ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސައިފިއެވެ.
މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގއެކެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރުން ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެކެވެ.
މި ފައިނޭންސިންގ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް (އެލަވަންސް) ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، " ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް."
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށެވެ.
