދަ މާތް މީހަކާއި ދިމާވުން... ސަޢީދައްތަ ފަދަ ހިތްހެޔޮ މީހެއްގެ ޢާއިލާގެ މެންބަރަކަށް ވުން... މާސްޓަރސް އާ ހަަމައަށް ކިޔެވުމުގެ ފުރުޞަތު ލިބުން... އަދި މިހާރު ހުރި ވަޒިފާ... މަންޒިލެއް ނެތި ފެށި ދަތުރު މިގޮތަށް ނިމުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކަށް އޭނާ އެންމެ ހިތާމަކުރާ ހަމައެކަނި ކަމަކީ ޖަލާލް އަންޞާރް އާއި ކާވެނި ނުކުރެވުމެވެ. ޖަލާލް އާ އިނދެވުނު ނަމަ އޭނާ ވީހީ މި ބިންމަތީގައި ހުރި އެންމެ ނަސީބުގަދަ މިހާއަށެވެ. މީގެ އަށް އަހަރުކުރިން ފެށި ދަތުރުގައި، މި ހިސާބަށް އާދެވުނު އިރު އޭނާގެ ދިރިއުޅުން ވަނީ މުޅިން ބަދަލުވެފައެވެ. ގެއިން ނިކުތް އިރު މައިންބަފައިންނާ، އާއިލާ އާއި ގޭތެރެއިން ލިބުނު ލޯތްބާއި އަޅާލުން ދެން ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެހެން މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް ނޭދެން އޭނާ އަޒުމް ކަނޑައެޅިއެވެ. އަދި ހިތުގައި ޖެހޭ ކަމެއް އެހެން މީހެއްގެ ފަރާތުން ދިމާވިޔަސް އެކަމަކުން އަމިއްލަ ނަފްސަށް އަސަރު ފޯރުވިޔަ ނުދޭން އޭނާ ނިންމިއެވެ. ހަރުދަނާ މީހަކަށް މިއަދު ވެވުނީ އޭނާގެ އަމިއްލަ ހިތްވަރުންނެވެ. ކުރިން އުޅުނުހެން ކުދިކުދި ކަންތައްތަކާ ރޮއި ހިތާމައެއް ނުކުރެއެވެ. އޭނާ އަކީ މީގެ ކުރިން ހުރި އިމާމާ ހާޝިމް އެއް ނޫނެވެ. އޭނާއަކީ ހިތްވަރު ގަދަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ މީހެކެވެ. މީހުންނާއި މުއާމަލާތްކުރާ ގޮތާއި މީހުންނާ އެކު އުޅޭ ގޮތަށް ވެސް ވަނީ ބަދަލުވެފައެވެ. އެއްވެސް މީހަކަށް މިއަދު އޭނާ ކުޑަކޮށެއް ނުލެވޭނެއެވެ.

ޑރ. ސިބްތެ ޢަލީ އާއި ސަޢީދައްތަ، އަދި އެ ދެ ޢާއިލާ އިން އޭނާއަށް ދިން ލޯތްބާއި އަޅާލުން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެ ދެ ޢާއިލާ ހިތްބަރުވާނެ ފަދަ ކަމެއް އޭނާ ދުވަހަކުވެސް ނުކުރާނެއެވެ. މިއީ މައިންބަފައިންނާ އެކު ދިރިއުޅުނު އިރު އޭނާ ވިސްނަން ޖެހުނު ކަންކަމެއް ނޫނެވެ. މިއީ ދަސްކުރަން ޖެހުނު އާ ސިފައެކެވެ.

