މަދުވެގެން 150 މީހުން ރަޖިސްޓެރީކުރާ ޤައުމުތަކުގައި ލޯކަލްކައުންސިލް އިންތީޚާބުގެ ވޯޓް ފޮށި ބަހަށްޓަނީ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓްލުމަށް މަދުވެގެން 150 މީހުން ރަޖިސްޓެރީކުރާ ޤައުމުތަކުގައި ލޯކަލްކައުންސިލް އިންތީޚާބުގެ ވޯޓް ފޮށި ބަހަށްޓަން އިލެޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތީޚާބުގައި، މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި އެހެން ތަންތަނުގައި ވޯޓް ފޮށި ބަހަށްޓާނެ އުޞޫލުތައް އީސީން މިއަދު ވަނީ ނިންމަވައިފައެވެ. ބޭރުގެ ޤައުމުތަކުގެ އިތުރުން ރިސޯރޓްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކާއި ޖަލުތަކުގައި ވޯޓް ފޮށި ބަހަށްޓާނެ އުޞޫލު އެކޮމިޝަނުން މިއަދު ވަނީ ނިންމަވައިފައެވެ.

ރިސޯޓްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުގައި ވޯޓްފޮށި ބަހަށްޓަން ނިންމަވައިފަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީ ކުރުމުންނެވެ. ޖަލުތަކުގައި ވޯޓް ފޮށި ބަހަށްޓާނީ މަދުވެގެން 25 މީހުން ރަޖިސްޓްރީ ކުރުމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖައްސަވައިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިއިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެއްވުމަށް ހަމަޖައްސަވައިފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީގައެވެ.

ލޯކަލްކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި ކޮންމެ ފޮއްޓަކަށް ވޯޓުލާ އަދަދު މަދުކޮށް ވޯޓް ފޮށީގެ ޢަދަދު އިތުރުކޮށްފައިވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އެގޮތުން ފޮށްޓަކަށް ވޯޓުލެވޭ އަދަދަކީ 700 އަށް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ހާމަކުރައްވައިފައެވެ. ވޯޓް ފޮށީގެ ޢަދަދު އިތުރުވުމުން އޮފިޝަލުންގެ އަދަދުވެސް ހަ ހާހާއި ހަތް ހާހާ ދެމެދުގެ އަދަދަކަށް އިތުރުވެގެންދާނެކަމަށް ވަނީ ހާމަކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް65 މިލިއަނާ 70 މިލިއަން ރުފިޔާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެކަމަށް ބެލެވޭ ކަމަށް އީސީ އިން ލަފާކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.