ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 17

(21 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިހެން އަހައިލި ވަގުތު އޭނާ ޚޫރުޝީދު ބަލްގުރާމީއަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އަންހެނަކު މީހަކާ ދިމާއަށް ފަރުވާތެރިކަމާ އެކު ބަލައިލާނީ އެ މީހެއްގައި ކޮންމެވެސް ޚާއްޞަ ކަމެއް ހުރެގެންނެވެ. އެހެންނަމަވެސް އެ ބަލައިލެވުނީ ކީއްވެގެން ކަމެއް އެ އަންހެނަކަށް ބުނެއެއް ނުދެވޭނެއެވެ. ހިންމަތު ރާއޯއަށް ޚޫރުޝީދު ބަލްގުރާމީ ފެނުމާ އެކު ވ.މ.މ. ލައުންޖުގައި މަރުވި އިންޖިނޭރުގެ މަތިން ހަނދާންވިއެވެ. އެ އިންޖިނޭރު އޭނާގެ އަތުގެ ނާރުތައް ދެއްކިއެވެ. މިނެޓެއްހައި އިރުގެ ފަހުން ލޭލައިފައި މަރުވީއެވެ. އޭނާ ޚޫރުޝީދު ބަލްގުރާމީއަށް އިޝާރާތްކުރަމުން ބުންޏެވެ.

"ރަންކުލައިގެ ތުނބުޅިއެއް ބަހައްޓައިފައި އެހެރަ މީހަކީ އިސްލާމެއް. އެއީ ނުޖޫމީއެއް. އޭނާގެ ނަމަކީ ޚޫރުޝީދު ބަލްގުރާމީ. ކަލޭ ފަހަރެއްގައި ވެސް އޭނާއަށް އަތް ނުދައްކާތި. އަދި އުފަން ތާރީޚު ވެސް އޭނާ ގާތު ނުބުނާތި. އެއީ ވަރަށް ނުރައްކާތެރި މީހެއް. ހިނގާ. ކުރިއަށް ހިނގާ."

ރޫޕުވަތީ ހިނގައިގަންނަމުން ބުންޏެވެ. "އޭނާ ނުރައްކާތެރިވި ސަބަބަކީ ކޮބާ؟ އޭނާއަށް އަތް ދެއްކުމުން އަތް ކަނޑައިލަނީތަ؟"

"ނޫން ކަނޑައިލަނީ އަތެއް ނޫން. ދިރިއުޅުމުގެ ބާކީ އޮތް ތަން. އޭނާގެ ދުލަކީ ވަރަށް ސުންޕާ ދުލެއް. އެއީ އަތްބަލާމީހެއް. އޭނާ ބުނާ ގޮތަކަށް ކަންތައް ވާނެ."

އެހެން ވާނީ ކިހިނަކުން ހެއްޔެވެ؟ ރޫޕުވަތީ ހިތަށްއެރިއެވެ. ވާނީ އަހަރެންގެ މަސްތީ ލޮލުން ވިސްނައިދޭ ގޮތެކެވެ. އަހަރެންގެ އަދާތަކުގެ ބަހުރުވައިން ވާހަކަދައްކާ ގޮތެކެވެ. މި ދުނިޔޭގެ އެންމެ މޮޅު ނުޖޫމީންނަކީ ރީތި އަންހެނުންނެވެ. ފިރިހެނުންގެ މުސްތަގުބަލު އޮންނާނީ އެ މީހުންގެ މުށުގައެވެ. ރޫޕުވަތީ ދަމުންދަމުން، ދުރުގައި ހުރި ޚޫރުޝީދު ބަލްގުރާމީއަށް ބަލައިލިއެވެ. އަދި ފަރިގޮތަކަށް ހިނިތުންވެލިއެވެ. ދެން އެނބުރިފައި ހިންމަތު ރާއޯއާ އެކީގައި ހިނގައިގަތެވެ. ޚޫރުޝީދު ބަލްގުރާމީއެއް އެ ކަމެއް ނުދެނަހުއްޓެވެ. އޭނާ ހުރީ ހާތޯރާއާ ވާހަކަދައްކާށެވެ. ހާތޯރާގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި އޭނާގެ ސޯމުނާއެވެ. އޭނާ ބުންޏެވެ.