ސަޢީދައްތަ އަށް ވީނުވީ އެއް ނޭނގި ގެއްލުނު ދުވަހު އިމާމާ އުޅުނީ އޮފީހުގައެވެ. އޭނާ އެނބުރި އައި އިރު ގެ ހުރީ ތަޅުލާފައެވެ. ނަމަވެސް އިމާމާ އެކަމަކާ ހާހެއް ނުވެއެވެ. ސަޢީދައްތަ އަކީ އަބަދުވެސް އަވަށްޓެރިންނަށް ޒިޔާރަތްކޮށް އުޅޭ މީހަކަށް ވާތީއެވެ. އޮފީހުން ނިމިގެން އޭނާ އެނބުރި ގެއަށް އަންނައިރު، ކިތަންމެ ދުވަހަކު ސަޢީދައްތަ ގެއަކު ނޫޅެއެވެ. އިމާމާ ގެއަށް ވަން އިރު ހަވީރު ހަތަރެއް ޖެހީއެވެ. މަޣްރިބް ނަމާދުގެ ބަންގީގެ އަޑާއެކު އިމާމާ ކަންބޮޑުވާން ފެށިއެވެ. އިރު އޮއްސުމުގެ ކުރިން ސަޢީދައްތަ އަބަދުވެސް ގެއަށް އާދެއެވެ. ސަޢީދައްތަ އުޅޭތޯ ބަލަން އިމާމާ އަވަށްޓެރިއެއްގެ ގެއަށް ދިޔައެވެ. އެގޭ ކުއްޖަކު ހެނދުނު ސަޢީދައްތަ ބިލާލްމެންގެއަށް ގެންގޮސް ލީ ވާހަކަ އެ މީހުން ބުންޏެވެ. އިމާމާ ބިލާލް ގެ ގެއަށް ފޯނުކުރިއެވެ. ސަޢީދައްތަ މެންދުރު ގެއަށް ދިޔަ ވާހަކަ އެ މީހުން ބުންޏެެވެ. ސަޢީދައްތަ އުޅޭތޯ ބަލަން އޭނާ ދާނެހެން ހީވާ ހުރިހާ ގެއަކަށް އިމާމާ ފޯނުކުރިއެވެ. ނަމަވެސް އެއިން އެއްވެސް ގެއަކަށް އޭނާ ދިޔަކަމަށް ނުވިއެވެ. އެންމެ ފަހުން އިމާމާ ޑރ. ސިބްތެ ޢަލީ އަށް ގުޅިއެވެ. އަދި ސަޢީދައްތަ ވީނުވި ތަނެއް ނޭނގޭކަމަށް ބުންޏެވެ.

އިމާމާ އެންމެ ކަންބޮޑުވީ ކަމަކީ ސަޢީދައްތައަށް ބިލާލް މެންގެ ހުންނަ ސަރަހައްދު ނޭނގޭނެތީ އެވެ. ސަޢީދައްތަ އުޅޭ ހިސާބު އޭނާއަށް ރަނގަަޅަށް އެނގޭނެއެވެ. އެއަށްވުރެ ދުރަށް ދާންވެއްޖެނަމަ އެތަނަކަށް ގެންގޮސްދެނީ ކޮންމެވެސް އަވަަށްޓެރިއެއްގެ ކުއްޖެކެވެ. ނުވަތަ އިމާމާ އެވެ.

ސައީދައްތަ އާ ޚިލާފަށް ސާލާރް އަށް މުޅި ލާހޯރް ރަނގަޅަށް އެނގެއެވެ. ނަމަވެސް ސަޢީދައްތަގެ ގެ ހުންނަ ސަރަހައްދެއް ނޭނގެއެވެ. އެ ސަރަހައްދު އެއްވެސް ވަރަކަށް އެނގޭނަަމަ ސަޢީދައްތަ ގޮވައިގެން ގެއަށް ދެވުނީހެވެ.

ޑރ. ސިބްތެ ޢަލީ އިމާމާއަށް ގުޅި އިރު ރޭދެބައި ވެއްޖެއެވެ. އަދި ސައީދައްތަ ވީ ތަނެއް އެނގިއްޖެ ކަމަށާއި ވަރަށް އަވަހަށް ގެއަށް ދާނެ ކަމަށް އިމާމާ ގާތު އޭނާ ބުންޏެވެ. އިމާމާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

