މިއީ އަޅުގަނޑުގެ އެކުވެރި "މީދޫ ޖުނާ" (މުޙައްމަދު ޖުނައިދު، ދާރުލްޚައިރު، ސ. މީދޫ) ވިދާޅުވެ ދެއްވި ވާހަކަ އެކެވެ.
ދުވަސްވަރަކީ އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ވައިގެ ބަނދަރު ހަދަމުން ދިޔަ ދުވަސްވަރެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިންނާއި، ސިލޯނު މީހުންނާއި، ޕާކިސްތާނު މީހުން އުޅުނެވެ. މަސައްކަތް ކުރުވަން ސަރުދާރުންގެ ގޮތުގައި ދިވެހިންނަށް ދިވެހި ސަރުދާރުން ލާފައި ތިބެއެވެ. އެކަމަކު އިސް މީހުންގެ ގޮތުގައި ތިބެނީ އިނގިރޭސިންނެވެ.
ގަމުގައި ޕާކިސްތާނު މީހުންނަށް ޚާއްޞަ ކޮށްފައި އޮންނަ ސަރަޙައްދެއް އޮވެއެވެ. އެ ސަރަޙައްދަށް ކިޔައި އުޅެނީ ޕާކިސްތާން ކޭމްޕެވެ. އެ ސަރަޙައްދުގައި މިސްކިތެއް ހުރެއެވެ. އަދި ޕާކިސްތާނު މީހުންނަށް ކައްކާ ޚާއްޞަ ބަދިގެއަކާއި ކާގެއެއް (މެސް) ހުރެއެވެ. ގިނަ ދިވެހިން ކަނީ އެ ތަނުންނެވެ.
ޙަސަންދީދީ (އަސްލު ނަމެއް ނޫން) އަކީ އައްޑު އަތޮޅު މީދޫ މީހެކެވެ. އޭނާއަކީވެސް ދިވެހިންގެ އެއް ގުރޫޕެއްގެ ސަރުދާރެކެވެ. އޭނާއަކީ އަމިއްލަ ގޮތެއް ހިފަހައްޓާ، ހަރުދަނާ މީހެކެވެ. ޕާކިސްތާނު ކޭމްޕުން ކާން ލިބުނަސް އޭނާ ކަނީ ރަށުން ގެންނަ އެއްޗިއްސެވެ. ކޮންމެ ދުވަހަކު ހެނދުނު ގަމަށް ދަނީ ގެއިން ފިހާ ރޮށްޓާއި މަހާ އަދި މި ނޫނަސް އޭނާ ކާން ބޭނުންވާ ތަކެތި ހިފައިގެންނެވެ.
އެއް ދުވަހަކު މެންދުރަށް މަސައްކަތް ހުއްޓައިލީމާ ދިވެހިންގެ ގިނަ މީހުން ޕާކިސްތާނު މެސް އަށް ކާން ހިނގައްޖެއެވެ. އާދައިގެ މަތީން ޙަސަންދީދީ އޭނާގެ ތަށިބަރި ހިފައިގެން ގޮސް ޖައްސައިލީ ގަހެއްގެ ހިޔަލުގައެވެ. އެތާނގައި ރަނގަޅަށް ހަމަ ޖެހިލައިގެން އިށީނދެ، ރަށުން ގެނައި ރޮށްޓާއި މަހާ ކާން ފަށައިފިއެވެ. މާ ގިނަ އިރެއް ނުވަނީސް އެ ތަނަށް އިނގިރޭސިއަކު އަތުވެއްޖެއެވެ. އޭނާ އައިސް އެކި ދިމަދިމާއަށް ބަލައި ހެދުމަށް ފަހު ޙަސަންދީދީއާ އިނގިރޭސި ބަހުން ސުވާލު ކޮށްފިއެވެ.
"ކަލޭގެ ގްރޫޕުގެ މަސައްކަތު މީހުން ކޮބައި ހެއްޔެވެ؟ އެ މީހުން މެންދުރު ކާން ގޮސްފައި އެނބުރި މަސައްކަތު އަންނަނީ ތަންކޮޅެއް ލަހުންނެވެ. މިއަދު އެހެން ނުހަދާތޯ ބަލަން ވާނެއެވެ."
ޙަސަންދީދިއަކަށް އިނގިރޭސި ބަހެއް ނޭނގެއެވެ. އެކަމަކު އެ މީހާ ވާހަކަ ދެއްކި ގޮތުން އެހެރީ ކުޑަކޮށް ނުރުހުން ވެފައިކަން އެނގިއްޖެއެވެ. އެހެންވީމާ ކެއުން ހުއްޓައިލައިފައި ރުންކުރު ގޮތަކަށް ބުނެފިއެވެ.