"މިސްޓަރު ޚޫރުޝީދު! މިއަދަކީ ޑިސެންބަރުން ސޯޅަ ވަނަ ދުވަސް. ސުންޕާ 28 ޑިސެންބަރު ބަލަބަލައި ތިއްބާ ކައިރިވަމުން އެބަ އާދޭ. އަޅުގަނޑަކަށް ދެން ސޯމުނާއަކާ ބައްދަލެއް ނުވެވޭނެތޯ؟ ޕުލީޒް. އަދި އެއް ފަހަރު ހިސާބުކުރައްވަ ބައްލަވަ. ދުންތަރީގެ މަގު ބަދަލުވުން ވެސް އެކަށީގެންވޭ."

"އަޅުގަނޑު ކިތަންމެ ފަހަރަކު ހިސާބުކޮށްފިން. އެ ތަރި ހަމަ ބަދަލެއްނުވާނެ. ކަނޑައެޅިފައި ވާ ގަޑީގައި އެ ތަރި ބިމުގައި ޖެހޭނެކަން ކަށަވަރު."

"ލޯރާ..." މެޑަމް ފުލެޗަރުގެ ހަޅޭކުގެ އަޑު ކުއްލިއަކަށް އިވުނެވެ. އޭނާ އޭނާގެ މާމަދަރިފުޅަށް ގޮވަނީއެވެ. އެ ދެ މީހުން ދުވެފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. މެޑަމް އުޅުނީ އެނދުން ތެދުވެގެން ކޮޓެޖުން ބޭރަށް ނުކުންނާށެވެ. އެކަމަކު ވަރުދެރަކަމުގެ ސަބަބުން ކޮޓަރީގެ ދޮރުމައްޗަށް ވެއްޓުނީއެވެ. ޚޫރުޝީދު ބަލްގުރާމީ އޭނާ އަތްދަނޑިމައްޗަށް ނެގިއެވެ. އޭނާ އޮތީ ހުމާ ފިހިފިހިއެވެ. އޭނާ ބަލިކަށި އަޑަކުން ބުންޏެވެ.

"އަހަރެން ދިޔަދީ. އަހަރެންނަށް އޮތް ގޮތަކީ މަރުވުން ކަމަށް ވާ އިރު ލޯރާގެ ގާތަށް ގޮސްގޮސް ހުއްޓައި މަރުވީ ކަމުގެ ހިތްހަމަޖެހުން ލިބޭނެ. އެ ބުދު ކޮބާ؟ އަހަރެންގެ ލޯރާގެ ބުދު ކޮބާ؟ އަހަރެންގެ އަތަށް ދީ! އަހަރެން އެ ހިފައިގެން ހިނގައިދާނަން."

ޚޫރުޝީދު ބަލްގުރާމީ އޭނާ އެނދުގައި ބާއްވައިފައި ބުންޏެވެ.

"މެޑަމް! އަޅުގަނޑު އެ ބުދު ގެނެސްދޭނަން. ފުރަތަމަ މެޑަމް ހަމަޖެހިލައްވާ. މެޑަމްގެ ބުދު މިހާރު މެޑަމްގެ ކުރިމައްޗަށް ގެންނާނެ. އަދި ލޯރާ މެޑަމަށް ލަވަ ކިޔައިދޭނެ. ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓަރ، ހައު އައި..."

އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. މެޑަމް ޚަބަރުހުސްވިއެވެ. އޭނާ ދުވެފައި ބޭރަށް ނުކުތެވެ. ސިފައިންގެ އޮފިސަރެއް ބޭރުން އާދެއެވެ. އޭނާ ބުންޏެވެ.

"އޮފިސަރ! މެޑަމް ޚަބަރުހުސްވެއްޖެ. އަވަހަށް ޑަކުޓަރު ގެނެސްދެއްވާ."

އޮފިސަރު ޑަކުޓަރު ގޮވައިގެން އައުމަށް ސިފައިންގެ މީހަކު ފޮނުވިއެވެ. ދެން އޭނާ ބުންޏެވެ.

