(18 އޭޕްރީލް 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
މި އާލާސްކަންފުޅުގެ ދުވަސްތަކުގައި އެމަނިކުފާނުގެ ދަރިކަނބަލުން ޖަހާން އާރާ އެމަނިކުފާނަށް ޚިދުމަތް ކޮށް ދެއްވަމުން ގެންދަވައެވެ. ފުރަތަމަ އެކަމަނާ ވެސް ވެރިކަމުގައި އުފެދިފައިވާ ގަޑުބަޑުތަކުގެ ވާހަކަތަކެއް ބައްޕާފުޅުގެ އަރިހުގައި ވިދާޅެއް ނުވެއެވެ. އެކަމަކު ނޭފަތުކުރިއަށް ވުރެން މައްޗަށް ފެންއަރައި، ވެރިކަމުގެ ދަހިވެތިކަމުގައި އެއް އަޚަކު އަނެއް އަޚެއްގެ ފުރާނަފުޅުގެ ދުސްމިނަކަށް ވެވަޑައިގަތް ތަން އެކަމަނާއަށް ފެނިވަޑައިގަތުމުން ތާޒާ ޚަބަރުތައް ބައްޕާފުޅުގެ އަރިހުގައި ވިދާޅުވާން ފެއްޓެވިއެވެ. އާލާސްކަންފުޅާ އުޅުއްވާ ޝެހެންޝާހް އަޑުއައްސަވަމުން ގެންދެވިއެވެ.
"ޝުޖާޢު ޝާހީ ލަޝްކަރުގެ އަތުން ބަލިފުޅުވެގެން ފިއްލަވައިފި. އޯރަންގް ޒޭބާ މުރާދު ގުޅިވަޑައިގަންނަވައިގެން ޝާހީ ލަޝްކަރާ ހަނގުރާމަ ކުރައްވަނީ."
ދެން ޚަބަރު ލިބިވަޑައިގަތީ އޯރަންގް ޒޭބާއި މުރާދު ޝެހެންޝާހުގެ ފައިވާންފުޅު ދެކެވަޑައިގަތުމަށް ވަޑައިގަންނަވަން ބޭނުންފުޅުވި ވާހަކައާއި އެކަމަކު ދާރާ ޝިކޯހުގެ އަމުރުފުޅަށް ޖަސްވަންތު ސިންގް އެ ބޭފުޅުންގެ މަގު ބައްދަވައިފައިވާ ޚަބަރެވެ. އޯރަންގް ޒޭބާއި ޝެހެންޝާހާ ދެމެދުގައި ސިޓީ ބަދަލުކުރެވޭނެ ގޮތް ޖަހާން އާރާ ހެއްދެވިއެވެ. އެއީ އެކި ބޭފުޅުންގެ ހިތްޕުޅުގައިވާ ކުށް ހީފުޅުތައް ދުރުކޮށް އަޚުންގެ މެދުގައި ސުލްހަވެރިކަން ޤާއިމުކުރެއްވުމުގެ ބޭނުންފުޅުގައެވެ.
ޝެހެންޝާހް ޖަވާބުގައި އޯރަންގް ޒޭބަށް ލިއުއްވި ސިޓީގައި އެމަނިކުފާނު އޯރަންގް ޒޭބާއި މުރާދު ދެކެ ހައްދެއް ނެތް މިންވަރަށް ލޯބިފުޅުވާ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެކަމަކު ދޮށީ ދަރިކަލުން ދާރާ ޝިކޯހަކީ ވަލީ ޢަހުދު ކަމުގައި ކަނޑައެޅުއްވިއެވެ. އެ ކަމަކީ ފެށުނީއްސުރެން ހުރިހައި ބޭފުޅުން ވެސް ރުހިވަޑައިނުގަންނަވާ ކަމެކެވެ. ދާރާ ޝިކޯހް ކަހަލަ ގޮތްދޫނުކުރައްވާ، ބޮޑާފުޅު، ވިސްނިވަޑައި ނުގަންނަވާ އަޚެއްގެ އިސްކަން އެ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. އެންމެފަހުން ނަތީޖާއަކަށް ވީ ސުލްހައިގެ މަގުގެ ފަސްގަނޑު އެއްވަރުވުމުގެ ބަދަލުގައި އަޚުންގެ މެދުގައި ހަނގުރާމަ ދިގުލައިގެން ދިއުމެވެ. އޯރަންގް ޒޭބަކީ ވިސްނުންފުޅު ތޫނު ހިތްވަރުފުޅު ގަދަ ބޭފުޅެކެވެ. ވައިގެ މިސްރާބު ދެނެވަޑައިގެން ހަމަލާދެއްވައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ދާރާ ޝިކޯހް ވެސް ބަލިފުޅުވެގެން ފިލައިވަޑައިގެންފިއެވެ. އޯރަންގް ޒޭބުގެ ލަޝްކަރު ކިއްލާ ހިސޯރު ކުރިއެވެ.
