(22 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ދެންމެ ބުނީމެއްނު މިހާރު އޭނާ ދީން ބަދަލުކޮށްފިޔޭ." ޖަލާލްގެ އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ. "އެއީ އަހަންނާ ދިމާވުމުގެ ވެސް މާ ކުރިން."
"ދަރިފުޅު އެތަނުގައި ހުރިންތަ؟" އޭނައަށް ޖަލާލްގެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. "ތީ ތެދަކަށް ވިޔަސް އޭނަގެ މައްސަލަ ހައްލު ކުރަންވާނީ އޭނަ އަމިއްލައަށް. ދަރިފުޅު އޭގެ ތެރެއަށް ވަންނަނީ ކީއްކުރަން؟ އޭނައަށް އޭނަގެ މައިންބަފައިންގެ ރުހުން ހޯދިއްޖެއްޔާ ބައްޕަ އާއި މަންމަ ތި ކާވެންޏަށް އެއްބަސްވާނަން. މައިންބަފައިންނަށް ފިލައިގެން އަންނަ ޅީދަރިއެއް މިގެއަކަށް ނުވައްދާނަން."
ދީނާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ޖަލާލްގެ ބައްޕަގެ ނިންމުން ބަދަލެއް ނުކުރާނެއެވެ.
"މިކަމުގެ ތެރެއަށް ދީން ނުވައްދާ! ތިކަމަށް ހައްލު ހޯދަންޖެހޭ ހަމައެކަނި މުސްލިމަކީ ދަރިފުޅެއް ނޫން. ހަގީގަތަށް ވިސްނާ. ދަރިފުޅުގެ ޒިއްމާ އެއް އޮތްކަމަށް ގަބޫލުކުރުމަކީ ގޯހެއް ނޫން. އެކަމަކު ދަރިފުޅުގެ މައިންބަފައިންނަށް ވެސް އިޙްތިރާމް ކުރަން ވާނެ. އަހަރެމެން ބުނާގޮތް ހެދުމަކީ ދަރިފުޅުގެ މައްޗަށް ލާޒިމް ކަމެއް."
"އޭނަޔާ އިނިއްޔާ، ދެން އޮންނާނީ ކޮން ކަމެއް؟ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު ބޭރަށް ފުރާނެ. އޭނަ ހުންނަން ޖެހޭނީ ގޭގަ. ބައްޕައަކަށް ކޮއްކޮމެންގެ ކިޔެވުމުގެ ޚަރަދާއި ދަރިފުޅުގެ ޚަރަދު އަދި އިމާމާގެ ޚަރަދެއް ނުބެލެހެއްޓޭނެ." އަންޞާރް ޖާވިދު ދަރިފުޅަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. "އޭނަ ގޭގަ އިންނާނީ ކިހައި ދުވަހަކު؟ އޭނަގެ އާއިލާ އިން އަހަރެމެންގެ މައްޗަށް ދައުވާ އުފުލައިފި ނަމަ ހަދާނީ ކިހިނެއް؟ އަހަރެމެންގެ މައްޗަށް ކުށް ސާބިތުކޮށް ޖަލަށް ވެސް ލެވިދާނެ. އޭރުން ދަރިފުޅުގެ ކޮއްކޮ، ޒައިނަބަށް ވާނީ ކިހިނެއް؟"
ބައްޕަގެ ސުވާލަށް ދޭނެ ޖަވާބެއް ޖަލާލަކަށް ނޭނގެއެވެ.
"ޖަޒުބާތުގައި ނުޖެހި ހަމަޖެހިލައިގެން ރަނގަޅަށް ވިސްނާ." ޖަލާލްގެ ބައްޕަ ބުންޏެވެ. "އޭނަގެ މައިންބަފައިން ދަރިފުޅު އޭނަޔާ އިންނަން އެއްބަސް ނުވެއްޖެނަމަ، އޭނަ ގާތު ބުނޭ އެހެން މީހަކާ އިންނާށޭ."
