ފާނޫޒު - 8

(28 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިމުމުން ސާލާރްގެ ގުރޭޑު ބަދަލުކުރިއެވެ. ދެވަނަ ޓާމު ނިމުމުން ޖެހިގެން އޮތް ގުރޭޑަށް އަނެއްކާވެސް ބަދަލުކުރިއެވެ. އެއީ ސިކަންދަރު ބޭނުންވާ ގޮތެއް ނޫނެވެ. އުމުރުން އަށް އަހަރާއި ދިހަ އަހަރުގައި ސާލާރް އޯ ލެވެލް އާއި އޭ ލެވެލްގައި އިށީންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އެއް ކުލާހުން އަނެއް ކުލާހަށް މިގޮތަށް ބަދަލުކުރަމުން ދާނަމަ އޯލެވެލްގައި އިށީންނާނީ އެ އުމުރުގައެވެ.

"މިގޮތަށް ސާލާރް ކުލާސް ބަދަލުކުރުމަކީ އަހަރެން އެދޭ ގޮތެއް ނޫން. އޭނައަށް ކުލާހުގައި ދޭ މަސައްކަތް އިތުރުކޮށްގެން ނަމަވެސް އަހަރު ނިމެންދެން ގްރޭޑް ބަދަލުނުކޮށް ވާނެ ގޮތެއް ހަމަޖައްސަވައިދެއްވާ."

ސިކަންދަރުގެ ކަންބޮޑުވުން ހިއްސާ ކުރުމުން ޓާމުގެ މެދުތެރެއިން ސާލާރް ކުލާސް ބަދަލުކުރުން ހުއްޓާލައިފިއެވެ. އޭގެ ބަދަލުގައި އިތުރު ހަރަކާރްތަކުގައި އޭނާ ބައިވެރިކުރަން ފެށިއެވެ. ސާލާރް އެންމެ ޝައުގުވެރިވީ ރާޒުވާ، ޓެނިސް، ގޮލްފް، އަދި މިއުޒިކަށެވެ.

***

"ޖުވައިރިއްޔާ، ޕްރޮފެސަރ އިމްތިނާންގެ ނޯޓްސް ދީފާނަންތަ؟" ޖުވައިރިއްޔާ އިނީ ފިލާވަލު ދަސްކުރާށެވެ. އެހެން ބުނުމާއެކު އިމާމާއަށް ފޮތް ދިއްކޮށްލައިފައި ސުވާލުކުރިއެވެ.

"ކީއްވެ މިހާރު ލެކްޗަރ ނޯޓްސް ނުނަގަނީ؟"

"އަހަންނަށް އެނގޭނަމަ ނަގާނަން."

"ތިބުނީ ކީކޭ؟ ޕްރޮފެސަރ އިމްތިނާންގެ  ފިލާވަޅުތައް އިމާމާއަކަށް ނޭނގޭތަ؟" ޖުވައިރިއްޔާއަށް އިމާމާގެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.  "އިމްތިނާނަކީ ނުލާހިކު މޮޅު ލެކްޗަރަރ އެއް."

"އަހަރެން ބުނިންތަ އޭނަ މޮޅެއް ނޫނޭ؟ އަހަންނަށް ހަމަ ނޭނގެނީ." އެހެން ބުނެފައި ޖުވައިރިއްޔާގެ ފޮތް ހުޅުވައިގެން ކިޔަން ފެށިއެވެ.

"މިހާރަކަށް އައިސް ކަމަކަށް ގެއްލިފައިތަ ތި އިންނަނީ؟ ކަމަކާ ފިކުރު ބޮޑުވެފައިތަ؟" ޖުވައިރިއްޔާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

"ކަމަކާ ކަންބޮޑުވެފައިހޭ؟ ނޫން..."

"ލޯކައިރިވެސް ތިހުރީ ކަޅުވެފަ. އަހަރެން ތިނެއް ޖެހި އިރު ހޭލެވުނު. އޭރުވެސް ނުނިދަމެއްނު."

"އަހަރެން އިނީ ފިލާވަޅު ދަސްކުރަން." ދިފާއުގައި އިމާމާ ބުންޏެވެ.

"ނޫން. ފިލާވަޅު ދަސްކުރާކަށް ނޫން އިނީ. ކުރިމަތީގައި ފޮތެއް އޮތް. އެކަމަކު އިނީ އެހެން ޚިޔާލަކަށް ގެއްލިފައި. ކޮންމެވެސް ކަމަކާ އެބަވިސްނާ. ބުނެބަލަ؟"

"ކޮން ކަމެއް އޮންނާނީ، ފިކުރު ބޮޑުވާން."