"މިސްޓަރ ޚޫރުޝީދު. ތިޔަ ބޭކަލުންގެ ގާތުގައި ފޯރި މެރުން ހުއްޓައިލެވިއްޖެ. މިހާރު މި ރަށުގައި ތިބީ ހަމަ ޚޫރުޝީދުމެން ކަހަލަ މުހިންމު މީހުން އެކަނި. އެހެންވީމާ ގިޔާމަތުގެ ވާހަކައެއް ޚޫރުޝީދުގެ ދުލަކުން އާންމުންނަކަށް މިހާރަކު ނީވޭނެ. ތިޔަ ބޭކަލުން އެއް ކަމެއް ހަނދާންބަހައްޓަވާތި. މި ޖަޒީރާގައި ތިޔަ ބޭކަލުންނަކީ މިނިވަނުން. އެކަމަކު މި ޖަޒީރާއިން ފިއްލެވޭނެ އެއްވެސް މަގެއް ނޯންނާނެ."

ޚޫރުޝީދު ބަލްގުރާމީ ބޯޖަހައިލައިފައި ބުންޏެވެ.

"މި ޖަޒީރާއިން ފައިބައިގެން އަޅުގަނޑުމެންނަކަށް ކަނޑަކު ނުފެތޭނެކަން އަޅުގަނޑުމެންނަށް އެނގޭ."

އެހެން ބުނެފައި އޭނާ މެޑަމުގެ ގާތަށް ދިޔައެވެ. ފަލަކިއްޔާތުގެ މާހިރުން ހަވީރު ފުރަތަމަ ފަހަރަށް ގުލޯބު އާކަށް އެރިއެވެ. އެއީ އޭގައި ހަރުކުރެވިފައި ހުރި ދުރުމީން ދުންތަރީގެ ޚަބަރު އޮޅުންފިލުވުމަށެވެ. އެއަށް އަދި އަންހެނުން ގެންދިއުމުގެ ހުއްދައެއް ނެތެވެ. އެހެންކަމުން ހިންމަތު ރާއޯ ދިޔައީ އޭނާގެ ރޫޕުވަތީ ކޮޓެޖުގައި ބައިންދައިފައެވެ. ގުލޯބު އާކަކީ އުފެއްދުމުގެ ފަންނުގެ މުހިންމު ނަމޫނާއެކެވެ. ބިމުން ފެށިގެން ގުލޯބު އާކުގެ ބޭރު ދޮރާ ހަމައަށް ސިޑިއެއް ހުއްޓެވެ. އެ ސިޑީގައި ހުރީ ފަލަ ހިލިހިލާ ޖަހައިފައެވެ. ހިލިހިލާއަށް ދަމައި ސިޑި މައްޗަށް ނެގުމުން ދޮރެއްހެން ބަންދުވާ ގޮތަށެވެ. ބޭރު ދޮރުން ފެށިގެން މީހުން އުޅޭ ބައާ ހަމައަށް ދާން ފާލަމެއް އޮތެވެ. އެ ފާލަމުގެ ދަށުގައި ވަރަށް ބޮޑު އިންޖީނެއް ހުއްޓެވެ. ކަރަންޓު އުފެއްދުމަށް ޓަކައެވެ. އެ ވަގުތު އަދި އޭގެ ބޭނުމެއް ނުޖެހެއެވެ. އެ ގޮތަކީ އެ ރަށުގެ އިންޖީނުގެއިން ކަރަންޓު ގެނެސްފައި ވާތީއެވެ.

ފަލަކިއްޔާތުގެ މާހިރުން އިންޖިނޭރަކާ އެކުގައި ފާލަން ހުރަސްކޮށް ލިފުޓެއްގެ ކައިރިއަށް އައެވެ. ދެން ލިފުޓުގައި ހަތް ވަނަ ބުރިއަށް އެރިއެވެ. ކޮޓަރިއެއްގެ މެދުގައި ބޮޑު ބަޑިއެއް ކަހަލަ ބޮޑު ދުރުމިއެއް ހަރުކޮށްފައި ހުއްޓެވެ. ފަލަކިއްޔާތުގެ ހުރިހައި މާހިރުންގެ ތެރެއިން އެންމެ ސީނިއަރު މީހަކީ ހިންމަތު ރާއޯއެވެ. އެހެންކަމުން އޭނާ ދުރުމި ކައިރީގައި އުސް ގޮނޑިއެއްގައި އިށީނެވެ. އެހެން މީހުން ކައިރީގައި ހުރި ގޮނޑިތަކުގައި އިށީނދެފައި ވާހަކަދައްކަން ފެށިއެވެ. އެ މީހުންގެ ކުރިމަތީގައި ކުދިކުދި މޭޒު ހުއްޓެވެ. މޭޒުމަތީގައި ކަރުދާހާއި ގަލަން ހުއްޓެވެ. ހިންމަތު ރާއޯ ބުންޏެވެ.

