ފިޠުރު ޒަކާތް

ފިޠުރު ޒަކާތް ނުވަތަ زكاة الفطر އަކީ ރަމަޟާންމަހު ރޯދަހިފައި ނިމުމުން ޢީދު ނަމާދަށް މީހުން ނުކުތުމުގެ ކުރިން، އޭނާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ޢީދުދުވަހާއި އެދުވަހުގެރޭ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އޭނާގެ ފަރާތުންނާއި، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ނެރުން ފަރުޟުކުރައްވާފައިވާ އެއްޗެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢުމަރުގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " فَرَضَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى الْعَبْدْ وَاْلحُرِّ وَالذَّكَرِ وَاْلأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ " (ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّمَ މުސްލިމުންގެ ތެރެއިން އަޅުންނާއި، މިނިވަނުންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، ބޮޑެތިމީހުންގެ މައްޗަށް ރަމަޟާންމަހުގެ ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ.) ފިޠުރު ޒަކާތް ނެރުން ވާޖިބުވަނީ ރަމަޟާންމަހުގެ ފަހުދުވަހުގެ އިރު އޮއްސުމާއި، ޢީދު ނަމާދަށް މީހުން ނުކުތުމާއި ދެމެދުއެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ފިޠުރު ޒަކާތް ނެރެވިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ޢީދު ނަމާދަށްވުރެ އެ ޒަކާތް ފަސްކުރުމަކީ ޙަރާމްކަމެކެވެ.

ފިޠުރު ޒަކާތް ފަރުޟުކުރެއްވީ ދެޙިކްމަތަކަށްޓަކައެވެ. ފުރަތަމަ ޙިކްމަތަކީ ރޯދަހިފައިގެން ތިބެ މުސްލިމުންނަށް ދެކެވޭ ބޭކާރު ވާހަކަތަކާ، ހުތުރު ވާހަކަތުން ރޯދައަށް ލިބޭ ކިލަނބުންކަމުން ރޯދަ ޠާހިރު ކުރުމެވެ. އަނެއް ޙިކްމަތަކީ ރަމަޟާންމަސް ނިމުމާވިދިގެން އަންނަ ފިޠުރު ޢީދުގެ އުފަލުގައި މުސްލިމުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުން ބައިވެރިކުރުމުގެ ގޮތުން އެމީހުންނަށް އެދުވަހު ކާނެ އެއްޗެއް ދިނުމެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢައްބާސްގެ އަރިއަހުން އަބޫދާވޫދާއި އިބްނުމާޖާ ރިވާކުރައްވާފައިވެއެވެ. "فرض النبي صلى الله عليه وسلم زكاة الفطر طهرة للصائم من اللغو والرفث، وطعمة للفقراء والمساكين" (ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟުކުރެއްވީ، ބޭކާރު ވާހަކަތަކާ ހުތުރު ވާހަކަތަކުން ރޯދަވެރިޔާ ޠާހިރުކުރާ އެއްޗެއްގެ ގޮތުގައްޔާއި ފަޤީރުންނާއި މިސްކީނުންނަށް ދޭ ކެއުމެއްގެ ގޮތުގައެވެ.) އެހެންކަމުން މިއަޅުކަމަކީ އެއިން ކީރިތި ﷲ މުސްލިމުންނާމެދު އޯގާވެރިވެ ވޮޑިގަންނަވާ ވަރާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ އަޅުކަމެކެވެ. ވިސްނާވަޑައިގެންބައްލަވާށެވެ! ރޯދައަށް ހުރެ ބޭކާރު ވާހަކައާއި ހުތުރު ވާހަކަ ދެއްކުމަކީ ރޯދަވެރިޔާގެ މައްޗަށް މަނާކުރައްވާފައިވާ ކަންކަމެވެ. އެހެނަސް ގަސްތުގައި ނޫނަސް މިކަމަށް އަރައިގަނެވޭ މުސްލިމުން ވަރަށް ގިނައެވެ. މީގެ ނަތީޖާއަކަށް ވާނީ އެފަދަ މީހުންގެ ރޯދަ ﷲގެ ޙަޟްރަތުގައި ގަބޫލުނުވެ ދިއުމެވެ. މިފަދަ ގޮތެއް މެދުވެރިވުމުން މުސްލިމުން ސަލާމަތްކުރެއްވުމަށްޓަކައި، ފިޠުރު ޒަކާތުގެ ގޮތުގައި، ދެވަނަ ފުރުޞަތެއް މިވަނީ ދެއްވާފައެވެ. އަނެއްކޮޅުން ބަލާއިރު ޢީދުދުވަހަކީ މުސްލިމުންނަށް އަހަރުތެރޭގައި އަންނަ އެންމެ އުފާވެރި ދުވަހެވެ. ފިޠުރު ޢީދުދުވަހަކީ ރަމަޟާންމަހުގެ ރޯދަ ފުރިހަމައަށް ހިފުމުގެ އުފާ މުސްލިމުން ފާހަގަކުރާ ދުވަހެވެ. މިދުވަހު ގާތްތިމާގެ މީހުންނަށާއި ރައްޓެހީންނަށް ކާންދިނުމަކީ ދުވަހުގެ އުފާފާޅުކުރުމުގެ ތެރޭގައި ހިމެނޭކަމެކެވެ. ނަމަވެސް މުސްލިމުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަކީ މިފަދަ ކަމެއް ކުރުމަށް ނުކުޅެދިފައިވާ މީހުންނެވެ. ތަނަވަސްކަން ނެތުމުގެ ސަބަބުންނެވެ. ފިޠުރު ޒަކާތުގެ ސަބަބުން އެމީހުންނަށް މުސްލިމުންގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.