"ދެން ކީއްވެ މިހާރަކަސް އައިސް މާ މަޑުމަޑުން އިންނަނީ." ޖުވައިރިއްޔާ ބޭނުންވީ އިމާމާއަށް އެހީވާށެވެ.

"އަހަރެން އިންނަނީ މަޑުމަޑުންތަ؟" ހިނިތުންވާން މަސަައްކަތް ކުރަމުން އިމާމާ ވާހަަކަ ދެއްކިއެވެ. "މިހާރު ކުރިއަށްވުރެ މާ އަނގަ ވެސް ގަދަކަން ނޭނގޭ."

"މިއީ އަހަރެން އެކަނި ދައްކާ ވާހަކައެއް ނޫން. އަބަދުވެސް ކޮންމެވެސް ފިކުރެއްގައި އިންނަ ހެން ހީވަނީ. ހުރިހާ އެންމެންނަށް އެކަން ފާހަގަކުރެވޭ." ޖުވައިރިއްޔާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

"އެއްވެސް ކަމަކާ ނުވިސްނަން. ކިޔެވުމާގެން އުޅޭތީ ހީވާގޮތެއް ކަމަށްވެދާނެ."

"ތި ވާހަކަ ގަބޫލެއް ނުކުރެވޭ. އެހެންްނޫނަސް އަހަރުމެން މި ކިޔަވަނީ އެކައްޗެއް. އުޅެނީ އެންމެން އެކުގައި. އަހަރުމެންނަކަށްވުރެ މަސައްކަތް ބުރައެއް ނުވާނެ." ޖުވައިރިއްޔާ އިމާމާގެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އިމާމާ ފުން ނޭވައެއް ލިއެވެ. އެއް ވާހަކައެއް އަޑު އިވިއިވި އޭނާ ފޫހިވާން ފަށަފިއެވެ.

"ގޭގެ ހުރިހާ ކަމެއް ރަނގަޅުތަ؟"

"އާނ. އެއްވެސް މައްސަލައެއް ނޫޅޭ."

"އަސްޖަދާ ދެބަސްވީތަ؟"

"އޭނައާ ދެބަސްވާންވީ ކީއްވެ؟" ފޫހިވެފައި އިނދެ ޖުވައިރިއްޔާގެ ސުވާލުތަކަށް އިމާމާ ޖަވާބުދިނެވެ.

"ކޮންމެވެސް ކަމަކާ ދެ މީހުން..." އިމާމާ ޖުވައިރިއްޔާގެ ވާހަކަ ހުއްޓުވިއެވެ.

"އަހަރުމެންގެ މެދުގައި އެއްވެސް މައްސަލައެއް ނެތޭ މި ބުނަނީ އަހަރެން. ކީއްވެ އަހަރެން ބުނީމަ ގަބޫލުނުކުރަން ތިއުޅެނީ؟ އަހަރެންގެ ކޮން ކަމެއް ނޭނގެނީ؟ ކޮން ވާހަކައެއް އަަހަރެން ހިއްސާ ނުކުރަނީ؟ އަހަންނަކީ ކުށްވެރިއަކީތަ، ބޮޑު ތަހުގީގެއް ތި ހިންގަނީ؟" އިމާމާ ރުޅި އަންނަ ގޮތްވިއެވެ.

ޖުވައްރިއްޔާ އިނީ ވާނުވާ އެއް ނޭނގިފައެވެ. ގަބޫލުކުރަމޭ. އަހަރެން ކަންބޮޑުވެދާނެތީ ނުބުނެ ހުރީ ކަމަށް ހީކުރީ."

ޖުވައިރިއްޔާ އަނެއްކާވެސް މޭޒުދޮށުގައި އިށީނދެ ފިލާވަޅު ކިޔަން ފެށިއެވެ. އިރުކޮޅަކު އެހެން އިނދެފައި އާފުރެން ފެށުމުން އިމާމާ އާ ދިމާއަށް އެނބުރުނެވެ. އިމާމާވެސް އިނީ ފޮތެއް ހިފައިގެންނެވެ. އޭނާގެ ލޯ ހުއްޓިފައި ހުރީ ކުރިމަތީގައި ހުރި ފާރަށެވެ.