ކިއްލާގައި ބަންދުވެފައި ތިބި ޝެހެންޝާހުގެ ލަޝްކަރު އެތައް ދުވަހެއް ވަންދެން ހަނގުރާމަ ކުރިއެވެ. އެކަމަކު ފެނަށް ޖެހުމުގެ ސަބަބުން އެންމެ ފަހުން އެ މީހުނަށް ޖެހުނީ ކިއްލާގެ ދޮރޯށި ހުޅުވާށެވެ. އޯރަންގް ޒޭބުގެ ދަރިކަލުން ޝެހެޒާދާ މުޙަންމަދު އަޢުޡަމް ކިއްލާގެ ތެރެއަށް ވެދެވަޑައިގެން ކާފާފުޅު ޝާހް ޖަހާނުގެ ހުރިހައި ނޯކަރުން ހައްޔަރުކުރެއްވިއެވެ. އަދި ހުއްދަ ނެތި އެއްވެސް މީހަކު ކާފާފުޅާ ބައްދަލު ނުކުރުމަށް އަމުރުނެރުއްވިއެވެ. ފަރީއްކޮޅުގެ ވަގުތުތަކުގައި ޖަހާން އާރާ ބައްޕާފުޅުގެ އަރިހަށް ވަޑައިގެން ފަރީއްކޮޅުއަރުވައިފައި ވަޑައިގަތުމުގެ ޚާއްޞަ ހުއްދައެއް އެކަމަނާއަށް ދެއްވިއެވެ.
ބާދުޝާހް ވަނީ ދިރިހުންނަވައި އަވަހާރަވެފައެވެ. ދިރުން ހުރި ގަބުރެއް ފަދައިން އެމަނިކުފާނު އެނދުދާންކޮޅު މަތީގައި އޮންނެވި އެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.
"އަހަރެންގެ ދަރިފުޅު (ދާރާ ޝިކޯހް) ކޮބައިތަ؟ ތާޖު މަޙަލް ނިމިއްޖެތަ؟ އަހަރެން ގޮވައިގެން އެ ތަނަށް ހިނގާ!"
ޝެހެންޝާހަށް ޖަވާބުއެރުވުމަށް ބައެއް ފަހަރު ޖަހާން އާރާ ހުންނަވައެވެ. އަނެއްބައި ފަހަރު އެމަނިކުފާނުގެ ކާފަދަރިކަލުން މުޙައްމަދު އަޢުޡަމް ހުންނަވައެވެ. އަދި އަނެއްބައި ފަހަރަށް އޯރަންގް ޒޭބުގެ އަޑުފުޅު އިވިވަޑައި ގަނެއެވެ. ލޯފުޅުގެ އަނދިރިކަން ބޮޑުކަމުން ކުރިފުޅުމަތީގައި ހުންނަ މީހާގެ މޫނު ވެސް ސާފުކޮށް ފެނިވަޑައެއް ނުގަނެއެވެ. އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ވަރަށް ކައިރިންނެވެ. ނޫނީ އަޑުން އެއީ ކާކުކަން ފާހަގަކުރައްވަނީއެވެ.
ބައެއް ފަހަރު ޖަހާން އާރާ ޖަވާބު އަރުވަ އެވެ. "ލޯބިވާ ބޭބޭފުޅު ދާރާ ޝިކޯހް މިހާރު އަލުން ލަޝްކަރު އެއް ކުރައްވަނީ. ބޭބޭފުޅު ވަރަށް އަވަހަށް ފާތިހެއްގެ ގޮތުގައި ބައްޕާފުޅުގެ އަރިހަށް ވަޑައިގަންނަވާނެ."
