"ބަންގިދިވެހި" މިއީ އަޅުގަނޑު އަލަށް އެހި ބަހެކެވެ. ބަންގިދިވެއްސަކީ ކޮބައިތޯ އޮޅުން ފިލުވައިލީމާ އެނގުނީ އެއީ ދިވެހި ބަހުގެ ވައްތަރެއް ކަމެވެ. އެއީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަނގްލާދޭޝް މީހުން ވާހަކަ ދައްކާ ދިވެހި ބަހެވެ. ބައެއް ދިވެހި ބަސް އެމީހުން ކިޔައިއުޅޭ ގޮތެވެ.
ދެބަހެއް މަސްހުނި ކުރީމާ އުފެދޭ ބަހަށް އެކި ނަންނަން ކިޔާ އަޑު އަބަދުވެސް އިވެއެވެ. އެކަމަކު ބަނގްލާދޭޝް ބަންގް އަށް ނުވެ ބަންގިއަށް ވީ ގޮތެއް ނޭނގެއެވެ. އަޅުގަނޑަށް މި ބަހުގެ މާނަ ކިޔައި ދިން މީހާ ބުނި ގޮތުގައި ގާފުގެ ފިލި ބަދަލު ކޮށްފައި އޮތީ ރީތިކޮށްލުމުގެ ގޮތުންނެވެ.
ބަނގްލާދޭޝް މީހުން ބޭނުން ކުރާ ބައެއް ބަސްބަސް އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވިފައި ވެއެވެ. އެ ބަސްތައް ކުޑަ ހާދިސާއަކުން ދަންނަވައިލާނަމެވެ.
އަޅުގަނޑު ދެތިން އެކުވެރިޔަކާއެކު މެންދުރު ކާން ހޮޓަލަކަށް އަރައިފީމެވެ. މޭޒު ދޮށުގައި އިށީނުމާއެކު މީހަކު އަތުވެއްޖެއެވެ. ވޭޓަރެކެވެ. ދިވެހި ހޮޓަތަކުގައި މުޅީންވެސް ތިބެނީ ބަނގްލާދޭޝް ވޭޓަރުންނޭ ދެންނެވުމުގެ ބޭނުމެއް އޮންނާނޭ ކަމަކަށް ނުފެނެއެވެ.
ކާން ހުރީ ކޮން އެއްޗެއްތޯ ސުވާލު ކޮށްލީމާ އޭނާ ބުންޏެވެ.
"ބަތް ހުންނަނީ. ރޮސީ ހުންނަނީ. ކޮއްތު ރޮސީ ހުންނަނީ."
ބަތާއެކު ކާން ހުރީ ކޮން އެއްޗިއްސެއްތޯ އަހައިލީމާ ކިޔައިދޭން ފަށައިފިއެވެ.
"ގޮރުދިޔަވެސް ހުންނަނީ. ރިހަވެސް ހުންނަނީ. ބަޅުމަސް ރިހަ... އޫރު ރިހަ... ދެން ހަންޑި މަސްވެސް ހުންނަނީ..."
މި ބަސްތައް ޖެހުނީ ތަރުޖަމާ ކުރާށެވެ. ބަޅުމަސް ރިހައަކީ ވަޅޯމަހު ރިހައެވެ. އޫރު ރިހައަކީ ކުކުޅު ރިހައެވެ. ހަންޑި މަހަކީ ހަނދި މަހެވެ.
އަޅުގަނޑުމެން އޯޑަރު ކޮށްފީމެވެ. އެކަކު ކެއީ ރޮސީއާއި ބަޅުމަސް ރިހައެވެ. އަނެކަކު ކެއީ ބަތާއި ގޮރުދިޔައެވެ. އަޅުގަނޑު ގެނައީ ރޮސީއާއި ފިހުނު ހަންޑި މަހެވެ.
ރަނގަޅަށް ކައި ނިމިގެން ބިލު ގެންނާށޭ ބުނީމާ ބިލު ގެނެސް ދީފިއެވެ. ބިލަށް ރަނގަޅަށް ކަޅި ހިންގައި ނުނިމިގެން އުޅެނިކޮށް އަނެއްކާވެސް ބިލެއް ގެނެސް ދީފިއެވެ. އެއީ ކޮން ބިލެއް ހެއްޔޭ އަހައިލީމާ ބުންޏެވެ.
"ތިޔައީ މާދަމާގެ ބިލު..."
އަޅުގަނޑަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެކުވެރިންގެ ތެރެއިން އެކަކު ބުނެފިއެވެ.
"މާދަމާ ނޫން އަނެއް ދުވަހުގެ ބިލުވެސް ގެނޭ."
ވޭޓަރު ހިނިތުން ވެލައިފައި ބުންޏެވެ.
"މާދަމާ ބޭބެ އައިސް ކަނީނު؟ ގެއަށް ދިޔައީ ބިލު ނުދައްކާނު؟"
ވެގެން އުޅޭ ގޮތް ސާފު ވީ ދެނެވެ. މާދަމާގެ ބިލަކީ އިއްޔެގެ ބިލެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަކު އިއްޔެ ކައިފައި ދިޔައީ ފަހުން އައިސް ފައިސާ ދޭނަމޭ ބުނެފައި ބިލު ބާއްވައިފައެވެ!