(20 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނޫން، އަހަރެމެން ގުޅުން ބަދަހިކުރުމުގެ ބޭނުމެއް ނެތް." އެހެން ބުނެފައި އޭނާ ހިނގައްޖެއެވެ.
ޖަލާލް ދިޔަތަން ބަލަން ވާނުވާއެއް ނޭނގިފައި ސާލާރް އިނެވެ. "ކީއްވެބާ؟ އިމާމާ ގާތު ޖަލާލް މީހަކާ އިނދެގެން އުޅޭ ވާހަކަ އަހރެން ބުނުމުން އޭނާ އެ ވާހަކަ އޭނާ ގަބޫލުކުރީ ބާ؟" އިމާމާއަށް ދޮގު ހެދި ހަނދާން އޭނާ ވިއެވެ. އޭނާ ސާލާރަށް އިތުބާރު ނުކުރާ ކަމަށް ބުނި އިރު އެވާހަކަ ގަބޫލުކުރީ ކީއްވެބާވައެވެ؟ ސާލާރްގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ.
"ޖަލާލް ގާތަށް ނުދަންޏާ އޭނާ ދިޔައީ ކޮންތާކަށް ބާވައެވެ؟ އެހެން ފިރިހެނެއްގެ ވާހަކަ އަހަންނަށް ސިއްރުކުރީބާ؟ ނޫން، އެހެން މީހަކު ހުރިނަމަ އަހަރެން ލައްވާ އެމީހަކަށް ވެސް ފޯނުކުރުވީސް. ޖަލާލް އާ ކުރިން ބައްދަލުނުވިޔަސް، ބައްޕަގެ އަތުން ކާވެނީގެ ސެޓްފިކެޓާއި ލިޔުންތައް ލިބުމުން، ވަރި ނެގުމުގެ ހައްގު ލިބިދީފައި އޮތްކަން އެނގުމުން ގޮސް ޖަލާލާ ބައްދަލުކުރެވުނީސް." ޖަލާލް މީހަކާ އިންވާހަކަ އިމާމާ ގާތު ބުނީ ކީއްވެގެންކަމެއް ސާލާރަކަށް ނުވިސްނެއެވެ. އިމާމާ ދެން ކަންތައް ކުރާނެ ގޮތެއް ބަލަންކަމަށް ވެސް ވެދާނެއެވެ. ނުވަތަ އަބަދު ޖަލާލް އާ ވާހަކަދައްކަން އުޅޭތީ ކަމަށް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އިމާމާ އާ ޖަލާލް އާ ބައްދަލުނުވާކަން މިހާރު އޭނާއަށް ކަށަވަރު ވެއްޖެއެވެ.
ވެއިޓަރު ކާނާ ގެނެސް މޭޒުމަތިގައި ބެހެްޓިއެވެ. މިހާރު ސާލާރްގެ ބޮޑުބޭބެގެ ދަރިފުޅުވެސް އެނބުރި އަތުވެއްޖެއެވެ. ކަމުން، ވާހަކަ ދައްކަމުން ދިޔައިރުވެސް އޭނާ އިނީ އިމާމާ އާއި ޖަލާލްގެ ޚިޔާލަށް ގެއްލިފައެވެ. އިމާމާގެ ޚިޔާލުތައް އާ ވާންފެށީ އެތައް މަހެއް ފަހުންނެވެ.
"އޭނާ އެނބުރި ގެއަށް ދިޔައީ ބާވައެވެ؟" އެ ޚިޔާލު އޭނާގެ ސިކުނޑީގައި ހަރުލައިފިއެވެ. "އޭނާ ގެއަށް ދިޔައީކަން ޔަގީނެވެ... ގައިމުވެސް ބައްޕައަށް އެނގޭނެ."
ކާވެންޏަށް އައިސް ސިކަންދަރް ވެސް އެބައުޅެއެވެ. ސިކަންދަރް އުސްމާން އެކަނި މާއެކަނި އިންތަން ފެނިފައި ސާލާރް އޭނާ ގާތަށް ދިޔައެވެ. އޭރު ތަންކޮޅެއް ދަންވެއްޖެއެވެ.