އޭގެ ގަޑިއެއް ހައި އިރު ފަހުން އެގޭ ދޮރުގެ ރަނގަބީލު ޖެެހުނެވެ. އިމާމާ ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ސަލާން ގޮވައި އޭނާ އާއި ސައީދައްތަ ހަވާލުކުރީ ރޫފަ ހެޔޮ، ރީތި ފިރިހެނެކެވެ. ސައީދައްތަ ހުރީ އޭނާގެ ފަހަތުގައެވެ. އިމާމާއަށް ދެން ހުރި މީހަކު ނޭނގުނެވެ. އޭނާ ހުރީ އިމާމާއަށް ފުރަގަސްދީގެންނެވެ. އިމާމާ ސައީދައްތަ ގައިގަ ބައްދާލިއެވެ. އިމާމާ އާއި ސަޢީދައްތަ ޙަވާލުކޮށްފައި އެ ދެ ފިރިހެނުން އެނބުރި ދިޔައެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ސަޢީދައްތަ އޭނާއަށް އެހީތެރިވި ދެ ފިރިހެނުންގެ ވާހަކަ ދައްކައެވެ. އެއީ ފުރްޤާން އާއި ސާލާރް އެވެ. އިމާމާ އަކަށް ސާލާރް އާއި ސާލާރް ސިކަންދަރް އާއި ގުޅުވައެއް ނުލެވުނެވެ. މަރުވެފައިވާ މީހުން ކަށްވަޅުން ތެދުވެގެން ނާންނާތީއެވެ. އެހެން ނޫނަސް ސާލާރް ސިކަންދަރަކީ މިހަކަށް އެހީއެއްވާނެ ކަހަލަ މީހެއް ނޫނެވެ. އަދި ސަޢީދައްތަ އެ ބުނާ ކަހަލަ އެއްވެސް ސިފައެއް ސާލާރްގެ ކިބަޔަކު ނުހުންނާނެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަންހެނުންނާ އެކު ފުރްޤާން އެގެއަށް އައެވެ. އެއީ އިމާމާ އާއި ފުރްގާން ބައްދަލުވީ ފުރަތަމަ ދުވަހެވެ. ފުރްޤާން އާއި އޭނާގެ އަންހެނުން އިމާމާއަށް ވަރަށް ކަމުދިޔައެވެ. އެ ދުވަހަށް ފަހު ފުރްޤާން އާއި އޭނާގެ އަންހެނުން ސަޢީދައްތަގެ ގެއަށް އާދަވެގެން ޒިޔާރަތްކުރެއެވެ. އިމާމާ އާއި އެ މީހުންނާ ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.

***

އިމާމާ ވަޒީފާއަކަށް ދާން ފެށި ފަހުން ދެ އަހަރު ވީއެވެ. ޑރ. ޖަލާލް އަންޞާރްގެ ހޮސްޕިޓަލް އޭނާ އަށް ނުފެނުނު ނަމަ އޭނާގެ ދިރިއުޅުމަށް އިތުރު ބަދަލެއް ނައީހެވެ. ހޮސްޕިޓަލުގައި ރަން އަކުރުން ކަނޑައި ނަގާފައިވަނީ ޑރ. ޖަލާލް އަންޞާރް ގެ ނަމެވެ. އެ ނަން ފެނުމާއެކު ބޭއިޚްތިޔާރުގައި އިމާމާ ހުއްޓުނެވެ. އޭނާ އިރުކޮޅަކު އެ ނަމަށް ބަލަހައްޓައިގެން ހުއްޓެވެ. އެތަނުން އޭނާ ދިޔައީ ދުވަހަކުވެސް އެ މަގަށް ނޭރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އޭނާ ގެއިން ނިކުތް ދުވަހު ޖަލާލް މީހަކާ އިނދެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނެވެ. އެހެންކަމުން ޖަލާލްގެ ޙަޔާތުގައި އެއްވެސް ގޮތަކަށް ބައިވެރިވުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. ނަމަވެސް އެ ނިންމުން މާ ގިނަ ދުވަހަކު ދެމިއޮންނަ ގޮތެއް ނުވިއެވެ.