"އަހަރެން މިއީ ދުވަހަކުވެސް ޕާކިސްތާނު ކޭމްޕުން ކެއި މީހަކީމެއް ނޫނެވެ. މިއީ ޕާކިސްތާނު މެސްއިން ގެނައި ރޮށްޓެއް ނޫނެވެ. މިއީ އަހަރެން ރަށުން ގެނައި ރޮށްޓާއި މަހެވެ. އަހަރެން އަބަދުވެސް ކަނީ ގެއިން ގެންނަ ކާ އެއްޗިއްސެވެ."
އިނގިރޭސި މީހާ ކުޑަކޮށް ވިސްނައިލައިފައި ބޯ ޖަހައިލިއެވެ. އަދި އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެކޭ ބުނެފައި ހިނގައްޖެއެވެ. ޙަސަންދީދީ ކުދި ކިޔަމުން އަނެއްކާވެސް ކާން ފަށައިފިއެވެ.
ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނިޓު ފަހުން އެއްކަލަ އިނގިރޭސި މީހާ އަނެއްކާވެސް އަތުވެއްޖެއެވެ. މި ފަހަރު އައިސް ޙަސަންދީދީ ކާތަން ބަލަން ހުރީއެވެ. ޙަސަންދީދީ އިރުއިރުކޮޅާ އެމީހާޔާ ދިމާއަށް ކަޅި އަޅަމުން ކަމުން ގެންދިޔައީއެވެ.
ފަސް މިނިޓެއް ހައި އިރު ކޮށްފައި އެމީހާ އިނގިރޭސި ބަހުން ބުނެފިއެވެ. "އަދިވެސް ކަލޭގެ ގްރޫޕުގެ ބައެއް މީހުން ނުނުކުމެއެވެ. އެމީހުން ކޮންމެ ދުވަހަކު މިހެން ހަދަންޏާ އަހަންނަށް ޖެހޭނީ ރިޕޯޓު ކުރާށެވެ.”
ޙަސަންދީދީ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ. އެ މީހާ ދެއްކި ހުރިހައި ވާހަކައެއް ނޭނގުނު ނަމަވެސް ރިޕޯޓުގެ ވާހަކަ ދެއްކި ކަން އެނގިއްޖެއެވެ. އެހެންވީމާ ކާން ހުރި ރޮށްޓާއި މަހުން ބާކީ ހުރި އެއްޗެހި ގަސް ދޮށަށް އުކައިލާފައި ތެދުވެއްޖެއެވެ. އަދި ރުޅި އައިސް ފުފިފައި ބުންޏެވެ.
"ކިހައި ވަރުގަދަ ކަމެއް ހެއްޔެވެ؟ މީގެ ކުރިންވެސް އަހަރެން ބުނެފީމެއް ނޫން ހެއްޔެވެ؟ އަހަރެން މީކީ ޕާކިސްތާނު ކޭމްޕުން ކާ މީހަކީމެއް ނޫނެވެ. އަހަރެން ކަނީ ރަށުން ގެންނަ ރޮށްޓާއި މަހެވެ. ކަލޭ ރިޕޯޓު ކުރިޔަސް އަހަންނަށް ވަރިހަމައެވެ. ދާނެ ތަނަކަށް ގޮސް ރިޕޯޓު ކުރާށެވެ. އަހަރެން މި އުޅެނީކީ ކަލޭމެންގެ އަތުން ކާން ނުލިބިގެންނެއް ނޫނެވެ."
މިހެން ބުނެފައި މާރަނގަ އާ ދިމާއަށް ހިނގައިގެންފިއެވެ. އިނގިރޭސި މީހާ އާގަމަ ވެފައި ބަލަހައްޓައިގެން ހުރީއެވެ. މިވީ ގޮތެއް އޭނާއަކަށް ނުއެއް ވިސްނުނެވެ.
މާރަނގައަކީ އިނގިރޭސިން ގަމުގައި އަޅާފައި ހުރި ގެއަކަށް ކިޔާ ނަމެކެވެ. މުވައްޒަފުންނާ ބެހޭ އޮފީސް އެ ދުވަސްވަރު ހުންނަނީ މާރަނގައިގައެވެ. ދިވެހިންގެ ކަންތައްތައް ބަލަހައްޓަން އެ ދުވަސްވަރު ހުންނެވީ ޢަބްދުﷲ ޢަފީފެވެ. ދިވެހި ސަރުކާރާ ވަކި ވެގެން އައްޑޫގައި އުފެއްދި ވެރިކަމުގައި ރައީސްކަން ކުރެއްވި ޢަފީފުދީދީއެވެ.
ޙަސަންދީދީ މާރަނގައަށް ވަދެފައި ފުރަތަމަ ދިމާވީ މީހާޔާ ސުވާލު ކޮށްލިއެވެ. "ޢަބްދުﷲދީދީ ކޮބައި ހެއްޔެވެ؟" (މާނައަކީ ޢަފީފު ކޮބައި ހެއްޔެވެ؟)
އެމީހާ ބުންޏެވެ. "އެބަ އުޅުއްވައެވެ."
