ޝައްކެއްނެތެވެ. ރަމަޟާންމަހަކީ އެމައްސަރުގައި ރޯދަހިފުން މާތް ﷲ ފަރުޟުކުރެއްވި މައްސަރެވެ. އިސްލާމްދީނުގެ ރުކުނެއްގެ ގޮތުގައެވެ. އެމަހުގައި ރޯދަހިފުމާއި ނުލައި އިސްލާމްކަން ފުރިހަމަ ނުވާގޮތުގައެވެ. އެހެނަސް، ރަމަޟާންމަސް ފިޔަވައި އަހަރުގެ އެހެން ދުވަސްތަކުގައި ރޯދަހިފުންވެސް މާތް ﷲ ޝަރުޢުކުރައްވާފައި ވެއެވެ. ސުންނަތް ރޯދައިގެ ގޮތުގައެވެ. ﷲގެ ޙަޟްރަތަށް ކުއްތަންވާން އެދޭ އަޅަކު ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ. ސުންނަތް ރޯދައަކީ، އެރޯދަ ނުހިފުމުން މީހާ ފާފަވެރި ނުވިޔަސް، ހިފުމުން ގިނަގުނަ ސަވާބު ލިބޭ އަޅުކަމެކެވެ. އެހެންކަމުން، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރުމަށް ލިބޭ މިފަދަ ފުރުޞަތުތައް ދޫކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ރަމަޟާންމަސް ނިމުނަސް އަހަރުތެރޭ އެހެން ދުވަސް ދުވަހު ރޯދަ ހިފުން އާދައަކަށް ހަދަމާ ހިނގާށެވެ. ރޫޙަށާއި ޖިސްމަށް ދެވޭ ތަރުބިއްޔަތެއްގެ ގޮތުގައެވެ. ޤިޔާމަތްދުވަހު ހިސާބު ބެއްލެވޭއިރު ތިމާގެ ހެޔޮކަމުގެ ފަތް ކަނާތަށް ލިބޭމީހުންގެ ތެރޭގައި ވޭތޯއެވެ.
ކީރިތި ރަސޫލު صلى الله عليه وسلمގެ އަރިއަހުން ވާރިދު ވެފައިވާ ވަރަށްގިނަ ސުންނަތް ރޯދަ ވެއެވެ. އޭގެ ތެރެއިން މުހިއްމު ބައެއް ރޯދަތަކަށް ބަލައިލާނަމެވެ. ސުންނަތް ރޯދައިގެ ތެރެއިން އެންމެ މަތިވެރި ދަރަޖައެއް ދެވިފައިވާ އެއް ރޯދައަކީ ޝައްވާލުމަހުގެ ހަދުވަހުގެ ރޯދައެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބު އަލްއަންޞާރީގެ އަރިއަހުން މުސްލިމް، އަޙްމަދު، އަބޫދާވޫދު، އައްތިރްމިޛީ، އިބްނު ޚުޒައިމާ އަދި އިބްނު ޙިއްބާން ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ (ރަމަޟާންމަހު ރޯދަހިފުމަށް ފަހު، އެއާއި ވިއްދައިގެން ޝައްވާލުމަހުން ހަރޯދަ ހިފައިފިމީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ.) މިޙަދީޘް މާނަކުރެއްވުމުގައި ޢިލްމުވެރިން ވިދާޅުވަނީ ރޯދައަކަށް ދިހަ ރޯދައިގެ ސަވާބު ލިބުމުން ރަމަޟާންމަހުގެ ރޯދައަކީ ދިހަމަސްދުވަހުގެރޯދައެވެ. ހަދުވަހުގެ ރޯދައަކީ ދެމަސްދުވަހުގެ ރޯދައެވެ. އެއިރުން ބާރަ މަސް ހަމަވީއެވެ. މިފަދަ މާތްކަމެއް ލިއްބައިދޭ އަޅުކަމެއް ދޫކުރުމުން ރަނުގެ ފުރުޞަތެއް ނަގާލެވުނީއެވެ. ރަމަޟާންމަހު ރޯދައަށް ހޭނިފައި ހުރުމުން އިތުރު ހަދުވަހު ރޯދަ ހިފުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.
ހަދުވަހު ރޯދަހިފުމުގައި އެންމެ ރަނގަޅު ގޮތްކަމަށް ޢިލްމުވެރިން ވިދާޅުވަނީ ޢީދުދުވަހަށްފަހު ވިދިވިދިގެން ހަދުވަހު ރޯދަހިފުމެވެ. އެމަހުގެ ތެރޭގައި ވަކިވަކިން ހިފައި ވެސް ހަމަކުރެވިދާނެއެވެ.