އޭގެ ދެ ހަފްތާ ފަހުން އޮފީހުގައި އުޅެނިކޮށް އޭނާ އާ ރާބިޔާ އާއި ދިމާވިއެވެ. ރާބިޔާ އެތަނަށް ދިޔައީ ކަމަކުއެވެ. ރާބިޔާ ފެނުމުން އިމާމާ އާގަމަ ވެފައި ހުރީއެވެ. ރާބިޔާ އޭނާގެ ގައިގައި ބައްދާލާފައި ސާލާން ކުރިއެވެ. "އިމާމާ. ކޮންތާކު އުޅެއުޅެފަ ތި އައީ؟ އިމާމާ ގެއްލުމުން މުޅި ކޮލެޖާއި ހޮސްޓެލް އަށް ބޮޑު ތޫފާނެއް އައި."

އިމާމާ ހިނިތުންވެލާފައި ޖަވާބު ދިނެވެ. "އަހަރެން ގެއިން ނިކުމެގެން ދިޔައީ. އެއީ ކީއްވެގެންކަން މިހާރު އޮންނާނީ އެނގިފައި." އިތުރު ތަފްޞީލެއް ދޭކަށް އިމާމާ ބެނުމެއް ނުވިއެވެ.

"އާނ. ހީވަނީ އެނގޭހެން. އެކަމަކު އަހަރެން އެއްވެސް މީހަކާ އެ ވާހަކައެއް ނުދައްކަން. އަހަރެމެން އެންމެންނަށް ވެސް އެތައް ތަކުލީފެއް ކުރިމަތިވި އިމާމާ ފިލައިގެން ދިޔައިމަ. އަހަރެން، ޖުވައިރިއްޔާ، ޒައިނަބް... ފުލުހުން އަހަރެންމެންނަށް ދެވަރުން އެއްވަރުކުރި. އެކަމަކު އަހަރެމެން އެކަކަށް ވެސް ނޭނގުނު އިމާމާ ވާނެ ތަނެއް ބުނެދޭކަށް. އިމާމާ އޭ ކިޔައިގެން ވަރަށް ފާޑުފާޑުގެ އަޑުތައް އެރި، ކޮލެޖުގައި ވެސް، ހޮސްޓެލްގައިވެސް."

ރާބިޔާ އެއް ނޭވައިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. "އެކަނިތަ ދިޔައީ؟" ކުއްލިއަކަށް އޭނާ އެހިއެވެ.

"އާނ." ސައިގެންނަން ބުނަން އިންޓަރކޮމް އަށް ފިތާލަމުން އިމާމާ ބުންޏެވެ.

"ކޮންތާކަށް ދިޔައީ؟"

"އެއްވެސް ތާކަށް ނޫން. އަހަރެން އުޅުނީ މިތާ، ލާހޯރްގައި. ދެން ކިހިނެެއްތަ؟ ކޮބާ ޖުވައިރިއްޔާ؟"

"އަހަރެން އުޅެނީ މިތާ، ލާހޯރްގައި. ޖުވައިރިއްޔާ ވީ އިސްލާމްއާބާދްގައި، ވަޒީފާގައި. އޭނާ އުޅެނީ ޑޮކްޓަރަކާ އިނދެގެން.  އަަހަރެން އިނީ ފާރޫޤް އާ. ފާރޫޤް އެނގޭ ދޯ؟ އިމާމާ މެން ކޮލެޖުގަ އުޅުނެއްނު."

އިމާމާ ހީނލިއެވެ. "ކޮބާ ޒައިނަބް؟" އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެެވެ.

"ޒައިނަބް ވީ ލަންޑަންގައި. ފިރިމީހާއާއެކު. އަހަރެންގެ ފިރިމީހާ މަސައްކަތް ކުރަނީ އޭނާގެ ބޭބެގެ ހޮސްޕިޓަލުގައި."

"ޖަލާލް އަންޞާރް ގެ ހޮސްޕިޓަލުގައި؟" ބޭއިޚްތިޔާރުގައި އިމާމާ އެހިއެވެ.

"އާނ. ޖަލާލް ގެ ހޮސްޕިޓަލުގައި. އޭނާ ސްޕެޝަލައިޒްވެގެން އައިސް ހޮސްޕިޓަލް ހުޅުވީ. ވަރަށް ރަނގަޅުވާނެ. އެކަމަކު އޭނާ ވެސް އުޅެނީ އެހާ ހަމަޖެހިގެނެއް ނޫން. ކާވެނި ވެސް ރޫޅިއްޖެ."