***

ކޯރާ ދިމާއިން ބްރިޖާ ތަންކޮޅެއް ދުރުގައި އޭނާ ކާރު ޕާކު ކުރިއެވެ. ކާރުތެރެއިން މަސްބާނާ އާލާތް ނަގައިގެން ބްރިޖާ ދިމާއަށް ދިޔައެވެ. މަގުން ހިނގާފައި ދިޔަ މީހުންނަށް އޭނާ ފެނުނެވެ. އެކަމަކު ހުއްޓުވާކަށް ނޫޅެއެވެ. ބްރިޖު މައްޗަަށް އަަރައި ޓީޝާޓު ބާލާފައި ކޯރު ތެރެއަށް އެއްލައިލިއެވެ. އޮޔާ ދެމެމުން ޓީޝާޓު ދާން ފެށިއެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ ޖިންސުން އޭނާގެ އިސްކޮޅު އިތުރަށް ހާމަވެއެވެ.

އޭނާގެ ލޮލަކުން އެއްވެސް ކަހަލަ އަސަރެއް ނުވަތަ ޖަޒުބާތެއް ފާޅެއް ނުވެއެވެ. އުމުރުން ވާނީ 19 އަހަރާއި 29 އަހަރާ ދެމެދުގެ އަހަރެވެ. ނަަމަވެސް އިސްކޮޅާއި ހަށިގަނޑަށް ބަލާއިރު އެއަށްވުރެ ދޮށި ކަމަށް ފެނެއެވެ. އޭނާގެ އަތުގައި އޮތް ވަލުގެ އެއްކޮޅު އަތުގައި ބޭއްވުމަށް ފަހު ކޯރުގެ ފެނުގައި ޖެހެންދެން ވާ ތިރިއަށް ދޫކުރިއެވެ. އެއަށްފަހު އަތުގައި އޮތް ކޮޅު ގޯނީގެ ތުނބުގައި ރަނގަޅަށް އޮޅައިލުމަށް ފަހު އައްސައިލިއެވެ. ދެން ވާ އަނެއްކާވެސް ދަމައި ނަގައިފިއެވެ. އަދި ވަލުގެ އަނެއްކޮޅުން ތިން ފޫޓެއްހައި ވަރު ބާކީ އޮންނަ ގޮތަށް ފައިގައި އައްސައިފިއެވެ. އެޔަށް ފަހު ބާކީ އޮތް ތިން ފޫޓުގައި ހެޔޮވަރުގެ ދެ މަޅި ޖަހައިފިއެވެ. އަދި ބްރިޖްގެ ފުޅައް މައްޗަށް އަރައި ދެ އަތް ފުރަގަހަށް ވާ ގޮތަށް ދެ މަޅިއަށް އަތް މަހައިލުމަށް ފަހު މަޅިއަށް ބާރު ކޮށްލިއެވެ. މިހާރު އޭނާ އެހެރީ ފައިގައި ބަރު ބަނދެ ނިމިފައެވެ.

ހިތްހަމަޖެހުމުގެ ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވިއެވެ. އޭނާ ފުރަގަހަށް ވާގޮތަށް ކޯރު ތެރެއަށް ފުންމާލައިފިއެވެ. ފެންގަނޑުގައި ފުރަތަމަ ޖެހުނީ އޭނާގެ ބޮލެވެ. ފައިގައި ޖަހައިފައިވާ ބަރުގެ އެހީގައި އޭނާ އަޑިއަށް ދާން ފަށައިފިއެވެ. ދެ އަތް ހުރީ ފުރަގަހަށް ބަނދެފައެވެ. އޭނާ ނޭވާ ހިފަހައްޓާލުމަށް ފަހު ލޯ ހުޅުވައިލެވޭތޯ ބެލިއެވެ. އެކަމަކު ކޯރުގައި ހުރި ކިސަޑު އޭނާގެ ލޮލަށް ވަންނާން ފެށީމާ ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. އޭނާގެ މޭ ފުރިގެން އަރާން ފެށިއެވެ. ނޭފަތާއި އަނގައިން ކަރު ތެރެއަށް ފެން ވަންނާން ފަށައިފިއެވެ. ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނުކުތް ނަތީޖާއެއް ނެތެވެ. މައްޗަށް އެރޭތޯ ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. މަޑުމަޑުން އޭނާގެ ހަރަކާތް ލަސްވާން ފަށައިފިއެވެ.