"ބައްޕާ، އިމާމާ މިހާރު އެނބުރި ގެއަށް ދިޔައީތަ؟" ސާލާރް އެހިއެވެ.
ސާލާރް އިމާމާގެ ވާހަކަ ދައްކަފާނެ ކަމަކަށް ސިކަންދަރް ހިއެއް ނުކުރެއެވެ.
"އެއެއް ބަލަނީ ކީއްކުރަން؟" ސިކަންދަރު އެހިއެވެ.
"ހަމަ އަހައިލީ."
"އޭނަ އާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް، އޭނަ ވީ ތަނެއް ބަލާނެ ކަމެއް ނެތް. މިހާރު ރަނގަޅުވާނީ ކިޔެވުމަށް ސަމާލުކަން ދިނިއްޔާ."
"ބައްޕާ، އަހަރެންގެ ސުވާލަށް ޖަވާބުދީބަލަ!"
"ކީއްކުރަން؟ އޭނަޔާ ދަރިފުޅާ އޮތީ ކޮން ގުޅުމެއް؟" ސިކަންދަރު ރުުޅި އަތުވެއްޖެއެވެ.
"އިމާމާގެ ލޯބިވެރިޔާ އާ މިއަދު ދިމާވި، އޭނަ އިންނަން ބޭނުންވި ކުއްޖާ."
"ދެން؟"
'އެ ދެމީހުންގެ ކާވެނި ނުކުރެވުނީ ކީއްވެ؟ ޖަލާލަް ބުނީ އޭނާ އެގެއަކަށް ނުދެޔޯ. އަހަރެން ހީކުރީ ލާހޯރަށް ގޮސް އޭނަ ދާނީ އެގެއަށް ކަމަށް."
ސިކަންދަރް ސާލާރްގެ ވާހަކަ މެދުކަނޑައިލިއެވެ. "އޭނަ ޖަލާލް އާ ބައްދަލުވިތޯ ނުވަތަ އިންތޯ، އެއީ ދަރިފުޅު ބަލަންޖެހޭ ކަމެއް ނޫން. އެ ކަމުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް."
"ރަނގަޅު ވާހަކައެއް، އަހަންނާ ބެހޭ ކަމެއް ނޫން. އެކަމަކު ބައްޕައާ ބައްދަލުކުރަން ދިޔަތޯ ބަަލައިލަން ބޭނުންވީ. ބައްޕަ އޭނަޔަށް ވަރީގެ ލިޔުންތައް ފޮނުވީ ކިހިނެއް؟ ކާކު އަތަށް ދީފައި؟"
"އޭނަ އަހަންނާ ގުޅި ވާހަކަ ބުނީ ކާކު؟"
ބައްޕަގެ އެ ސުވާލުން ސާލާރް ހައިރާންވިއެވެ. "ލަފާކޮށްލީ ހަމަ."
"އޭނަ އަހަންނަކަށް ނުގުޅާ. ގުޅިނަމަ އަހަރެން ހާޝިމް މުބީނަށް އެންގީމުސް."
ސާލާރް އޭނާގެ ބައްޕައާ ދިމާއަށް ބަލަން އިނެވެ. "ކާވެނީގެ ސެޓްފިކެޓު ހޯދީ ސާލާރްގެ ކޮޓަރިން." ކާވެނީގެ ލިޔުންތައް އޭނާއަށް ލިބުނުގޮތް ސިކަންދަރު ހާމަކުރިއެވެ.
"އަހަރެން ފުރުވައިލިއިރު ބައްޕަ ބުނީމެއްނު އިމާމާއަށް ވަރީގެ ލިޔުންތައް ފޮނުވާނަމޭ؟"
"އާނ. އެއީ އޭނަ އަހަންނަށް ގުޅި ނަމަތާ؟ އޭނަ އަހަންނަށް ފޯނުކުރިކަން ތިހާ ޔަގީންކޮށް އެނގެނީ ކިހިނެއް؟" ސިކަންދަރު ވެސް ކުރީ ސުވާލެކެވެ.
