މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި ތަފާތު 6 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ 2 ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި  25 އަހަރުގެ ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ފިރިހެނެކެވެ . މި 6 މީހުންނަކީވެސް ދިވެހިންނެވެ.

މިމީހުންގެ ތެރެއިން 18 އަހަރުގެ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 17:35 ހާއިރު ކުޅުދުއްފުށި މަގުމަތިންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ އެވަގުތު ހުރިތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމީހުންގެ ތެރެއިން 18 އަހަރުގެ ދެވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ 09:15 ހާއިރު ހިންމަފުށި މަގުމަތިންނެވެ.

 އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ކަނާތްފަރާތު ކުރިމަތި ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ސެލޯފިންކޮޅު ފެނިފައިވެއެވެ.

 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 16:26 ހާއިރު ކުޅުދުއްފުށި މަގުމަތިންނެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން  23 އަހަރުގެ މިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އައްޑޫން ފުވައްމުލަކަށް ދަތުރުކުރި ފެރީއަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުގެ 15:05 ހާއިރު ފުވައްމުލަކު ބަނދަރުމަތިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލއިފާސްކުރިއިރު އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 29 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެއިތުރުން 25 އަހަރުގެގެ މިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި އޮކްޓޯބަރ 17 ވަނަ ދުވަހުގެ 07:30 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރަކުން އޭނާ ދިރިއުޅޭ ގެ ބަލއިފާސްކުރިއިރު އެގޭ ގޯތިތެރޭގައި ވަޅުލާފައި ވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅުފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ 6 މީހުންގެ ތެރެއިން  32 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮކްޓޯބަރ 14 ވަނަ ދުވަހުގެ 11:30 ހާއިރު ލ.ގަމު ހޭޅިމަގުން ޕިކަޕެއްގައި ދުއްވާފައި ދަނިކޮށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި ޕިކަޕު  ބަލައިފާސްކުރިއިރު ޕިކަޕު ތެރެއިން ނެގި ޕާރުސަލަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްތައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ.

އެގޮތުން 18 އަހަރުގެ އެކަކަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 5 ދުވަހުގެ މުއްދަތު ދީފައިވާއިރު  18 އަހަރު ދެވަނަ މީހާއަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މީގެއިތުރުން 22 އަހަރުގެ މިހާއަށް ހދ.ކުޅުއްދުއްފުށި މެޖިސްޓްރޭޓް ކޯޓުން  7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 25 އަހަރުގެ މީހާއަށް ލ.ގަން މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި 32 އަހަރުގެ މިހާ ގޭގައި ބަންދުކުރުމަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމައްސަލަތައް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.