އަންދާޒާ ކުރިވަރަށްވުރެ އަވަހަށް އައްޑުއަށް ކަރަންޓު ފޯރުކޮށްދެވިއްޖެ: ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ކުރި މަސައްކަތުން ކުރިން އަންދާޒާ ކުރިވަރަށްވުރެ އަވަހަށް ކަރަންޓު ފޯރުކޮށްދެއްވިއްޖެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ޙައްލުކޮށް ދާދި ދެންމެއަކު ކަރަންޓު ދެވިފައިވާ ކަމަށެވެ. "ދާދި ދެންމެއަކު އަޅުގަނޑުމެންގެ ޓީމުން ވަނީ އައްޑޫ ކަރަންޓަށް ދިމާވި މައްސަލަ ޙައްލުކޮށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދީފައި. ކަރަންޓު މިދެވުނީ އަޅުގަނޑުމެން އެސްޓިމޭޓުކުރި ވަރަށްވުރެ އަވަހަށް. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޓީމަށް ޝުކުރު ދަންނަވަން. އަދި އައްޑޫ ރައްޔިތުންގެ އެއްބާރުލުން ފާހަގަކޮށް ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން" އެމްޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ކަރަންޓު ދެވުނަސް އެއީ ވެސް ވަގުތީ ޙައްލެއް ކަމަށެވެ. އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވަމުންދާ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ ޕަވަރހައުސް އަޕްގްރޭޑު ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތާ ބެހޭ ގޮތުން ތަފްސީލެއް ނުދެއްވިޔަސް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފެނަކައިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލައަށް ވަގުތީ ޙައްލެއް ހޯދައިފައވަނީ ފެނަކަ މައި އޮފީހުގެ ފަންނީ ޓީމެއް އައްޑުއަށް ފޮނުވައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.