"ދުންތަރި ހުރީ އިރާ ތިން ދަރަޖަ ދުރުގައި. އިއްޔެ ހަވީރު ގުރީންވިޗު ރޯޔަލް އޮބުޒަވޭޓަރީން އަޅުގަނޑު އެ ދުންތަރި ބެލިން. މި ތަނަށް އެ ދުންތަރި ފެންނާނީ ހައެއް ޖަހައި ތިރީސް ފަސް މިނެޓުން."

މިހެން ބުނެފައި އޭނާ އިންޖިނޭރަށް އިޝާރާތްކުރިއެވެ. އިންޖިނޭރު ކޮޓަރިން ބޭރަށް ދިޔައެވެ. ދެ މިނެޓުގެ ފަހުން ކޮޓަރީން ޕަޓަޕަޓުގެ އަޑު އިވެން ފެށިއެވެ. އެ ކޮޓަރި މައްޗަށް އުފުލެން ފެށިއެވެ. ކޮޓަރީގެ ފުރާޅު ދެ ބައަށް ބައިވެ ހުޅުވުނެވެ. ބޯމަތިން ހާމަ އުޑު ފެންނަން ފެށިއެވެ. އެ ކޮޓަރި ކަނޑައެޅިފައި ވާ ވަކިވަރަކަށް އުފުލުމަށް ފަހު ހުއްޓުނެވެ. ހިންމަތު ރާއޯ ގޮނޑީގައި އިން ގޮތަށް އިނދެގެން އެ ކޮޓަރީގައި ހުރި އެހެން މެޝިނުތައް ހިންގައިލިއެވެ. އެ މެޝިނުތަކުގެ އިސްކިރީނު އަލިވިއެވެ. ފަލަކިއްޔާތުގެ މާހިރުންގެ ތެރެއިން ދެން ތިބި މީހުން ކަރުދާހާއި ގަލަން ނަގައިގެން ތައްޔާރުވިއެވެ.

އޭރު ހަ ގަޑި ބައިވެ ހިނގައްޖެއެވެ. ހިންމަތު ރާއޯ ދުރުމީގައި ލޯ ޖަހައިފައި ފޯކަސް ރަނގަޅުކުރަން ފެށިއެވެ. އޭނާގެ ހިސާބަށް ވުރެ ތިން މިނެޓު ކުރިން ޖައްވުގެ ތެރެއިން އެ ރަތް ތިކި ފެންނަން ފެށިއެވެ. އެ ތިކި މެޝިންތަކުގެ ފަރުދާގައި ކަޅު ތިއްކެއް ފަދައިން ބިމުގެ ގުރާފުލައިނުގައި ތުރުތުރުއަޅައަޅައި ހުއްޓެވެ. ހިންމަތު ރާއޯ ލޯބޮޑުކޮށްކޮށްފައި ބަލަމުން ގެންދިޔައެވެ. ދުރުމީގެ ލޮލަށް ފެންނަނީ ވިދަވިދައި ހުރި ރަތް ތިއްކެކެވެ. އެކަމަކު އެ ތިކީގެ ހަށިގަނޑުގެ ބޮޑުކަން އެ ހުރިހައި މާހިރުންނަށް އެނގެއެވެ. ދުންތަރީގެ ވަށައިގެން އަނދަމުން ދާ ހުޅުގަނޑު އެތައް ލައްކަ މޭލެއްގެ ދުރަށް ފެތުރިފައި ވެއެވެ. ހިންމަތު ރާއޯ ދުރުމީން ބަލަމުން އޭނާގެ އެކުވެރީންނަށް ބުންޏެވެ.

