ސައޫދީ އަރަބިއްޔާއަށް މިހާތަނަށް ދެވުނު އެންމެ ވަރުގަދަ ހަމަލާ މިއަދު ދީފި ކަމަށް ޙޫޘީން ބުނެފި

ޝަައިބާ ތެޔޮ އުފައްދާ މަރުކަޒު

ޔަމަނު  ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ، ޙޫޘީ ޖަމާއަތުން ސައޫދީ ޢަރަބިއްޔާގެ ބިޔަ ތެޔޮ 'ދަނޑަކަށް' ޙަމަލާދީފިކަމަށް މިއަދު ބުނެފިއެވެ.

އެ ޖަމާއަތުގެ ޓީވީ އަލްމަސީރާއިން މިއަދު ބުނި ގޮތުގައި ދިހަ ޑްރޯން ބޭނުންކޮށްގެން ދިން މިހަމަލާއަކީ އެ ޖަމާއަތުން ސައޫދީ އަރައްބިއްޔާއަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

އަލްމަސީރާއިން ބުނި ގޮތުގައި ހަމަލާދީފައިވަނީ ސައޫދީ އަރާމްކޯއިން ހިންގާ ޝައިބާ އޮއިލް ފީލްޑާއި އެ ތޮޔު ވަޅުތަކުން ތެޔޮ ސާފުކުރާ ޝައިބާ ރިފައިނަރީއަށެވެ.

އައްރުބްޢުލް ޙާލީ ސަހަރާގެ އިރު ދެކުނުގައި ޔޫއޭއީ ސަރަހައްދީ ރޮނގާ ކައިރި ހިސާބެއްގައި އޮންނަ ޝައިބާ އޮއިލް ފީލްޑަކީ ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑު ތެލުގެ ޚަޒާނާއެވެ. އެތަނުގައި 14.3 ބިލިއަން ފީފާ ތެޔޮ މިހާރުވެސް ހުރިކަމަށް އަންދާޒާ ކުރެވެއެވެ. ޝައިބާ އިން ދުވާލަކު 1 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ މިހާރު ނަގައެވެ.

ޙޫޘީން ދިން ކަމަށް ބުނާ މި ހަމަލާއާ ބެހޭ ގޮތުން ސައޫދީ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

އަލްމަސީރާ ޓީވީން އާއްމުކުރި ބަޔާނެއްގައި ޙޫޘީންގެ ތަރުޖަމާނު ބްރިގޭޑިޔާ ޔަޙްސާ ސަރީޢު ބުނީ ޔަމަނުގައި ސައޫދީ 'އުދުވާން' ކުރިއަށް ގެންދާނަމަ ޙޫޘީންގެ ހަމަލާތައް މިއަށްވުރެ ވަރުގަދަވާނެ ކަމުގައެވެ.

އޭނާ ވަނީ ޙޫޘީންގެ އަމާޒުފަތްގަނޑަށް ވެފައިވާ މިފަދަ ތަންތަނާ ދުރުގައި ތިބުމަށް އާއްމުންނަށް އިންޒާރުދީފައެވެ. އޭނާ ބުނިގޮތުގައި "އެތަންތަން ވަނީ ހުއްދަ އަމާޒުތަކަކަށް ވެފައެވެ." އަދި "އެފަދަ ކޮންމެ ތަނަކަށްވެސް ކޮންމެ ވަގުތަކުވެސް ހަމަލާއެއް އައުމަކީ" އެކަށީގެންވާ ކަމެއް ކަމުގައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ޙޫޘީން ވަނީ ވެރިރަށް ޞަންޢާއާއި ބޮޑެތި އެހެން ރަށްރަށް ހިފާފައެވެ. ސައޫދީން އިސްވެ ތިބެ އެކުލަވާލާފައިވާ ކޯލިޝަނުން ހަނގުރާމަކުރަނީ ޔަމަނު ސަރުކާރުގެ ދިފާއުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.