***
"އިމާމާ، ކޮޓަރި ސާފުކުރަން ވެއްޖެ. ކޮށްލަންތަ؟" ނޯކަރު ދޮރުގައި ޓަކި ޖަހައިލިއެވެ.
"ނޫން! ދޭ!" އިމާމާ އެހެން ބުނުމުން އޭނަ ބޭރަށް ނުކުތުމުގެ ބަދަލުގައި އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. މަޑުމަޑުން ގޮސް އިމާމާގެ ކުރިމަތީގައި ހުއްޓިލިއެވެ.
"ބުނެފީމެއްނު މިތަނުން ދުރަށް...." އޭނާގެ ވާހަކަ ނުނިމި އުޅެނިކޮށް ނޯކަރު އޭނާގެ ޗާދާރުން މޯބައިލް ފޯނެއް ނަގާފައި އިމާމާއަށް ދިއްކޮށްލިއެވެ. އިމާމާ ހުރީ ހައިރާން ވެފައެވެ.
"އިމާމާ، އަހަރެންގެ އަތަށް މި ފޯނު ދިނީ މަންމަ. ބުނީ ސާލާރް ސާހިބް އިމާމާ އަށް ދިން ފޯނެކޭ." އިމާމާ އަވަހަށް ފޯނު ޖަހައިގަތެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ.
"ހަނދާން ކުރާތި. އަހަންނަށް ފޯނު ގެނެސްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެން ނުވާނެ." އިމާމާ އޭނާއަށް އިންޒާރު ދިނެވެ.
"އާނ، އެކަމާ ފިކުރު ނުކުރޭ. އެއްވެސް މީހެއް ގާތު ނުބުނާނަން. ސާލާރަށް އެއްޗެއް ފޮނުވަން ބޭނުމިއްޔާ އަހަރެންގެ އަތަށް ދީ. އަހަރެން ގެންގޮސްދީފާނަން."
"އަހަރެން އަތަކު ނެތް ފޮނުވާނެ އެއްޗެއް. ދެން ދޭ." އޭނާ ހަމަޖެހިލާފައި ބުންޏެވެ.
ނޯކަރު ކޮޓަރިން ނުކުތުމާއެކު އިމާމާ ކޮޓަރި ތަޅުލިއެވެ. ފޯނު ނަގައިގެން އޭނާ ޖަލާލްގެ ނަންބަރަށް ގުޅިއެވެ. ފޯނު ނެގީ ޖަލާލްގެ މަންމައެވެ.
"ދަރިފުޅާ، ޖަލާލް ގެއަކު ނޫޅޭ، އަންނާނީ މިރޭ. ޒައިނަބަށް ގޮވަންތަ؟"
"ނޫން ދައްތާ. މިހާރު މިއުޅެނީ ކުޑަ ކަމެއްގަ. ޒައިނަބަށް ފަހުން ގުޅާލާނަން." އިމާމާ ފޯނު ބޭއްވިއެވެ.
އިމާމާ މެންދުރު ވެސް ނުކައެވެ. އޭނާ އިނީ އެރޭ ޖަލާލް ގެއަށް ދާނެ އިރެއްގެ އިންތިޒާރުގައެވެ. ހަވީރު ނޯކަރު އައިސް އަސްޖަދުގެ ފޯނެއް އައި ވާހަކަ ބުންޏެވެ.
އިމާމާ ސިޓިންރޫމަށް ދިޔައިރު ވަސީމު އިނެވެ. ވަސީމު ނުފެންނަ ކަމަށް ހަދާފައި ގޮސް ފޯނު ނެގިއެވެ. އަސްޖަދުގެ އަޑު އިވުމާއެކު އޭނާގެ ލޭ ކެކެން ފެށިއެވެ. އަސްޖަދަށް ވުރެ ބޮޑަށް ކާވެނި އަވަސްކުރަން އުޅެނީ އޭނާގެ ބައްޕަކަން އެނގެއެވެ. އަސްޖަދު ހާލު އަހައިލުމުން އިމާމާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
"އަސްޖަދު ކީއްވެ އަހަންނަށް އޮޅުވާލީ؟"
"ކޮން ކަމެއް؟"
"ކާވެނީގެ ތާރީޚު ކަނޑައެޅީ... ކީއްވެ ފުރަތަމަ އަހަންނާ ވާހަކަ ނުދެއްކީ؟" އިމާމާ ރުޅި އައިސްގެން ތުރުތުރު އަޅައެވެ.