ބައެއް ފަހަރު މުޙައްމަދު އަޢުޡަމުގެ އަޑުފުޅު އިވިވަޑައިގަނެއެވެ. "ކާފާފުޅާ! ކާފާފުޅު އެންމެ ތާޖް މަޙަލެއް ބިނާކުރައްވަން ވެގެން އެތައް ލައްކަ ރުފިޔާއެއްގެ އަލިމަހާއި ޖަވާހިރު ނަންގަވާލައްވައިފީމު. އެންމެ ގަނޑުވަރެއް އަޅުއްވަން ވެގެން ރައްޔިތުންނަށް ބޮޑެތި ޓެކުހުގެ ބަރު އުފުއްލަން ޖައްސަވާފަ ވާތާ ވިހި އަހަރު ވެއްޖެ. ފަގީރުންގެ ލެއިން ކާފާފުޅުގެ ލޯބީގެ ތާޖްމަޙަލް އަޅުއްވަން ކާފާފުޅަށް އޮތީ ކޮން ޙައްޤެއްތޯ؟"
ގައިދު ޚާނާގެ އެކަނިވެރިކަމުގައި ޝާހް ޖަހާންގެ ބަލިކަށި އަޑުފުޅު އިވިގެން ދެއެވެ. "ކާފަގެ ދަރިފުޅާ! މިއަދާ ހަމައަށް މި ބިމުގަ ޢިމާރާތްކުރެވުނު ހުރިހާ ގަނޑުވަރަކާ މިސްކިތެއްގެ ބަރު އުފުއްލީ ރައްޔިތުން. ޝާހީ މިސްކިތްތަކުގެ ޓެކުސް، ދެ ދުނިޔޭގެ ސަވާބު ލިބިގަތުމުގެ ބޭނުމުގަ މީހުން އުފަލުން އަދާކުރުމަކީ އަދި އެހެން ކަމެއް. ކާފަ އެންމެ ތާޖް މަޙަލެއް މި ބިނާކުރަނީ ކިތައް މިސްކިތް ބިނާކޮށްފަ. މި ތާޖު މަޙަލް ލޯބީގެ ފިލާވަޅު ދޭ. ލޯތްބާ ނުލައި އެއް އިންސާނަކަށް އަނެއް އިންސާނަކާ ހަމައަކަށް ނުދެވޭނެ. އިންސާނަކާ ހަމައަށް ނުދެވޭ އިރު ކަލާނގެއާ ހަމައަށް ދެވޭނީ ކިހިނެއް؟ ޙަޤީޤަތުގަ ކަލަކީ ލޯބި. ކަލާނގެ ދެނެގަނެވޭނީ ލޯބިން. މި ތާޖް މަޙަލުގަ ލިޔާ ޤުރްއާނުގެ އާޔަތްތައް ދަރިފުޅަކީ ކަލާނގެ ދެނެގަންނަން އެނގޭ ކުއްޖަކަށް ހަދާނެ."
"އާހް، އަހަރެންގެ ދާރާ ޝިކޯހް ކޮބައިތަ؟ އޭނާ ދުވަހަކު ވެސް ތާޖް މަޙަލާ މެދު ފާޑެއް ނުކިޔާ. އޭނާއަކީ އަހަރެންގެ ކިޔަމަންތެރި ދަރިއެއް. އޭނާ ދުވަހަކު ވެސް އަހަރެން މި ގޮތަކަށް ހައްޔަރެއް ނުކުރޭ...!"
ވަގުތު ފާއިތުވާ ވަރެއް އެނގިވަޑައެއް ނުގަނެއެވެ. ދުވަސް ވޭތިވާ ވަރެއް އެނގިވަޑައެއް ނުގަނެއެވެ. ބައެއް ފަހަރު އޯރަންގް ޒޭބުގެ އަޑުފުޅު އިވިވަޑައިގަނެއެވެ. "ބައްޕާފުޅާ! ބައްޕާފުޅުގެ އެ ދަރިކަލުން ވެސް ބައްޕާފުޅު ގެންގުޅެފާ ވަނީ ގައިދީ އަކަށް ހަދައިގެން. އެކަމަކު ބައްޕާފުޅަށް އެކަން އިޙްސާސްވެވަޑައި ނުގަންނަވާކަން އެއީ ކިހާ ހިތާމަ ހުރި ކަމެއްތޯ؟ ލޯތްބަކީ ފައިގަ ޖަހާފަ އޮންނަ ހިލިހިލާ ވެސް ނުފެންނަހާ ކަނު އެއްޗެއްތޯ؟"
އެކަނިވެރި ގައިދުގައި ޝާހްޖަހާންގެ ބަލިކަށި އަޑުފުޅު ގިސްލާން ފަށައެވެ. "ދަރިފުޅާ! އިންސާނުން ލޯބީގެ ހިލިހިލާ ޖަހަނީ އަމިއްލައަށް. އެ ހިލިހިލާ ފެނޭތޯ ނުފެނޭތޯ ސުވާލު ވެސް ނޫފެދޭ. ދަރިފުޅު ވެސް ދަރިފުޅުގެ ލޯބީގަ ބައްޕަ ގައިދުކުރާނޭ ނަމަ ކިހާ ރަނގަޅު.
