ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ހޯދުމުގެ ބޭނުމުގައ ދެކުނު ކޮރެޔާ މީހަކު ކަނު މީހަކަށް ހެދިގެން 8 އަހަރު ދުވަހު އުޅެފިއެވެ.
ބުސާން ޔެއޮންޖޭ ޕޮލިސް ސްޓޭޝަނުން ހާމަކުރި ގޮތުގައި ޕެންޝަނާއި ނުކުޅެދުންތެރިކަމާ ބެހޭ ގާނޫނާ ޚިލާފުވެގެން 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް، އޭނާއަކީ ކާކުކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ އަސްލު ހާލަތު ނޫން އެހެން ހާލަތެއް ދައްކައިގެން ލޯ އަނދިރިވުމުގެ ފުރަތަމަ ދަރަޖައިގެ (އެއް ގޮތަކަށްވެސް ލޮލަށް ނުފެންނަ ދަރަޖައިގެ) ބަލި މީހަކަށް ހެދިގެން އުޅުމެވެ.
އެ މީހާ ބޭޒާރުވީ ފާއިތުވި 8 އަހަރު އޭނާއަކީ އެއްގޮތަކަށްވެސް ލޮލަށް ނުފެންނަ މީހަކަށް އޭނާ ކާރު ދުއްވާފައި އައިސް ޕާކުކުރަނިކޮށް ފެނިގެން ދެކުނު ކޮރެޔާގެ އެންޓި-ކޮރަޕްޝަން އެޖެންސީއަށް ރިޕޯޓުކުރުމުންނެވެ. އެމީހާ ބުނީ އޭނާ ކާރު ޕާކުކޮށްފައި ވަނީވެސް ވަރަށް ފަސޭހަކަމާއެކުގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކަނު މީހަކަށް ހެދިގެން އުޅުނު މީހާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތުގެ ގޮތުގައި 118 މިލިއަން ވޮން (1 ލައްކަ ޔޫއެސް ޑޮލަރު) ފާއިތުވި 8 އަހަރު ދުވަހު ނަގާފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި އެމީހާ އަކީ ލޮލުގެ ބައްޔެއް ޖެހި ކޮންމެވެސް ވަރަކަށް ލޯ އަނދިރިވެފައިވީ ނަމަވެސް އާދައިގެ މީހެއްގެ ގޮތުގައި އުޅެވޭވަރަށް ލޮލަށް ފެންނަ މީހެކެވެ.
Vagakah haas dhuvas verinnah eh dhuvas.
Kihaa bodu lan'deh thi libunee