އިރުކޮޅަކު ހިމޭނުން ހުރެފައި ސާާލާރް އެހިއެވެ. "ފުލުހުންނަށް ވެސް އިމާމާ ވީތަނެއް ނުހޯދުނުތަ؟"
"އާނ. ފުލުހުންނަށް އޭނަވީ ތަނެއް އެނގޭނަމަ ގެނެސް ގެއަށް ލާނެ. އެ މީހުން އަދިވެސް އޭނަ ހޯދަނީ." ސިކަންދަރް ބުންޏެވެ.
"އިމާމާގެ ކުޅިވަރު އަލުން ނުފަށާތި. އިމާމާ ވީ ތަނެއް ބަލަން ބޯ ގޮއްވާނެ ކަމެއް ނެތް. އޭނަޔާ ދަރިފުޅާ އެއްވެސް ގުޅުމެއް ނެތް. ފުލުހުން އޭނާ ހޯދައިގެން ގެންނައިރަށް އަހަރެންގެ އަތުގައި ހުރި ލިޔެކިޔުންތައް ހާޝިމް މުބީން އާ ހަވާލުކުރާނަން. އޭރުން އެ ހައިޖާނުގަނޑުން ދަރިފުޅު ވެސް މިނިވަންވާނެ."
"ބައްޕާ، އިމާމާ އަހަންނަށް ވެސް ނުގުޅާތަ؟" ސާލާރް އެހިއެވެ. ސިކަންދަރު ކުރިން ބުނި ވާހަކައަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"އޭނާ އެއް އިރަކުވެސް ދަރިފުޅަށް ފޯނުކުރޭތަ؟"
"އެއްފަހަރު ގުޅި. އޭގެ ފަހުން އަހަރެން ފުރައިގެން އައީ. އޭނާ ގުޅާނެ، ބައްޕަ ތިއުޅެނީ ނުބުނާން ވެގެން."
"އޭނާ ފޯނެއް ނުކުރޭ. ގުޅިނަމަ ދަރިފުޅުގެ ކާވެންޏާ ބެހޭ ގިނަ ކަންކަން ހައްލުކުރެވުނީސް. ދަރިފުޅުގެ ވަރީގެ ކަންތައް ބައްޕަ އަމިއްލައަށް ނިންމީމުސް."
"ކިހިނެއް އެހެން ނިންމާނީ؟" ސާލާރް އެހިއެވެ.
"ފުރުވަން އެއަރޕޯޓަށް ގޮސް ހުސްގަނޑެއްގައި ސޮއި ކުރުވީމެއްނު؟ އަހަރެން އޮތީ ވަރީގެ ލިޔުންތައް ތައްޔާރުކޮށްފައި." ސިކަންދަރް ކިޔައިދިނެވެ.
"ފޭކް ލިޔުމެއް، އަހަރެން ލައްވާ ސޮއިކުރުވީ އެހެންވެގެން ކަމެއް ނޭނގޭ."
"އަނެއްކާ އާ ފެށުމަކުން މި ކުޅިވަރު ފަށަންތަ ބޭނުންވަނީ؟" ސިކަންދަރު އަނެއްކާވެސް ރުޅި އަތުވެއްޖެއެވެ.
"އެހެނެއް ނޫން މިބުނީ. އަހަރެންގެ ވަރީގެ ކަންތައް ބައްޕައަށް ނުނިންމޭނެ ވާހަކަ މި ބުނީ. އެއީ އަހަރެންގެ އަމިއްލަކަމެއް. އެކަން ނިންމާނީ އަހަރެން އަމިއްލައަށް."
"ސަލާމަތުން މިތާ އުޅެވޭތީ ޝުކުރުކުރޭ. ތި ވަދެގަތް އާއިލާ އަކީ ނުލާހިކު ނުފޫޒުގަދަ އާއިލާއެއް. އެ މީހުން މިތާ ދަރިފުޅު އުޅޭމޫޅޭ ގޮތް ބެލުން ވެސް އެކަށީގެންވޭ. ދަރިފުޅާއި އިމާމާ އާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެކަން އެ މީހުންނަށް އެނގޭނެ. އޭރުން ދިރިތިއްބާ ދެ މީހުން އެއްފަހަރާ ވަޅުލާނެ."
