ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ އާދީއްތަ ދުވަހު (21 އެޕްރީލްގައި) ސްރީލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އެގައުމުގައި ތިބޭ ބިދޭސީން ވިސާގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވޭތޯ ދަނީ ބަލަމުންނެވެ. މިގޮތަށް ބެލިބެލުމުން މިހާތަނަށް ވިސާގެ އުސޫލުތަކާ ޚިލާފަށް އެގައުމުގައި އުޅެމުންދިޔަ 600 މީހުން ފޮނުވާލާފައިވާ ކަމަށް ދާޚިލީ ވަޒީރު ވަޖިރާ އަބޭވަރްދަނާ ވިދާޅުވެއްޖެއެވެ. މިގޮތަށް ފޮނުވާލި މީހުންގެ ތެރޭގައި އިސްލާމްދީނަށް ދައުވަތުދިނުމުގެ މަސައްކަތުގައި އުޅުނު 200 މީހުންވެސް ހިމެނެއެވެ.
"މަދުވެގެން 200 ބިދޭސީންނަކީ ދީނަށް ގޮވައިލުމުގެ މަސައްކަތުގައި އެޅެމުން ދިޔަ މީހުން." ސްރީލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލަކު ސަންޑޭ ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެ އެންމެންނަށްވެސް ވިސާ ދީފައި ވަނީ މުސްލިމް އެފެއާޒް މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ޑިފެންސް މިނިސްޓްރީން ސެކިއުރިޓީ ކްލިޔަރެންސް ލިބިގެންނެވެ.
އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން އަބޭވަރްދަނާ ވިދާޅުވި ގޮތުގައި ދީނަށް ގޮވައިލުމުގެ މަސައްކަތުގައި އުޅެނިކޮށް ފޮނުވާލި އެންމެންވެސް ސްރީލަންކާއަށް އެތެރެވެފައި ވަނީ ގާނޫނާ އެއްގޮތަށެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުނުކޮށް ތިބީއެވެ. އޭނާ ވިދާޅުވީ އެއެންމެން ޖުރްމާނާ ކުރުމަށް ފަހު އެގައުމުން ފޮނުވާލާފައިވާ ކަމުގައެވެ.
ވިސާގެ އުސޫލުތަކާ ޚިލާފަށް އެގައުމުގައި ދިރިއުޅެމުން ދަނިކޮށް އެ ގައުމުން ފޮނުވާލީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބައެއްކަން ސްރީލަންކާ ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް ފުލުހުން ދިން މައުލޫމާތުން އެނގޭ ގޮތުގައި އެކުށުގައި ފުލުހުން އަތުލައިގަތް މީހުންގެ ތެރޭގައި ބަންގްލާދޭޝް، އިންޑިޔާ، ދިވެހިރާއްޖެ އަދި ޕާކިސްތާނުގެ މީހުން ހިމެނެއެވެ.
ދާޚިލީ ވަޒީރު އަބޭވަރްދަނާ އިތުރަށް ވިދާޅުވިގޮތުގައި ސްރީލަންކާއިން މިހާރު ދަނީ ވިސާދޫކުރުމުގެ އުސޫލުތައް މުރާޖައާކޮށް އަލުން އެކުލަވައިލުމުގެ މަސައްކަތްކުރަމުންނެވެ. އެއީ ދީނަށް ގޮވައިލުމަށް އަންނަ މީހުންގެ ސަބަބުން އެގައުމުގެ މުސްލިމުންގެ މެދުގައި ދީނީ ހަރުކަށި އުސޫލު ފެތުރި އީސްޓާ އާދީއްތަ ދުވަހުގެ ހަމަލާތައް ފަދަ ހަމަލާތަކެއް އަނެއްކާވެސް ތަކުރާރުވުމުގެ ބިރު އޮތީމައެވެ.
ހަމަލާތަކަށްފަހު މާދަމާ ސްކޫލްތައް ހުޅުވަން ހަމަޖެހިފަވާއިރު ފުލުހުންދަނީ ހުރިހާ ސްކޫލްތަކެއް ބަލައި ފާސްކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވި ގޮތުގައި ފުލުހުން ދަނީ ހުރިހާ ސްކޫލްތަކެއްގައިވެސް ސަލާމަތީ ކަންކަމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. އަދި ފުލުހުން ވަނީ ސްކޫލްތަކާ ކައިރީގައި އުޅަނދުތައް ޕާކްނުކުރުމަށް އިލްތިމާސްކޮށްފައެވެ.