މުޙައްރަމްމަހަކީވެސް އެމައްސަރުގައި ރޯދަހިފުން މޮޅުއިތުރުވެގެންވާ މައްސަރެއްކަމަށް ރަސޫލު صلى الله عليه وسلمގެ އަރިއަހުން ވާރިދުވެފައި ވެއެވެ. މުސްލިމް، އަބޫދާވޫދު، އައްނަސާއީ، އައްތިރްމިޛީ އަދި އިބްނުމާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. أفضل الصلاة بعد المكتوبة الصلاة في جوف الليل، وأفضل الصيام بعد شهر رمضان شهر الله المحرم (ފަރުޟުނަމާދަށްފަހު އެންމެ މާތް ނަމާދަކީ ރޭގަނޑު ދަންވަރު ކުރެވޭ ނަމާދެވެ. އަދި ރަމަޟާންމަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދައަކީ މުޙައްރަމްމަހުގައި ހިފޭ ރޯދައެވެ.) ޚާއްޞަކޮށް އެމަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު، ނުވަތަ ތާސޫޢާއާއި ޢާޝޫރާ ދުވަހުގެ ރޯދައަކީ މާތްކަން ބޮޑު ރޯދައެވެ. ޢާޝޫރާދުވަހުގެ ރޯދައާއި ބެހޭގޮތުން މާތްﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިއަހުން މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلمގެ އަރިއަހުގައި ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ދެންނެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. يُكَفِّرُ السَّنَةَ الْمَاضِيَةَ (އެރޯދައިން ފާއިތުވި އަހަރުގެ ފާފަ ފުއްސެވެއެވެ.) ތާސޫޢާދުވަހުގެ ރޯދައިގެ ސުންނަތްކަން ޢަބްދުﷲ ބްނު ޢައްބާސްގެ އަރިއަހުން މުސްލިމް ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘުން އެނގެއެވެ. އެކަލޭފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. لَئِنْ بَقِيتُ إِلَى قَابِلٍ لأَصُومَنَّ التَّاسِعَ (ތިމަންކަލޭގެފާނު އަންނަ އަހަރާއި ހަމައަށް ދުނިޔޭގައި ހުންނެވިއްޔާ (މުޙައްރަމްމަހުގެ) ދިހަވަނަ ދުވަހު ރޯދަ ހިއްޕަވާހުށީމެވެ.)
ޢާޝޫރާ ދުވަހުގެ ރޯދަ ޢިލްމުވެރިން ތިން ދަރަޖައަކަށް ބައްސަވާފައި ވެއެވެ. ފުރަތަމަ ދަރަޖައަކީ ތިންދުވަހު ރޯދަ ހިފުމެވެ. އެއީ ދިހަވަނަ ދުވަހުގެ ކުރިން އެއްދުވަހާއި ފަހުން އެއްދުވަހުވެސް ހިފުމެވެ. ދެވަނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. ތިންވަނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ހިފުމެވެ.
ޢަރަފާތް ދުވަސް ނުވަތަ ހައްޖު ދުވަހަކީވެސް އެދުވަހު ރޯދަހިފުމުގެ މާތްކަން ކީރިތި ރަސޫލު صلى الله عليه وسلمގެ ޙަދީޘުތަކުން ސާބިތުވާ ދުވަހެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫޤަތާދާގެ އަރިއަހުން މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلمގެ އަރިއަހުގައި ޢަރަފާތް ދުވަހު ރޯދަހިފުމާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ (ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް އެރޯދައިގެ ސަބަބުން ފުއްސެވޭނެއެވެ.) ޢަރަފާތްދުވަހު ރޯދަހިފުން ސުންނަތް ވެގެން ވަނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. ޙައްޖުވެރީންނަކަށް އެދުވަހު ރޯދަހިފުމެއް ނެތެވެ.
ރަސޫލުﷲ صلى الله عليه وسلم ރަމަޟާންމަސް ފިޔަވައި އެންމެ ގިނައިން ރޯދަ ހިއްޕެވީ ޝަޢުބާންމަހުގައެވެ. އެކަލޭގެފާނު އެމައްސަރުގެ ގިނަ ދުވަހު ރޯދައަށް ހުންނަވާ ކަމުގައި ވިއެވެ. މާތް ﷲ ރުއްސުންލެއްވި އުސާމާ ބްނު ޒައިދުގެ އަރިއަހުން އައްނަސާއީއާއި އަބޫދާވޫދު ރިވާކުރައްވާފައިވެއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާންމަހުގައި ކަލޭގެފާނު ރޯދައަށް ހުންނަވާވަރަށް އެހެން އެއްވެސް މައްސަރެއްގައި ރޯދައަށް ހުންނަވާތަން ތިމަން ނުދެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ (އެމައްސަރަކީ ރަޖަބާއި ރަމަޟާނާއި ދެމެދުގައި، މީސްތަކުން އެމައްސަރާއިމެދު ޣާފިލުވެފައިވާ މައްސަރެކެވެ. އެމައްސަރަކީ އެމައްސަރުގައި ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެކެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވުން ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.) ޝައްކެތް ނެތެވެ. ރޯދައަށް ހުއްޓައި އެމީހެއްގެ ޢަމަލުތައް ކީރިތި ﷲގެ ޙަޟްރަތަށް އުފުއްލެވޭ މީހާއީ ނަޞީބުވެރިއެކެވެ. އެހެނީ، ރަސޫލުﷲ صلى الله عليه وسلمގެ ޙަދީޘުފުޅުތަކުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި ރޯދަ، ރޯދަވެރިޔާއަށް ޝަފާޢަތްތެރިވާނެއެވެ.