"ޕޮއިންޓެއް ނޯޓުކުރޭ. ދުންތަރީގެ ނަގުލެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ ނަގޫ ހުރީ ބިމާ ދިމާއަށް. އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި އެ ތަރީގެ ހަށިގަނޑުގެ ބޮޑުކަން. އޭގައި ވަކި ޚާއްޞަ ސިފައެއް ނެތް. އެއީ އޭގެ ވަށައިގެން ހުޅުގަނޑު އުފުލެމުންދާތީ."

އެއް މިނެޓަށް ފަހު ދުރުމީގެ ލޯ ކަނުވިއެވެ. ދުންތަރި ޖައްވުގެ ޑައިގުރާމުން ގެއްލުނެވެ. ހިންމަތު ރާއޯ ދުރުމީގެ ކައިރިން ދުރަށް ޖެހިލަމުން ބުންޏެވެ.

"އެ ތަރި ވަރަށް ކައިރިވެއްޖެ. މީގެ ހަތަރު ދުވަސް ފަހުން ޑިސެންބަރު 21 ގައި އާންމުންނަށް ވެސް އެ ތަރި ފެންނާނެ. އަޅުގަނޑުމެންނަށް އެނގިފައި ވާ ގޮތަށް އެ ދުންތަރި ހުރީ އިރުން ތިން ދަރަޖައިގައި. އިރުގެ ގަދަ އަލީގައި ދުވާލުގެ ވަގުތަކު އެ ތަރިއެއް ނުފެންނާނެ. މޫސުން ރަނގަޅު ނަމަ ކޮންމެ ދުވަހަކު އިރު އޮއްސި އަށް މިނެޓު ފަހުން ތިއްކެއްގެ ބޮޑު މިނުގައި ފެންނާނެ. ދެން އެއް ދުވަހުން އަނެއް ދުވަހަށް އެ ތިކި އަންނާނީ ބޮޑުވަމުން. އެއީ އެ ތަރި ބިމާ ކައިރިވަމުން އަންނާތީ. އެ ތަރި ފެންނާނީ ހަމައެކަނި ދެ ތިން ސިކުންތެއް ހައި އިރު. އެ ގޮތަކީ އިރު އޮއްސުމަށް ފަހު ބިން އިތުރު ތިން ދަރަޖަ އެނބުރޭނެ. އެހެންވީމާ އެ ތަރި ޖައްވުގެ ތެރެއިން ގެއްލޭނެ."

އެ މީހުން ދުންތަރި އާ ބެހޭ ގޮތުން ވާހަކަދައްކަން ފެށިއެވެ. އެ މީހުން އެކަކު އަނެކަކާ އެއްބަސްވަމުން ދެކޮޅުވަމުން، ގެންދިޔައެވެ. ގުލޯބު އާކުގެ ބޭރުން ޖަޒީރާއަށް އިރު އޮއްސިއްޖެއެވެ. އެކަމަކު އަނދިރިއެއް ނުވެއެވެ. ހެޑުލައިޓުތަކުގެ އަލި ދުރުދުރަށް ފެތުރިފައި އޮތެވެ. ރޫޕުވަތީ އެކަނި ކޮޓެޖުގައި އިންނާކަށް ނުކެރުނެވެ. ފުރަތަމަ އޭނާ ދިޔައީ ކުޅިވަރު ހޯލަށެވެ. އެތާނގައި އޮކެސްޓުރާގައި މަޑުމައިތިރި ރާގު ކުޅެމުން ގެންދެއެވެ. ރީތި އަންހެނުންތައް އެބައިމީހުން ރައްކާތެރިކުރާ ފިރިހެނުންތަކާ އެކު ނަށަމުން ގެންދެއެވެ. އެ މީހުންގެ ރީތި ހަށިތަކުން ދުވާ މީރުވަސް ރަލުގެ ވަހާ މެކެމުން ދެއެވެ. އެ ތަނުގައި އިހުސާސުކުރެވެނީ އަޖައިބެއް ކަހަލަ ހާސްކަމަކެވެ. ފިރިހެނުން ރޫޕުވަތީއާ ދިމާއަށް ބަލަމުން ގެންދަނީ އޭނާގެ ރީތިކަމުން އަސަރުކޮށްގެން ކަމެއް ނޫނީ އޭނާ ލައިގެން ހުރި ހެދުމަށް ޝާއުޤުވެރިވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ. އެ ތާނގައި ފިރިހެނުންނަށް އަންހެނަކު ސާޅީއާއި ބުލައުޒުގައި ހުއްޓައި ފެންނާނީ ހާލަކުން ފަހަރަކުއެވެ.