"ބޮޑު ބޭބޭ ނުބުނޭތަ؟"
"ބުނި، އަހަރެން އަދި ކާވެނި ކުރަން ބޭނުން ނޫން ވާހަކަ ބުނިން."
"މިހާރު މާ ލަސްވެއްޖެ. މިހާރު ކުރުމެކޭ ފަހުން ކުރުމެކޭ ކޮބާ ތަފާތެއް؟" އަސްޖަދުގެ ޚިޔާލު ތަފާތެވެ.
"އަސްޖަދު! އަސްޖަދަށް އޭގެ ތަފާތެއް ނެތަސް، އަހަންނަށް އެބައޮތް. ކިޔެވުން ނުނިމެނީސް އަހަރެން މީހަކާ އިންނާކަށް ބޭނުމެއް ނޫން. އަސްޖަދަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ."
"އާނ، އެކަމަކު މިއީ އަހަރެންގެ ބާރެއް އޮތް ކަމެއް ނޫން. ކާވެނީގެ ހުރިހާ ކަމެއް ނިންމީ ބޮޑު ބޭބެ."
"އެކަން ހުއްޓުވާ."
"އިމާމާ، ކީކޭ ތި ކިޔަނީ؟ އަހަރެން ކިހިނެއް ހުއްޓުވާނީ؟" އަސްޖަދު ބުންޏެވެ.
"އަސްޖަދު، ހެޔޮނުވާނެ..."
"އިމާމާ، އަހަންނަކަށް ތިކަމެއް ނުކުރެވޭނެ. އަހަރެންގެ ހާލަތަށް ވިސްނަބަލަ. އެހެން ނޫނަސް މިހާރު ކާވެނީގެ ދައުވަތު ކާޑުވެސް ޗާޕުކޮށްފި. ދެ އާއިލާ އިން ވެސް އެދަނީ ކާވެންޏަށް ތައްޔާރު ވަމުން..."
އިމާމާ ރުޅި އައިސްގެން ފޯނުގެ އަތްގަނޑު ބާރަށް ޖެހިއެވެ. އެ ވާހަކައިގެ ތެރެއަށް ވަސީމެއް ނުވަދެއެވެ. އޭނާ އިނީ އަޑު އަހާށެވެ. އިމާމާ ރޯން ފެށުމުން އޭނާ ބުންޏެވެ. "ބޭކާރު މައްސަލަ ތި އުފައްދަނީ އަމިއްލައަށް. ކޮންމެ ގޮތެއް ވިޔަސް އަސްޖަދާ އިންނަން ޖެހޭނީ. ކީއްކުރަން އަމިއްލައަށް ހަލާކުވާން ތިއުޅެނީ. މިހާރު ވެސް ބައްޕަ އެހެރީ ނުލާހިކު ހިތް ހަމަނުޖެހިފައި."
"އަހަރެން ވަސީމްގެ ލަފަޔަކަށް ނާހަން. އަނގަ މަޑުން ލައިގެން އިނދޭ. މިހާރު ވެސް އަހަރެން ވަރަށް ހިތުގަ ޖައްސާފަ ތީނީ." އިމާމާ ގޮސް ކޮޓަރީގެ ދޮރު ލެއްޕިއެވެ.