"ތިއުޅެނީ އަހަރެން ބިރުގަންނަވަން. ފުރަތަމަ ކަމަކަށް، އެ މީހުން އަހަންނަށް ފާރަލާ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ދެން އޮތީ، އަހަންނަކަށް އިމާމާ ވީ ތަނެއް އެއްގޮތަކަށް ވެސް ނޭނގޭ. އޭނަ އަހަންނަކަށް ނުގުޅާ، އެހެންވީމަ އޭނަޔާ އަހަންނާ ގުޅުމެއް އޮތްތޯ ނޫންތޯ، އެއީ ސުވާލު އުފެދެންޖެހޭ ކަމެއް ނޫން."
"އޭނާއާ ދޭތެރޭ ކަންބޮޑުވަނީ ދެން ކީއްެވެ؟ އޭނަ އުޅޭތަނެއްގަ އުޅެން ދޫކޮށްލާ." އިމާމާ އާ ސާލާރް އާ ދެމީހުންގެ ގުޅުމެއް ނެތްކަން އުނގުމުން ސިކަންދަރް އުފާވިއެވެ.
"އަހަރެންގެ ފޯނު ބިލް ބެލިންތަ؟ އަހަރެން ފޯނު ވީ އޭނަ އަތުގަ."
"އޭނަ އެ ފޯނު ބޭނުމެއް ނުކުރޭ. ފޯނު އޮންނަނީ ނިވާލާފައި. އޭނާ ގުޅާފަ އޮތީ ކޮލެޖުގަ އުޅޭ ކުދިންނަށް. ފުލުހުން އެކުދިންނާ ސުވާލުކުރި. ލާހޯރަށް ގޮސް އިމާމާ ދިޔައީ ރައްޓެހި ކުއްޖެއްގެ ގެއަށް، ދިޔައިރު އޭނާވީ ޕިޝާވަރުގައި. އެކުއްޖާ ޕިޝާވަރުން އެނބުރި ނާންނަނީސް އޭނާ އެގެއިން ހިނގައްޖެ. ފުލުހުންނަކަށް އޭނާ ދިޔަތަނެއް ނުހޯދުނު."
ސާާލާރް ކަޅިޖަހައިނުލައި ބައްޕައަށް ބަަލަން އިނެވެ. "އަހަރެމެންގެ ވާހަކަ ބައްޕަ ގާތު ބުނީ ހަސަންތަ؟"
އެ ސުވާލަށް ދޭނެ ޖަވާބެއް ސިކަންދަރަށް ނޭނގެއެވެ. "އަހަރެންގެ ފޯނު އިމާމާ އަތުގައި އޮތްކަން އެނގޭނީ ހަސަންއަށް އެކަނި."
އެއީވެސް ސާލާރްގެ ރޫމު ހާވަނިކޮށް ލިބުނު މައުލޫމާތެއް ކަމަށް މިފަހަރު ސިކަންދަރަކަށް ނުބުނެވޭނެއެވެ. ހަސަނަށް އޭނާ ޝައްކުކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ހުރިހާ ކަމެއްގެ ތަފްސީލު ބައްޕައަށް އެނގޭނެ އެހެން ގޮތެއް ނޯންނާނެއެވެ. ހަސަން ނޫން މީހަކަށް އެ ތަފްސީލެއް ނޭނގޭނެއެވެ. އެކަމުގައި ތިންވަނަ މީހަކު ބައިވެރިއެއް ނުވެއެވެ. ގައިމުވެސް ސާލާރް ބައްޕައަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އެހެންކަމުން ހުރިހާ ވާހަކައެއް ކިޔައިދޭނީ ހަސަނެވެ.
"މީހަކު ނުބުންޏަސް ކޮންމެވެސް ދުވަހަކުން އަހަންނަށް ވެސް އެނގޭނެ. ހާޝިމް މުބީނަށް އިތުބާރު ނުކޮށް ސާލާރްގެ ވާހަކަ ގަބޫލުކުރެވުނީ އަހަރެންގެ މޮޔަކަމުން."
ސާލާރް އަނގައިން ނުބުނެ އިނަސް އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވެއެވެ.
