ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ހުއްދަ ހޯދައިގެން ހިންގާ ބައެއް މަޝްރޫޢުތަކުން ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް ވެލިނަގައި އެވެލި އެހެން ފަރާތްތަކަށް ވިއްކައި، ނުވިއްކާނަމަ ކަނޑަށް އަޅައި ރިސޯސް އިސްރާފު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ގެދޮރު ޢިމާރާތް ކުރުންފަދަ ކަންކަމަށް މެޝީނަރީ ބޭނުންކޮށްގެން ވެލިނެގުމަށް ކޮންމެ އަތޮޅަކުން ވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވާނެ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ހިސާބުތަކުން ވެލި ނެގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް ނަޢީމް ވިދާޅުވިއެވެ.
އެހެންނަމަވެސް ރަށްރަށުގެ ގޮނޑުދޮށުންނާއި ފިނޮޅުތަކުން ޤަވާޢިދާ ޚިލާފަށް ވެލިގަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށް ނަޢީމް ވިދާޅުވިއެވެ. އޭގެ އިތުރަށް އެއްވެސް ހުއްދައެއް ހޯދުމަކާނުލައި ޕަމްޕް ބޭނުންކޮށްގެން ފަޅުތަކުން ވެސް ވެލިނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވޭނީ އީއައިއޭ ހަދައިގެން ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް ނަޢީމް ވިދާޅުވިއެވެ.
ނަޢީމް ވިދާޅުވީ ރަށްރަށުގެ ގޮނޑުދޮށުންނާއި ފިނޮޅުތަކުން ވެލިނަގާތޯ ބެލުމަކީ އެރަށެއްގެ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ބަލާނެ އިންތިޒާމެއް ހަމަޖެއްސެވުމަކީވެސް އެކައުންސިލެއްގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ ގޮނޑުދޮށުންނާއި ފިނޮޅިތަކުން ޤަވާޢިދާ ޚިލާފަށް ވެލިނަގަމުންދާ ކަމަށްވާނަމަ އެކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.