***
އެ ރޭ ވެސް އޭނާ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. އެކަމަކު ކާން ގެނައިމާ އެ ރޭ އޭނާ ކެއެވެ. އެގާރަ ޖަހަން ގާތްވެފައި ހުއްޓާ އޭނާ ޖަލާލަށް ގުޅިއެވެ. ފޯނު ނެގީ ޖަލާލެވެ. އޭނާ އިނީ އިމާމާގެ ފޯނު ކޯލެއްގެ އިންތިޒާރުގައި ކަމަށް ވެދާނެއެވެ. ސުރުޚީ އަޅައިލުމަށްފަހު ސީދާ މައުޟޫއަށް ދިޔައެވެ.
"އިމާމާ، އަހަރެން ބައްޕަ އާ ވާހަކަ ދައްކައިފިން."
"ދެން؟"
"އަހަރެމެންގެ ކާވެންޏަށް ބައްޕަ އެއްބަހެއް ނުވި." ބުނަން ނުބުންނަ ހުރެފައި ޖަލާލް ބުންޏެވެ.
އިމާމާގެ ހިތް ކުދިކުދި ވިއެވެ. "ބުނީމެއްނު ބައްޕަ ދެކޮޅެއް ނަހަދާނެ އޭ."
"އާނ. އަހަރެން ހީކުރީ އެހެން. އެކަމަކު އެހެނެއް ނުވި. ބައްޕަ ވަރަށް ގިނަ ކަންކަން ފާހަގަކުރި. ދެ އާއިލާގެ އިޖްތިމާއި ހައިސިއްޔަތާއި... އަދި ބައްޕަ އަށް ވަރަށް ރަނގަޅަށް ތި އާއިލާ އެނގޭ. އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ އާއިލާގެ ނުރުހުމުގައި ކާވެނި ކުރަން އުޅުން. އެހެން ވެއްޖެނަމަ ތި އާއިލާގެ ފަރާތުން ކުރިމަތިވާނެ މައްސަލަތަކާ މެދު ބައްޕަ ވަރަށް ބޮޑަށް ކަންބޮޑު ވޭ."
ފޯނު ކަންފަތުގައި ޖައްސައިގެން ހަރަކާތް ހުއްޓިފައި އޭނާ އިނެވެ. "ބައްޕަގެ ރުހުން ހޯދަން ޖަލާލް މަސައްކަތް ކުރިންތަ؟"
އިރުކޮޅަކު ހުރެފައި އޭނާ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ބައްޕަ ރުއްސޭތޯ ބެލިން. ބައްޕަ ބުނީ އިމާމާގެ އާއިލާގެ ރުހުން އޮތިއްޔާ ބައްޕަގެ މައްސަލައެއް ނެތް ކަމަށް. ދީނީ ޚިލާފު އޮތް ނަމަވެސް އާއިލާގެ ރުހުން ލިބިޖެއްޔާ ބައްޕަގެ ރުހުން ލިބޭނެ."
"ޖަލާ... ޖަލާލް ނިންމީ ކިހިނެއް؟"
"އިމާމާ، އަހަންނަކަށް ނޭނގޭ." ޖަލާލް ބުނެލިއެވެ.
"ޖަލާލް، އަހަރެންގެ އާއިލާ އިން އަހަރެމެން ކާވެންޏަށް ދުވަހަކު ވެސް ރުހުން ނުދޭނެ. އަހަރެން ޖަލާލް އާ ކާވެނިކޮށްފިއްޔާ މި ރަށުގެ އެންމެން އަހަރެމެންގެ އާއިލާއަށް ފާޑު ކިޔާނެ. ބައްޕަމެންނަށް އެކަން ބަލައެއް ނުގަނެވޭނެ. އަދި އަހަންނާ އަސްޖަދާ އެންގޭޖުވެސް ކުރުވާފަ މިތިބީ."
ޖަލާލް ބާރު އެޅީ އިމާމާ އަލުން އޭނާގެ ބައްޕަ އާ ވާހަކަ ދެއްކުމަށެވެ.