އެ ތާނގައި އޭނާ ހުންނަ ހިތެއް ނުވިއެވެ. ޕެގެއް އަރުން އެތެރެކޮށްލުމަށްފަހު އޭނާ ކުޅިވަރު ހޯލުން ބޭރަށް ނުކުތެވެ. ބޭރަށް ނުކުތުމުން އެނގުނީ ހިތުގެ މިސްރާބު ވަނީ ޚޫރުޝީދު ބަލްގުރާމީއާ ދިމާއަށް ކަމެވެ. އޭނާ އޮޅުންފިލުވާން ބޭނުންވަނީ ގިޔާމަތަށް ފަހުގައި އޭނާ ދިރި ހުންނާނެތޯ ނުވަތަ ނޫންތޯއެވެ. އެއެއް ބުނެދެވޭނީ ހަމައެކަނި އެ ނުޖޫމީއަށެވެ. އޭނާ މަސްތުވެފައި ހުރެގެން އެއްލެމުން އެއްލެމުން އެއް ނަންބަރު ކޮޓެޖާ ދިމާއަށް ދާން ފެށިއެވެ. ކަނޑުން އަންނަ ފިނި ރޯޅިތައް އޭނާގެ މޫނުގައި ބޮސްދެމުން ފަސްދީ ދެއެވެ. އޭނާގެ ސާޅީގެ ފަސްބައި އޭނާގެ ޚިޔާލުތަކެކޭ އެއް ފަދައިން މަތިން އުދުހެމުން ދެއެވެ.

ކޮޓެޖު ކައިރީ އެއްވެސް މީހަކު ފޯރީއަކަށް ނެތެވެ. އެއްވެސް މީހަކު އޭނާއެއް ނުހުއްޓުވައެވެ. އޭނާ ކޮޓެޖުގެ އެތެރެއަށް ވަނެވެ. އޭނާ ކޮޓަރިއެއްގެ ތެރެއަށް ބޯދީ ބަލައިލިއެވެ. އެ ކޮޓަރީގައި މުސްކުޅި އަންހެނަކު އެނދުގައި އޮތެވެ. އޭނާގެ ހާލަތު ބޭރުފުށުން ފެންނަ ފެނުމުން އޭނާގެ ފަހު ވަގުތު އަތުވެއްޖެކަން އެނގެއެވެ. އޭނާ ކަޅިޖަހައި ނުލައި ފަންގިފިލައަށް ބަލަން އޮތެވެ. އޭނާގެ ގާތުގައި ޒުވާން ފިރިހެނަކު އިށީނދެގެން އިނެވެ. އެކަމަކު އެއީ އޭނާ ހޯދަން ދިޔަ މީހާއެއް ނޫނެވެ.

އޭނާ ދެ ވަނަ ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އެ ރަން ތުނބުޅިލީ މީހާ އެ ކޮޓަރީގައި ސަޖިދައިގައި އޮތެވެ. މަޑުމަޑު މީރުވަހެއް އޭނާގެ ކޮޓަރިން ދުވައިލިއެވެ. އޭނާ އޮތީ މި ދުނިޔޭގެ ކުލައާއި ވަހާ ދުރުގައި އަޅުކަމުގެ ފުންކަމުގެ ތެރެއަށް ގެނބިގެންނެވެ. އަންނަން އުޅެނީ ކޮންފަދަ ގިޔާމަތެއް ކަމެއް، އޭރު އައިސްފައި ވަނީ ކޮންފަދަ ގިޔާމަތެއް ކަމެއް އޭނާއަކަށް އޭރަކު ނޭނގެއެވެ. އޭނާއަށް ހޭވެރިކަން ވީއްސުރެން ފެންނަމުން ދަނީ އަޚުލާޤާއި ތަހުޒީބު ގިޔާމަތްވަމުން ދާތަނެއެވެ. އޭނާ ނަމާދުގެ ގުލޯބު އާކުން ހިމާޔަތް ހޯދަމުން ގެންދެއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.