ޙަސަންދީދީ ބުންޏެވެ. "އަހަރެން ބައްދަލު ކޮށްލަން ބޭނުމޭ ދަންނަވާށެވެ."
އެ މީހާ ވަކިން ހުރި ކޮޓަރިއަކަށް ވަދެފައި ނުކުމެ ބުންޏެވެ. "އެތެރެއަށް ވަންނާށެވެ. ޢަފީފު އެތެރޭގައި އެބަ އިންނެވިއެވެ."
ޙަސަންދީދީ އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ.
ޢަފީފު ހިނިފުޅުވަޑުވައިލައްވައިފައި ސުވާލު ކޮށްލެއްވިއެވެ. "ޙަސަންދީދި ކޮން ވަޑާމެއް ހެއްޔެވެ؟"
ޙަސަންދީދީ ވަރަށް ބާރަށް ބުންޏެވެ. "މި އުޅެނީ މި އުޅޭ ދޮން ފަރަންޖީންނާ ހެދި ނޭވާ ނުލެވިގެންނެވެ. ކެވުނަކަވެސް ނުދެއެވެ. އަހަރެން މިއީ ދުވަހަކުވެސް ޕާކިސްތާނު ކޭމްޕުން ކައި ހެދި މީހެއް ނޫނެވެ. އެކަމަކު އެ ސޮރުމެންނަށް ހީވަނީ އަހަރެން ޕާކިސްތާނު މެސް އަށް ގޮސް އެތަނުން ރޮށި ވަގަށް ނަގައިގެން ކަނީ ކަމުގައެވެ. މިއަދުވެސް އެއިން ސޮރަކު އަހަންނާ ދިމާއަށް ބަވައިފިއެވެ. އަހަރެންވެސް މި އައީ ދުލަށް އައިހައި އެއްޗެއް ކިޔައިފައެވެ."
ޢަފީފު ވިދާޅުވިއެވެ. "ކަން ބޮޑު ނުވާށެވެ. ޕާކިސްތާނު މެސް އަށް ގޮސް ކެއުމަކީ ދިވެހިންނަކަށް މަނާ ކަމެއް ނޫނެވެ. އެމީހާއަށް އޮޅުނީ ކަމަށް ވެދާނެއެވެ. އަހަރެން އެ މީހާ ގެނެސްގެން ވާހަކަ ދައްކާނަމެވެ. ޙަސަންދީދީ ހަމަޖެހިލައިގެން މަސައްކަތަށް ދާށެވެ."
ޙަސަންދީދީގެ ރުޅި މަޑު ވާ ގޮތެއް ނުވިއެވެ. "އެއީ ނޭނގިގެން ކުރާ ކަމެއް ނޫނެވެ. ހަމަ ގަސްތުގައި އަހަރެންގެ އަގު ވައްޓާލަން ވެގެން ކުރި ކަމެކެވެ. އަހަރެން މީގެ ފަހުން މަސައްކަތަކަށް ނުދާނަމެވެ. މަސައްކަތް ކީއް ކުރަން ހެއްޔެވެ؟ މި ގަމަކަށް މީގެ ފަހުން ދުވަހަކުވެސް ނާރާނަމެވެ. އަހަރެން އެ ދޮން ފަރަންޖީންގެ ދަށު ވާނެ ހެއްޔެވެ؟"
މިހެން ބުނެފައި ޢަފީފުގެ ވާހަކައަކަށް ބެލުމެއް ނެތި ނުކުމެގެން ހިނގައްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް އެރީ މީދޫން މަސައްކަތު މީހުން އުފުލާ ދޯންޏަށެވެ. އަރައި ކޮޅުފަސްކޮޅުގައި އިށީނދެއްޖެއެވެ. އޭރުވެސް އަނގަ ހުއްޓައެއް ނުލައެވެ. މެންދުރު ދޯންޏަށް އެރި ގޮތަށް ހަވީރު އެހެން މީސްމީހުން މަސައްކަތް ނިންމާފައި އައި އިރުވެސް ޙަސަންދީދީ އިނީ ދޯނީގައެވެ.
އެ ދުވަހު ރަށަށް ދިޔަ ގޮތަށް މަރު ވާންދެންވެސް، ބޭހެއް ކުރަންވެސް ޙަސަންދީދީ ގަމަކަށް ނާރައެވެ. ދުނިޔެ ދޫކޮށް ދިޔައީ ރަށުން ގެނައި ރޮށްޓާއި މަހާ ކާން އިންދައި، އިނގިރޭސިއަކު އޭނާގެ ބޮލުގައި "ޕާކިސްތާނު ކޭމްޕުން ކާ ކަމުގެ ތުހުމަތު އެޅުވީތީ" އައި ރުޅި ނުފިލައި ހުރެއެވެ.