"މި ވާހަކަ ދެއްކުމުން ބައްޕަ އަހަރެންގެ ގައިގައި އެތިފަހަރެއް ޖަހައިފި މިހާރުވެސް." ޖަލާލްގެ ބައްޕައާ އަދި އެއްފަހަރު ވާހަކަ ދެއްކުމަށް އެދި އިމާމާ އާދޭސްކުރިއެވެ.
ޖަލާލް ހުރީ މާޔޫސްވެފައެވެ. ޖަލާލް އާ ވާހަކަ ދެއްކުމުން އިމާމާ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ޖަލާލްގެ މައިންބަފައިން ޖަލާލްގެ އެދުމަކަށް ފުރަގަސްދޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ފޯނު ހިފައިގެން ފުން ޚިޔާލަކަށް ގެއްލިފައި އޭނާ އިނެވެ.
***
"މަންމަ ގާތު ބައްޕަ ތި ވާހަކަ ބުނި. ދަރިފުޅު ތިކަހަލަ މައްސަލަގަނޑެއްގެ ތެރެއަށް ވަންނާނެ ކަމެއް ނެތް." ޖަލާލްގެ މަންމަ ބުންޏެވެ.
"މަންމާ، ކޮބާތަ މައްސަލައެއް؟ ބޭކާރު ކަމަކާ މަންމަ މެން ތި ކަންބޮޑު ވަނީ." ޖަލާލް ބުންނެވެ.
"ދަރިފުޅު ހާދަ މޮޔައޭ. ދަރިފުޅުގެ ބައްޕައަށް އިމާމާގެ އާއިލާ ވަރަށް ރަނގަޅަށް އެނގޭ. ކާވެންޏަށް ފަހު ދަރިފުޅަށް ވެސް އަދި އަހަރެމެންނަށް ވެސް ހަމަޖެހިގެން އުޅެވޭނެ ކަމެއް ދަރިފުޅަށް ކިހިނެއް އެނގެނީ؟"
ޖަލާލް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. "ކާވެނި ސިއްރުކޮށްފައި ބާއްވާނީ. އެކަކަށް ވެސް ނޭނގޭނެ. ކާވެންޏަށްފަހު އަހަރެން ފުރައިގެން ދާނީ، ސްޕެޝަލައިޒް ވާން. ދުވަސްކޮޅަކުން އިމާމާ ގެންދާނީ."
"އިމާމާ އަށްޓަކައި ދަރިފުޅު ތިހައި ބޮޑު ނިންމުމެއް ނިންމާކަށް މަންމައަކަށް ނުފެނޭ. ދަރިފުޅަށް އެނގެންވާނެ އަހަރެމެން އާއިލާ އިން ބޭރުން ކާވެނި ނުކުރާކަން. ދަރިފުޅުގެ ކާވެންޏަށް ޝަރުތު ހަމަވާ ވަރަށް ގިނަ ކުދިން އެބަތިބި. ކުރިން މިކަންތައް އެނގުނު ނަމަ މަންމަ ހުރީހީ ދަރިފުޅުގެ ކާވެނި އެހެން ކުއްޖަކާ ހަމަޖައްސާފައި." ހިތްހަމަ ނުޖެހިފައި ހުރެ ޖަލާލްގެ މަންމަ ބުންޏެވެ. "ދަރިފުޅު އޭނަޔާ ގަޔާވުމަކީ މަންމަ މެންނަށް މުހިއްމު ކަމެއް ނޫން. މުހިއްމީ މަންމަ މެން ބޭނުންވާ ގޮތެއް. މަންމައަށް ވެސް، އަދި ދަރިފުޅުގެ ބައްޕައަށްވެސް އިމާމާ ކަމަކު ނުދޭ."