"ވަރިވީއޭ... އެއީ ކީއްވެ؟"

"ނޭނގޭ ކީއްވެގެން ކަމެއް. ފާރޫޤް ގާތު ބުނީ ނޫޅެވިގެންނޭ. އެ އަންހެން ކުއްޖާއަކީ ވެސް ވަރަށް ރަނގަޅު ކުއްޖެއް. އެވެސް ޑޮކްޓަރެއް. އަހަރެމެންނާ އޭނާއާ ވަރަށް ގާތްވާނެ. އަހަރެެމެން އެގެއަށް ވަރަށް ގިނައިން ދަން. އެކަމަކު ދުވަހަކުވެސް ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް އުޅޭ ކަމެއް ފާހަަގައެއް ނުކުރެވޭ. އެ ދެ މީހުންގެ ދަރިފުޅަށް މިހާރު ތިން އަހަރު، ފިރިހެން ކުއްޖެއް. އޭނަ ހުންނާނީ ޖަލާލް ގާތު. އެ ކުއްޖާގެ މަންމަ މިހާރު އުޅެނީ އެމެރިކާގަ."

ހަމަ އެ ނޭވާގައި އޭނާ މައުޟޫއު ބަދަލުކުރިއެވެ. "އިމާމާ ކިހިނެއް؟ މިތާ މަސައްކަތް ކުރަނީ ކީއްވެ؟ މެޑިސިން ކޯހަށް ކިހިނެއްވީ؟ ޑިގްރީ ނުނިންމަންތަ؟"

"އަހަރެން މާސްޓަރސް ހެދީ ކެމިސްޓްރީ އިން."

"މީހަކާ އިނދެފިންތަ؟"

"ނޫން. އަދި ނީންނަން."

"ކޮބާ މައިންބަފައިން؟ ދިމާވެެއްޖެތަ؟"

"ނޫން." އިމާމާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.

އިރުކޮޅަކު އިނދެފައި ރާބިޔާ ހިނގައްޖެއެވެ. އިމާމާގެ މުޅި ދުވަސް ޚަރާބުވީއެވެ. ރާބިޔާ އާއި ދިމާވުމުން ޖަލާލް އަންޞާރްގެ ހަނދާންތައް ތާޒާވިއެވެ. ޖަލާލްގެ ހަނދާންތަކާ ދުރަކަށް އޭނައަކަށް ނުދެވެއެވެ. ޖަލާލް އާ މެދު އޭނާގެ ހިތުގައި އޮތް ލޯބި މިއަދު އަނެއްކާވެސް އޭނާއަށް އިހުސާސްކުރެވެން ފެށިއެވެ. އޭނާ ޖަލާލް އާ ދުރުގައި އުޅެން ނިންމީ އޭނާގެ ސަބަބުން ޖާލާލް އަށް އިތުރު މައްސަލައެއް މެދުވެރިވިޔަ ނުދިނުމަށެވެ. ޖަލާލް އަކީ މިނިވަނެއްކަން އެނގުމުން ޖަލާލް އާ ވަކިން އުޅެން އޭނާއަށް އުނދަގޫވަނީއެވެ. މީގެ އަށް އަހަރު ކުރިން ޖަލާލް އާ ނީނދެވުމުން އޭނާ ރުއި ރުއިމުގެ ހަނދާންތައް އަލުން އާ ވާން ފެށިއެވެ. އެ ދެ މީހުންގެ ކާވެންޏަށް މެދުވެރި އެކި ކަހަލަ ހުރަސްތައް ނައްތައިލުމުގެ ބާރެއް އޭރު ޖަލާލް އަށް ވެސް އަދި އިމާމާ އަށް ވެސް ލިބިފައި ނެތެވެ.