***

"އިމާމާ، އަވަހަށް ތައްޔާރުވޭ!" އަލަމާރިން އިމާމާގެ ހެދުން ނަގައި އެނދު މައްޗަށް އެއްލައިލަމުން ރާބިއާ ބުންޏެވެ.

"ތައްޔާރުވާށޭ؟ ކޮންތާކަށް ދާން؟"

"އަހަރުމެން މިއުޅެނީ ބާޒާރަށް ދާން. ހިނގާ ދާން." ރާބިއާ ހުރީ އިސްތިރިކުރާށެވެ.

"ނޫން. އަހަރެން ބޭނުމެއް ނޫން ބޭރަށް ދާކަށް." އެނދުމަތީގައި އޮށޯވެ ލޯމަތީގައި އަތް އަޅައި ރާބިއާއަށް ލޯ ފޮރުވިއެވެ.

"ބޭރަށް ދާކަށް ބޭނުމެއް ނޫނޭ؟ ބޭނުންތޯ އެހީ ކާކު؟ ދާން ހިނގާށޭ އަހަރެން ބުނީ."

"ބުނެފީމެއްނު ނުދާނަމޭ." ލޯމަތީގައި އަތް އަޅައިގެން އޮވެ އިމާމާ ވާހަކަ ދެއްކިއެވެ.

"ޒައިނަބް ވެސް ދޭ. އަހަރުމެން އެންމެން ދަން. ބަޒާރުން ނިމިގެން ފިލްމަކަށް ވެސް ދާނަން."

އިމާމާ ލޯމަތިން އަތް ނެގިއެވެ. "ޒައިނަބު ވެސް ދޭތަ؟"

"އާނ. އަހަރުމެން ދާ މަގުމަތީގަ އޭނަ ގޮވައިގެން ދާނީ." އިމާމާ ވިސްނަން ފެށިއެވެ.

"އިމާމާ މިހާރު ތިއުޅެނީ ވަރަށް ފޫހި ގޮތަކަށް. ބޭރަށް ދާން ބުންޏަސް ދަނީކީ ނޫން. ވެގެން އުޅޭ ގޮތެއް ވެސް އެނގޭނީ ބުނީމައެއްނު؟"

"އެއްވެސް ކަމެއް ނުވޭ. މިއަދު މާ ބޮޑަށް ވަރުބަލީ. ބޭނުންވަނީ ކުޑަކޮށް ނިދައިލާން." ރާބިއާ އަށް ބަލަން އޮވެ އިމާމާ އޮޅުންފިލުވައިދިނެވެ.

ދެ ކުދީން ވާހަކައިގައި ތިއްބާ ޖުވައިރިއްޔާ އައެވެ. އިމާމާ އެއްބަސްކުރެވޭތޯ އޭނާ ވެސް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާއަށް ވެސް ދެއްކީ ވަރުބަލި ކަމުގެ ބަހަނާ އެވެ. ކުދި ކިޔަމުން ރާބިއާ އާއި ޖުވައިރިއްޔާ ކޮޓަރިން ނުކުތެވެ.

ދިޔަ މަގުމަތީގައި ޒައިނަބު ގޮވައިގެން ތަންކޮޅަކަށް ދެވުނުތަނާ ޖުވައިރިއްޔާ އަށް ކަމެއް ހަނދާންވިއެވެ. އޭނާއަށް އާދެވުނީ ހޮސްޓެލްގައި ވޮލެޓު ބާއްވާފައެވެ. "ވޮލެޓް ބަލާ ދާން އެބަޖެހޭ،" ޖުވައިރިއްޔާ ބުންޏެވެ. ހޮސްޓެލްއަށް ދިޔައިރު ކޮޓަރި ހުރީ ތަޅުލާފައެވެ.

"ކޮބާ އިމާމާ؟" ރާބިޔާ ހުރީ ހާސްވެފައެވެ.

"ނޭނގޭ. ކޮޓަރި ތަޅުލާފަ ކޮންތާކަށްބާ އެ ދިޔައީ؟ ނިދަން އުޅޭ ވާހަކަ ބުނީ." ޖުވައިރިއްޔާ ބުންޏެވެ.

"އެހެން ކޮޓަރިއަކަށް ދިޔައީބާ؟" ރާބިއާ އެހެން ބުނުމުން ޖުވައިރިއްޔާ އެހެން ކޮޓަރިތައް ބަލަން ފެށިއެވެ. އިމާމާގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.