މަންމަ ރުއްސޭތޯ ޖަލާލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. އޭނާއަށް އިމާމާ ވަރަށް ރަނގަޅަށް އެނގޭ ވާހަކައާއި ޒައިނަބުގެ ވަރަށް ގާތް ކުއްޖެއް ކަމަށްވެސް ބުންޏެވެ. އަދި އިމާމާ އިސްލާމް ދީން ޚިޔާރު ކުރުމަށް ނެގި މުހިއްމު ފިޔަވަޅާއި، އެއަށްފަހު އޭނާއަށް އެހީތެރިކަމާއި ހަމްދަރުދީ ބޭނުންވާ ކަން މަންމަ އަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ.
ހަޔާތުގައި އެފަދަ ބޮޑު ނިންމުމެއް ނިންމުމަކީ އެހެން މީހުން ނުރައްކަލަށް ހުށަހަޅަނެ ޖެހޭ ސަބަބެއް ނޫން. އޭނަގެ ނިންމުމަށް އަހަރެން އިހްތިރާމް ކުރަން. އެއީ ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު އަހަރެމެން ކަންބޮޑުވާ ކަންތައް އެބަހުރި." އޯގާތެރި ކަމާއެކު އޭނާ ބުންޏެވެ. "ހަގީގަތަށް ވިސްނާ. ދަރިފުޅު ތި ދާއިރާ އިން ޚާއްޞަވާން ބޭރަށް ދާން ޖެހޭ. އެނބުރި އައިސް އަމިއްލަ ހޮސްޕިޓަލެއް ގާއިމުކުރަން ޖެހޭ. ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ފަސޭހަވާނީ ރަނގަޅު އާއިލާއެއްގެ ކުއްޖަކާ އިނދެގެން. ދަރިފުޅާ އިންނަން އެދިއެދި އެތައް ބަޔަކު އެބަތިބި."
"އިމާމާ އާ އިނދެގެން ދަރިފުޅަށް ލިބޭނީ ކޯޗެއް؟ އެ އާއިލާގެ ސަބަބުން އަހަރެމެންގެ އަގު ވެއްޓޭނެ. ދަރިފުޅުގެ މުސްތަގްބަލާ މެދު އެއްފަހަރުވެސް ވިސްނާލިންތަ؟ އަމިއްލަ އަށް ދަރިން ލިބޭ ދުވަހަކު އެ ދަރިން ގާތު ދަރިފުޅު ބުނާނީ ކީކޭ؟"
މަންމަގެ ނަސޭހަތް އަޑު އަހަން އޭނާ ކިޔަމަންތެރި ކަމާއެކު އޭނާ އިނެވެ. އެކަމަކު އެ ނަސޭހަތް ގަބޫލުކުރި ކަމެއް ނުވަތަ ނޫންކަމެއް އޭނާގެ މޫނުމަތިން ނޭނގެއެވެ.
***
ޖެހިގެން އައިރޭ ވެސް އިމާމާ ޖަލާލަށް ގުޅިއެވެ. ފޯނު ނެގީ ވެސް އޭނާއެވެ. އޭނާގެ ވާހަކައިން އިމާމާގެ ހިތް ކުދިކުދި ވިއެވެ. ޖަލާލްގެ ބައްޕަ އަށްވުރެ ބޮޑަށް މަންމަ އެ ކާވެންޏާ ދެކޮޅެވެ.
"އިމާމާގެ ވާހަކަ ބުނުމުން މަންމަ ބުނީ އެއީ އިމާމާގެ މައްސަލައެކޭ. އަހަރެމެންނާ ބެހޭ ކަމެއް ނޫނޭ." ޖަލާލް ގެ އެ ޖުމުލައިން އޭނާގެ މޭ ތޮރުފައިލިއެވެ.
"އަހަރެން ވަރަށް މަސައްކަތް ކޮށްފިން. މަންމަ ރުއްސޭނޭ އެއްވެސް ގޮތެއް ނެތް." ޖަލާލް ނިންމި ގޮތް އޭނާ ބުނެލިއެވެ.
"އެ މީހުންގެ ރުހުން ނެތި ޖަލާލަށް އަހަންނާ ނީނދެވޭނެތަ؟" އިމާމާ އެހިއެވެ.
(ނުނިމޭ)