ނަމަވެސް މިހާރު އެ ހުރަސްތަކެއް ނެތެވެ. ޖަލާލް މީހަކާ އިނދެވަރިވެފައި ހުއްޓަސް، ނުވަތަ އޭނާގެ ތިން އަހަރުގެ ދަރިއެއް ހުއްޓަސް އިމާމާއަށް މައްސަލެއް ނެތެވެ.

"ޖަލާލް އާ ބައްދަލުކުރަން ދާންވީ." ޖަލާލް އާ ބައްދަލުކުރަން އިމާމާ ނިންމިއެވެ. "އަހަންނާ ދޭތެރޭ މިހާރުވެސް އޭނާ ނުވިސްނާ ކަމެއް ނޭނގޭ. އޭނާއަށް ހެދުނު ގޯސް މިހާރު ގަބޫލުކުރާނެކަން ނޭނގޭ." ފޯނުން އޭނާއާ ވާހަކަ ދެކެވުނު އެންމެ ފަހު ދުވަހު އޭނާ އިމާމާގެ ހިތުގައި ޖެއްސިއެވެ. އިމާމާ ހުރީ ޖަލާލް އަށް މާފުކުރަން ތައްޔާރަަށެވެ. އަންހެން ކުއްޖަކަށްޓަކައި އެއްވެސް މީހަކު ހުރިހާ ކަމެއް ގުރްބާނެއް ނުކުރާނެއެވެ. އޭޭރު އޭނާގެ ކުރިމަތީގައި މައންބަފައިންނާ، ކިޔެވުން އޮތެވެ. އެ ހުރިހާ ކަމެއް ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އަހަންނެކޭ އެއްފަދައިން އޭނާ ވެސް ހުރީ ގޮތް ހުސްވެފައެވެ. އިމާމާގެ ހިތަށް އެރިއެވެ. ޖަލާލްގެ ހަރުކަށި ބަސްތަކުން މިހާރު އޭނާއަކަށް އަސަރެއް ނުކުރެއެވެ. އަދި އެއީ ޖަލާލް އާ ބައްދަލުކުރަން އޮތް ހުރަހެއް ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރެއެވެ.

"ދާންވީ ޖަލާލް އާ ބައްދަލުކުރަން. ވެދާނެ މިއީ އަހަންނަށް ދެއްވާ ދެވަނަ ފުރުޞަތެއް ކަމަށް ވެސް. ވެދާނެ އަހަރެންގެ ހުރިހާ ދުޢާއެއް އިޖާބަ ކުރެއްވީ ކަމަށްވެސް. އެހެން ނޫނީ ކުއްލިއަކަށް އަހަންނާ ރާބިޔާ އާއި ދިމާވާންވީ ކީއްވެ؟ ޖަލާލް ހުސްހަށިބައި ވެފައި ހުރިކަން އަހަންނަށް އެނގެންވީ ކީއްވެ؟ އަހަންނާ އޭނާއާ ބައްދަލުވެއްޖެ ނަމަ...." ޖަލާލް އާ ބައްދަލުކުރުމަށް އިމާމާ ނިންމިއެވެ.

***

"ޑރ. ޖަލާލް އަންޞާރް އާ ބައްދަލުކުރެވިދާނެތަ؟" އިމާމާ އެހިއެވެ.

"އެޕޮއިންޓްމެންޓް ހެއްދިންތަ؟" ރިސެޕްޝަނިސްޓް އެހިއެވެ.

"ނޫން."

"އެޕޮއިންޓްމެންޓެއް ނެތި ބައްދަލެއް ނުކުރެވޭނެ. އެޕޮއިންޓްމެންޓް ނެތް މީހުންނަކާ ޑޮކްޓަރ އަންޞާރް ބައްދަލެއް ނުކުރާނެ." އޭނާ ބުންޏެވެ.

"އަހަންނަކީ ބަލި މީހެއް ނޫން. އަހަންނަކީ ޖަލާލްގެ ރައްޓެއްސެއް." އިމާމާ ބުންޏެވެ.

"ބައްދަލުކުރަން އަންނަކަން ޑޮކްޓަރ އަންޞާރް އަށް އެނގޭނެތަ؟"

"ނޫން."

