ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ އައްޑޫ ސިޓީކައުންސިލާއި އައްޑޫ ރައްޔިތުން ވަރަށްގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީކަމަށެވެ. ގިނަދުވަހެއް ނުވެ އައްޑޫ ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބޭނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިއީ އައްޑޫގެ އިތުރަށް އެންމެ ދެކުނުގެ އަތޮޅުތަކަށް ވެސް ލިބުގެންދިޔަ ކުރިއެރުމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މި އެއްބާސްވުމާ އެއްގޮތަށް އައްޑޫގެ 6 ސަރަޙައްދަކުން ފަތުރުވެރި ކަމަށް ބިންދޫކުރެވޭނެ ކަމަށް ޢަބްދުﷲ ޞާދިޤު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް އައްޑޫއިން ބިން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ގެސްޓު ހައުސްއެއް އަޅާކަމަށްވާނަމަ ދެވޭނީ ފަސް ހާސް އަކަފޫޓުގެ ބިމެކެވެ. ސީޓީ ހޮޓަލެއް އަޅާކަމަށްވާނަމަ ދިހަހާސް އަކަފޫޓެވެ. އެއީ މިހާރުގެ ޤާނޫނުގައި ވެސް އޮންނަ މިންވަރު ކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ޑިމޮކްރަސީއަށް ރާއްޖެކުރި ދަތުރުގެ އެންމެ ކުރީގައި ތިބި އެއްބަޔަކީ އައްޑޫ ރައްޔިތުން ކަމަށެވެ. އެހެންވީމާ އެމީހުން މިހާތަނަށް ކުރަމުންއައި އުންމީދުތައް ޙަޤީޤަތަކަށްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑެއާބެހޭ ގެ މައްސަލަ މާދަމާ އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ގޮތެއް ހޯއްދަވާނެ ކަމަށެވެ. އެއީވެސް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ނިންމާފައިވާ ސަރަޙައްދެކެވެ. "ހަންކެޑެއާ ދޭތެރޭ ދެން ޢަމަލުކުރަންވީގޮތް މާދަމާ ނިންމޭނެ. ދެ ޚިޔާލެއް ރައްޔިތުންގެ އެބައުޅޭ މިކަމުގައި، ވަންއައިލެންޑް ވަން ރިސޯޓުގެ ކޮންސެޕްޓްގައި ކުރިއަށްދާނީތޯ ނުވަތަ އިންޓަރ ގްރޭޓެޑު ޓޫރިޒަމްގެ ޒޯނެއްގެ ގޮތުގައި ކުރިއަށްދާނީތޯ. މިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ވިސްނުން މިހުރީ އައްޑޫ ރައްޔިތުން އިންތިޚާބުކުރި ރައްޔިތުންގެ މަންދޫބުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ރައީސަށް އެކަމުގެ ލަފާއަރުވަން،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކަމުގައި ނިންމަވާގޮތް ޓޫރިޒަމް ދުވަހާ ގުޅިގެން އޮކޯޓޯބަރު ތިންވަނަ ދުވަހުގެރޭ ކޮރޮސްވޯލްޑުގައި އޮންނަ ޖަލްސާގައި ރައީސް ޤައުމާ މުޚާތަބު ކުރައްވާއިރު އިޢުލާން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.