މަތީގައި ބަޔާންކުރެވުނު ޚާއްޞަ މައްސަރުތަކާއި ދުވަސްތަކުގެ އިތުރުންވެސް ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއްގައްޔާއި ހަފުތާގެ ވަކި ދުވަސްތަކެއްގައިވެސް ރޯދަ ހިފުމުގެ މާތްކަން ރަސޫލުﷲ صلى الله عليه وسلمގެ ޙަދީޘުފުޅުތަކުން ސާބިތުވެއެވެ. މިގޮތުން ކޮންމެ މަހެއްގައި ތިންދުވަހު ރޯދަހިފުމަށް އެކަލޭފާނު އަންގަވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أَوْصَانِي خَلِيلِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَيْ الضُّحَى وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ (ތިމަންކަލޭގެފާނުގެ މިތުރު ރަސޫލުﷲ صلى الله عليه وسلم ތިންކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހަކު ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާނަމާދުގެ ދެ ރަކްޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރު ކުރުމަށެވެ.) މިޙަދީޘުގައި މައްސަރުގެ ވަކި ތިންދުވަހެއް ކަނޑައަޅާފައި ނެތަސް އެހެން ޙަދީޘަކުން އެތިންދުވަސް އެނގެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަލްޙާންގެ އަރިއަހުން އަބޫދާވޫދު ރިވާކުރައްވާފައި ވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُنَا أَنْ نَصُومَ الْبِيضَ ثَلَاثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ قَالَ وَقَالَ هُنَّ كَهَيْئَةِ الدَّهْرِ (ރަސޫލުﷲ صلى الله عليه وسلم ތިމަންމެނަށް ކޮންމެ މައްސަރެއްގެ ހަނދުފުރިހަމަވާ ތިންދުވަސްކަމުގައިވާ، ތޭރަވަނަދުވަހާއި، ސާދަވަނަދުވަހާއި، ފަނަރަވަނަ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ. އިތުރު އެކަލޭގެފާނުވިދާޅުވިއެވެ. އެތިން ދުވަހު ރޯދަ ހިފުން މުޅިއަހަރު ރޯދަ ހިފުން ފަދައެވެ.)
މިއަށްވުރެ އިތުރަށް ސުންނަތް ރޯދަހިފަން ބޭނުން މީހަކަށް އެމަގުވެސް ވަނީ ދީނުގައި ތަނަވަސްވެފައެވެ. ކޮންމެ ހަފްތާއަކު ދެދުވަހު، ހޯމަ، ބުރާސްފަތި ދެދުވަހު ރޯދައަށް ހުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އައްތިރްމިޛީ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. تُعْرَضُ الْأَعْمَالُ يَوْمَ الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ ((މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅެނީ ހޯމަދުވަހާއި ބުރާސްފަތިދުވަހުއެވެ. އަދި ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް ހުށަހެޅުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމުއެވެ.) މި ޙަދީޘުގައި މިވަނީ މުޙައްރަމް މަހު ރޯދަހިފުމާބެހޭގޮތުން ވެސް އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވި ފަދައިންނެވެ. އާދެ! ރޯދައަށް ހުންނަ ޙާލު މީހާގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް ހުށަހެޅުމަކީ ކޮންމެ މީހަކުވެސް އެދެންވާނެ ގޮތެވެ.
ވީހާވެސް ގިނައިން ރޯދައަށް ހުރުމަށް އެދޭމީހާއަށް ރަނގަޅު ގޮތެއްވެސް ރަސޫލުﷲ صلى الله عليه وسلم އަންގަވާ ދެއްވާފައި ވެއެވެ. އެއީ ދެދުވަހުން އެއްދުވަހު ރޯދައަށް ހުރުމެވެ. މިއީ ކީރިތި ﷲ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ރޯދައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢަމްރު ބްނު އަލްޢާޞްގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. إِنَّ أَحَبَّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ وَأَحَبَّ الصَّلَاةِ إِلَى اللَّهِ صَلَاةُ دَاوُدَ عَلَيْهِ السَّلَام كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ وَكَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا (ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރޯދައަކީ ދާވޫދު عليه السّلامގެ ރޯދައެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ދާވޫދު عليه السّلامގެ ނަމާދެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވާފައި، ތިންބައިކުޅަ އެއްބައިގައި ނަމާދު ކުރައްވައެވެ. އަދި ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އަދި އެއްދުވަހު ރޯދައަށް ހުންނަވާފައި، އަނެއް ދުވަހު ރޯދަ ނުހިއްޕަވައެވެ.)
ކޮންމެ ބޭފުޅަކުވެސް މިދެންނެވުނު ސުންނަތް ރޯދައިގެ ތެރެއިން އެބޭފުޅަކަށް ކުޅަދާނަވީ މިންވަރަކުން ރޯދައަށް ހުންނެވުމަކީ ހަމަ ޔަޤީނުންވެސް އާޚިރަތުގެ ސަވާބާއި ދަރުމަ އިތުރު ކުރުމަށް އޮތް ފަސޭހަ މަގެކެވެ.