"މިހާރު ތިހިރީ އެ ހައިޖާނުގަނޑުގެ ތެރެއިން ސަލާމަތްކޮށްފަ، ދެން އިތުރަށް އެކަމުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް."
ސިކަންދަރު މިފަހަރު ވާހަކަ ދެއްކީ ލޯބިންނެވެ. ވާހަކަ ނުނިމެނީސް ސާލާރް ކުއްލިއަކަށް ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
***
ބައްޕައާއެކު އެ ދެކެވުނު ވާހަކަ މުޅި ރޭ އޭނާގެ ސިކުނޑީގައި އެނބުރުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހިތްދަތިކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އިމާމާ އެދުނު ގޮތަށް އޭނާ ވަރިކޮށް މިނިވަން ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. އޭރުން ޖަލާލް އާ އިނދެގެން ހަމަޖެހިލައިގެން އޭނާ އުޅޭނެއެވެ. އިމާމާ ދެކެ އޭނާގެ ހިތް ހަމަ ނުޖެހުނު ނަމަވެސް އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ސާލާރް ގަބޫލުކުރިއެވެ.
"އޭގެ ފަހުން އޭނާ އަހަންނަށް ފޯނެއް ނުކުރެއެވެ. ވަރިވާން ކޯޓަކަށް ނުދެއެވެ. އާއިލާ މީހުންނަށް އަދިވެސް އޭނާ ވީތަނެއް ނުހޯދެއެވެ. ޖަލާލް އަންޞާރްގެ ގެއަކަށް ވެސް ނުދެއެވެ. އޭނާ ދިޔައީ ކޮންތަނަކަށް ބާވައެވެ؟ އެކްސިޑެންޓެއް ވީ ބާވައެެވެ؟"
އިމާމާ އާ މެދު ޖަލާލް ވަރަށް ފުންކޮށް ވިސްނައިލިއެވެ. ފުރަތަމަ ފަހަރަށް ނުރުހުމެއް ނެތި ހަމްދަރްދީގެ ހިތަކުން އިމާމާ އާ ދޭތެރޭ ފިކުރު ކުރެވެން ފެށިއެވެ.
"އަހަރެންގެ އަނތްބެއްގެ ގޮތުގައި އޭނާ ހަމަޖެހިލައިގެން ދުވަސްތައް ވޭތިކުރަނީ ކަމަކަށް ނުވާނެއެވެ. އެއްވެސް މީހަކާ ގުޅަން އޭނާ މަސައްކަތް ނުކުރަނީ ކީއްވެބާވައެވެ؟" ވިސްނި ވަރަކަށް ސާލާރްގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. ކާވެންޏަށް މިހާރު އަހަރެއް ވީއެވެ. ހަގީގަތުގައި ވެސް އޭނާ ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށް ވީ ބާވައެވެ. އިމާމާއަށް ވެދާނެ ގޮތަކާ މެދު ސާލާރް ފިކުރު ކުރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން އަމިއްލަ ދުނިޔެއަށް އެނބުރި އައެވެ.
"އޭނާއަށް ކޮންމެ ކަމެއް ވިޔަސް އަހަންނަށް ކުރެވޭނެ ކަމެއް ނެތް. ގެއިން ފިލައިގެން ދިޔައީ އަމިއްލައަށް. ކޮންމެ މީހަކަށްވެސް އެކްސިޑެންޓަކާ ކުރިމަތި ވެދާނެ.. އެއީ އަހަންނާ ގުޅުމެއް އޮތް މީހެއްވެސް ނޫން. އޭނަޔާ މެދު ވިސްނަނީ ކީއްކުރަން؟ ބައްޕަ އެބުނީ ރަނގަޅު ވާހަކައެއް. މައިންބަފައިން ކޮށްދިން ކަންތަކަށް ވެސް ޝުކުރުވެރި ނުވާ އަންހެނަކާ ދޭތެރޭ ވިސްނުމުގެ ބޭނުމެއް ނެތް. އާއިލާ މީހުންނަށް އިހްތިރާމެއް ވެސް ކުރި މީހެއް ނޫން. ވާންވީ ގޮތް ވީ."
(ނުނިމޭ)
ވަރަށް ރީތި ވާހަކައެއް
varah reethi