ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމާމެދު އެއްވެސް ޝައްކެއް ނެތް: ސައޫދީ އަރަބިއްޔާ

ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ހަތިޔާރު ސައޫދީ ދިފާއީ ވުޒާރާއިން ދައްކާލަނީ

މި ހިނގާ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ފަތިހު އަބްޤައިޤާއި ޚުރައިޞްގައި ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި، އެ ހަމަލާ އައިސްފަވަނީ ޔަގީނުންވެސް ޔަމަނުން ނޫންކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. މިއަދު ސައޫދީން ޔަގީންކަމާއެކު ބުނި ގޮތުގައި ހަމަލާ އައިސްފައިވަނީ އުތުރުންނެވެ. އަދި އެއީ ކޮން ތަނެއްކަން ޔަގީންކުރުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.

ދުނިޔޭގައި އެންމެ ގަނައިން ބޭރުކުރާ ގައުމުގެ އުފެއްދުން ދެބައިކުޅަ އެއްބަޔަށް ދަށްކޮށްލި ހަމަލާގައި އީރާނުގެ ބައިވެރިވުން އޮތްކަން ސާބިތުކުރުމަށް ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ހަމަލާގައި ބޭނުންކޮށްފައިވާ ހަތިޔާރު މިއަދު ހަވީރު ދައްކާލާފައެވެ. ސައޫދީން ބުނާ ގޮތުގައި އޭގެތެރޭގައި ޑްރޯންގް އިތުރުން ކްރޫޒް މިސައިލްވެސް ހުއްޓެވެ.

ބޭނުންކުރި ހަތިޔާރުގެ ހަލާކުވެފައިވާ ބައިތައް ދައްކާލަމުން ސައޫދީ ދިފާއީ ވުޒާރާގެ ތަރުޖަމާނު ކާނަލް ތުރްކީ އަލްމާލިކީ ބުނީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކާރުޚާނާއަށާއި، އެހެން ކާރުޚާނާއަކަށް ދިން ހަމަލާގައި އީރާނުގައި އުފައްދާފައިވާ ޑެލްޓާ ވިންގު މަރުކާގެ 25 ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ.

ނޫސްވެރިން ސުވާލުކުރުމުން އަލްމާލިކީ ވަނީ ހަމަލާ ދިނީ ސީދާ އިރާނުކަން ޔަގީންކޮށްދިނުމަށް ދެކޮޅުހަދާފައެވެ. އޭނާ ހަމައެކަނީ ބުނީ "އެއަމަލު ހިންގި މީހުން" ޝައްކެއް ނެތް މިންވަރަށް ދެނެގަނެވިފައިވަކަމާށާއި، އެބަޔަކު "ޒިންމާވާންޖެހޭނެ" ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން މިހެން ބުނި ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން (ރާއްޖޭގަޑިން 9 ޖެހިއިރު) ނެރުނު ބަޔާނެއްގައި ޙޫޘީން ބުނީ ސައޫދީ ތެލުގެ މަރުކަޒުތަކަށް ހަމަލާދިނީ އެމީހުން ކަމަށާއި، ހަމަލާ ދިނީ ތިން ތަނަކުން އުދުއްސާލި ޑްރޯންތަކުން ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ހަމަލާދޭ ޑްރޯންގެ އިތުރަށް ދުޝްމަނުންގެ ރާޑަރު ސިސްޓަމްތައް ޖޭމްކުރާ ޑްރޯންވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

ޙޫޘީންގެ ބަޔާނުގައި ވަނީ ސައޫދީ 'އުދުވާން' ހުއްޓާނުލައިފިނަމަ އިގްތިސާދީ ގޮތުން މުހިއްމު އިތުރު ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

"ދުނިޔޭގެ ހުރިހާ މުނާފިޤުންނަށް ބުނެލަން. އަހަރުމެންގެ ރައްޔިތުން ވަނީ ބަނޑަށް ޖެހިފައި. ދެން ބަނޑަށް ޖެހިފައި ނުތިބޭނެ. އަދި އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް މަސައްކަތްކުރާނެ." ޙޫޘީން ބުނެފައި ވެއެވެ.

އަނެއްކޮޅުން ސައޫދީ ދިފާއީ ވުޒާރާއިން ދިން މައުލޫމާތުތަކާ ގުޅިގެން އީރާނުގެ ރައީސު ޙަސަން ރޫޙާނިގެ ތަރުޖަމާނު ބުނެފައިވަނީ ސައޫދީންނަށް އެންމެ މުހިއްމު ސުވާލަށް ޖަވާބު ދެވިފައި ނުވާކަމުގައެވެ. އެއީ ހަމަލާ ދިނުމުގެ ކުރިން ރާޑަރުތަކަށް ހަމަލާދިން ޑްރޯންތައް ފެނިފައި ނުވަނީ ކީއްވެތޯއެވެ؟  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.