"މަޑުކުރޭ." ރިސެޕްޝަނިސްޓު ފޯނުގެ އަތްގަނޑު ނެގިއެވެ. "ކޮން ނަމެއް ކިޔަނީ؟"

އިމާމާ ޖަވާބު ނުދިނުމުން އޭނާ ސުވާލު ތަކުރާރު ކުރިއެވެ. "ކޮން ނަމެއް ކިޔަނީ؟"

"އިމާމާ ހާޝިމް." އޭނާގެ އަސްލު ނަން މީހެއް ގާތު އެންމެ ފަހުން ބުނީ ކޮން ދުވަހަކު ކަމެއް އިމާމާ ހަނދާނެއް ނެތެވެ.

"އިމާމާ ހާޝިމް އެބަހުރި ބައްދަލުކުރަން އައިސް." ރިސެޕްޝަނިސްޓު އިންޓަރކޮމް އިން ބުންޏެވެ. އަދި އިމާމާ އާ ދިމާއަށް އެނބުރިލާފައި ހިނިތުންވެލަމުން އޭނާ ބުނެލިއެވެ. "ވަދޭ އެތެރެއަށް."

އޭރު ޑޮކްޓަރުގެ ކޮޓަރިން ބަލިމީހަކު ނުކުންނަނީއެވެ. އިމާމާ އެތެރެއަށް ވަނެވެ. ޖަލާލް އިނީ ޑެސްކެއްގެ ކައިރީގައި އިށީނދެގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އިމާމާއަށް އޭނާގެ ހިތް ބާރަށް ތެޅޭ އަޑު އިވެއެވެ. އެ ދެ މީހުން ބައްދަލު މިވަނީ އަށް އަހަރަށް ވުރެ ގިނަ ދުވަސްފަހުންނެވެ.

"އިމާމާ، އަހަންނަށް ގަބޫލެއް ވެސް ނުކުރެވޭ. ކިހިނެއް ހާލު؟"

"ރަނގަޅު. ޖަލާލް ކިހިނެއް؟" ޖަލާލް އަށް ބަލަހައްޓައިގެން ހުރެ އިމާމާ އެހިއެވެ. އަށް އަހަރު ފާއިތުވެދިޔަ އިރުވެސް އޭނާ އެ މޫނެއް ހަނދާނެއް ނުނެތެއެވެ. އެ އަޑަކީ އަށް އަހަރުތެރޭ އޭނާ އެންެމެ އަޑުއަހާލަން އިންތިޒާރުކުރި އަޑެވެ.

"އަހަރެންވެސް ރަނގަޅު." ގޮނޑިއަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.

ޖަލާލް އާ ބައްދަލުވެއްޖެނަމަ އޭނާގެ ހިތަށް ފިނިކަމެއް ލިބޭނޭކަމަށް އޭނާ އަބަދުވެސް ގަބޫލުކުރިއެވެ. އެހެންނަމަވެސް ޖަލާލް އާ މިގޮތަށް ބައްދަލުވާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.

"ކޯޗެއް ގެންނަންވީ؟ ސައި؟ ކޮފީ؟ ކޯކެއް؟" އޭނާ އެހިއެވެ.

"ޖަލާލް އަށް ފެންނަ އެއްޗެއް." އިމާމާ ބުންޏެވެ.

"ކޮފީ ގެންނަމާ."

އޭނާ ރިސެޕްޝަނިސްޓަށް ގުޅައި ކޮފީ ގެންނަން އެންގިއެވެ. މި އަށް އަހަރުތެރޭގައި ޖަލާލް އަށް އައިސްފައިހުރި ބަދަލު އިމާމާއަށް ފެނުނެވެ. އޭނާގެ ތުނބުޅިއެއް ނެތެވެ. އޭނާގެ ހެޔަރސްޓައިލް ވަނީ މުޅިން ބަދަލުވެފައެވެ. ކުރިއަށްވުރެ މިހާރު ފަލައެވެ. މީހާ މާ ހަރުދަނާ ކަމަށް ދައްކައެވެ.

"ކޮންތާކު ތިއުޅެނީ؟" ފޯނު ބާއްވަމުން ޖަލާލް އެހިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.