ފިޠުރު ޒަކާތަށް ނެރެން ޖެހެނީ އެބަޔަކު ރަމަޟާންމަހު ޢާއްމުކޮށް ކާން ބޭނުން ކުރި އެއްޗަކުން ޞާޢެއްގެ މިންވަރެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު އަލްޚުދްރީގެ އަރިއަހުން އަލްބުޚާރީ ރިވާކުރައްވާފައިވެއެވެ. " كنا نخرج يوم الفطر في عهد النبي صلى الله عليه وسلم صاعاً من طعام ، وكان طعامنا الشعير والزبيب والأقط والتمر " (ތިމަންމެން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّمَގެ ޒަމާނުގައި ފިޠުރުއީދުދުވަހު (ފިޠުރު ޒަކާތުގެ ގޮތުގައި) ނެރެމުން އައީ ކާތަކެތީގެ ތެރެއިން ޞާޢެކެވެ. ތިމަންމެންގެ ކާތަކެތި ކަމުގައި ވީ ހިމަގޮދަނާއި، ހިކި މޭބިސްކަދުރާއި، އަޤިޠާއި، (އަޤިޠަކީ ޗީޒުގެ ވައްތަރެއް) ކަދުރެވެ.) އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ޢާއްމު ކެއުމަކަށް ބޭނުންކުރެވެނީ ހަނޑުލެވެ. އެހެންކުމުން ފިޠުރު ޒަކާތަށް ނެރެން ޖެހެނީ ހަނޑުލެވެ. އެބަޔަކު ރަމަޟާންމަހު ކައިއުޅުނު ފެންވަރެއްގެ ހަނޑުލެވެ. ހަނޑުލުންނަމަ ޞާޢެއްގެ މިންވަރީ 2.4 ކިލޯގްރާމެވެ.

ފިޠުރު ޒަކާތް ދޭން ޖެހެނީ މުދަލުގެ ޒަކާތްވެސް ދިނުމަށް އަންގަވާފައިވާ ފަރާތްތަކަށެވެ. އެޒަކާތް ބަހަން ޖެހެނީ އެރަށަކުން ނެގި ޒަކާތެއް އެރަށަކަށް ބަހާ އުޞޫލުންނެވެ. ރަށެއްގައި ފިޠުރު ޒަކާތް ދޭނެ ފަޤީރުންނާއި މިސްކީނުން ނެތިއްޖެ ހިނދެއްގައި އެޒަކާތް އެހެން ރަށަކަށް ގެންގޮސް ބެހިދާނެއެވެ.

މަތީގައި ބަޔާންވެ ދިޔަފަދައިން ފިޠުރު ޒަކާތަކީ ރޯދަ ޠާހިރުކުރާ އެއްޗެކެވެ. އެހެންކަމުން ރޯދަ ފުރިހަމައަށް ޤަބޫލުވެވޭނީ ފިޠުރު ޒަކާތް ނެރެގެންކަން ހަނދުމަފުޅު ބަހައްޓަވައި ފިޠުރު ޒަކާތް ނެރުއްވުމުގައި ފަރުވާ ކުޑަނުކުރައްވާށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.