ތ. އަތޮޅު ތިމަރަފުށީ ގެއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހީވުމަށް ބަހައްޓާފައިވާ ފޮށިން ވެސް ވައްކަން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެމީހާގެ އެހީ ފޮށި ހަލާކުކޮށްގެން ވައްކަން ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 5:30 އެހައިކަންހާއިރު ކަމަށެވެ.
މި ރިޕޯޓު ލިބުމުން ފުލުހުންވަނީ އެގެއަށް ގޮސް ގެ ބަލައި ފާސްކޮށްފައެވެ. އަދި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވުނު މީހާ ހޯދައި އޭނާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ފަސްކުރިއިރު އޭނާގެ އަތުން ވަނީ 2785 ރުފިޔާ ފެނިފައެވެ. އެފައިސާ ވަނީ ވެރި ފަރާތާ ޙަވާލުކޮށްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.
މިދުވަސްވަރަކީ މާލެއާއި އެހެން ބައެއް ރަށްރަށުގައި ވައްކަން އިތުރުވެފައިވާ ދުވަސްވަރެކެވެ.