ލަންކާގައި ހޯމަ ދުވަހުން ފެށިގެން މޫނު ނިވާކޮށްގެން އުޅުން މަނާކޮށްފި

ހޯމަ ދުވަހުން ފެށިގެން ސްރީ ލަންކާގައި ކާކުކަން ނޭންގޭ ގޮތަށް މޫނު ނިވާކޮށްގެން އުޅުން މަނާކޮށްފިއެވެ. މާދަމާ އިން ފެށިގެން މޫނު ނިވާކުރަން ބޭނުންކުރާ އެއްވެސް ފޭރާމެއް ބޭނުންކުރުން މަނާކުރެއްވީ ކުއްލި ހާލަތު ގަވައިދުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މޫނު ނިވާކުރާން ބޭނުންކުރާ ހުރިހާ ބާވަތެއްގެ ފޭރާން މަނާކުރައްވާފައި ވަނީ އެފަދަ ތަކެތީގެ ސަބަބުން ކާކުކަން ދެނެގަންނަން އުނދަގޫވުމާއި، އަދި އެފަދަ ތަކެއްޗަކީ އާއްމުންގެ ސަލާމަތަށް ނުރައްކާ ވެދާނެ ތަކެތި ކަމަށްވާތީ އެވެ. ރައީސް ސިރިސޭނާގެ މި ނިންމެވުން އާއްމުކުރައްވާފައިވަނީ ރައީސް އޮފީހުގެ މީޑިއާ ޑިވިޝަނުންނެވެ.

އެންމެ ފަސޭހައިން ކާކުކަން ދެނެގަނެވޭނީ މޫނުން ކަމަށްވާއިރު ކާކުކަން ދެނެގަނެވޭނެ ހެން ހާމައަށް މޫނު ފެންނާން ވާނެ ކަމަށް އެ އެންގުމުގައި ފާހަގަކުރައްވާފައިވެއެވެ.

މޫނުބުރުގާ މަނާކުރާ ގާނޫނެއްގެ ދެލިކޮޕީ އެއް ތައްޔާރު ކުރެއްވުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހުން ވަނީ އާދީއްތަ ދުވަހު ޖަސްޓިސް މިނިސްޓަރަށް ލަފާ އަރުވާފައެވެ. މިގޮތަށް ލަފާ އަރުވާފައިވަނީ 'އޯލް ސިލޯން ޖަމިއްޔަތުލް ޢުލަމާ،' އޭ.ސީ.ޖޭ.ޔޫ އާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި އެސޯސިއޭޝަނުން ވަނީ މޫނު ބުރުގާ މަނާކުރުމަށް ގަރާރެއް ވެސް ހުށަހަޅާފައެވެ.

ރައީސް ސިރިސޭނާގެ މި ނިންމެވުމަކީ މިދިޔަ އާދީއްތަ ދުވަހު ލަންކާގެ 3 ފައްްޅި އާއި 4 ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ. އެ ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފައެވެ. ހަމަލާގެ ޒިއްމާ އައިސިސް އިން ނަގާފައި ވާއިރު ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ނޭޝަނަލް ތައުހީދު ޖަމާއަތުންނެވެ. ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތަހުގީގަށް ގނަ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައި ވެއެވެ. ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި ވާއިރު ލަންކާގެ ހުރިހާ ގޭބިސީ އެއް ބަަލައިފާސް ކުރެވޭނެ ކަމަށް ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.