ޖަވާބެއް ނެތެވެ. ހިމޭންކަމެވެ. ދިގު ހިމޭންކަމެވެ. އެތައް ދުވަހަކަށްފަހު ޝާހް ޖަހާނަށް ނުލަފާ މީހެއްގެ މޫނު ފެނިވަޑައިގަތެވެ. އެ މޫނު ދަނީ ކަޅުކުލައަށެވެ. މޫނުގައި ހުރީ ރޫޖެހިފައެވެ. ބޮލާއި، ތުނބުޅިއާއި، ބުމަ ހުރީ ނުރަވެފައެވެ. އޭނާ ޝާހް ޖަހާނުގެ ވަރަށް އަރިހަށް އައެވެ. އެއީ އެނގިވަޑައި ގަންނަވާނޭ ގޮތުގެ މަތީންނެވެ.
ޝާހް ޖަހާން ސުވާލުކުރެއްވިއެވެ. "ތިޔައީ ކާކު؟"
އޭނާ ޖަވާބުއެރުވިއެވެ. "އަޅުގަނޑުގެ ދުރުކުރެވިފައިވާ ޝެހެންޝާހް! އަޅުގަނޑަކީ ކާކު ކަން ދެނެވަޑައިގަންނަވާ! އަޅުގަނޑުގެ ނަމަކީ ޝަރީފުލް މަލިކު. މަނިކުފާނު ޝެހެޒާދާއަކަށް ހުންނެވި ދުވަސްވަރު މަލިކާ ނޫރު ޖަހާނާއި ޝެހެޒާދާ ޝެހެރިޔާރު އަޅުގަނޑާ ދޫލް ޕޫރު ބެލެހެއްޓުން ހަވާލުކުރެއްވި. އަޅުގަނޑަކީ އެމަނިކުފާނުގެ ވަފާތެރި ނޯކަރެއް. އެކަމަކު މަނިކުފާނުގެ ނޯކަރު މަނިކުފާނުގެ އަމުރުފުޅަށް އެ ބިމަށް ވެރިވެގަތް. އޭނާ އަޅުގަނޑާ ހަނގުރާމަކުރި. އަދި އަޅުގަނޑުގެ ލޮލަށް ދުންޏެއް ޖަހައި އަޅުގަނޑަކީ އަބަދުގެ އަބަދަށް އެއް ލޯ ކަނު މީހަކަށް ހެދި. އޭރުއްސުރެން އަޅުގަނޑުގެ ހިތުގައި ބަދަލުހިފުމުގެ އަލިފާންގަނޑު ދަނީ އަނދަމުން."
"ކަލޭ ބޭނުން ވަނީ ކޮން ކަމެއް؟ މި ތަނަށް ތި އައީ ކީއްކުރަން؟"
"އަޅުގަނޑު މި ތަނަށް ގެނައީ ތަޤްދީރު. ޡިއްލު ސުބްޙާނީ ޝެހެންޝާހް އޯރަންގް ޒޭބު އަޅުގަނޑު ފޮނުއްވީ މަނިކުފާނަށް ޚިދުމަތް އަރުވަން. އަޅުގަނޑުގެ ހިތުގައި އޮތް އެއްޗެއް އެމަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވާ. އަޅުގަނޑުގެ ހިތުގައި އޮތީ ކޮންމެ އެއްޗަކަށް ވިޔަސް މަނިކުފާނުގެ އެންމެ ފަހު ވަގުތު، އަޅުގަނޑުގެ މެޔަށް ފިނިވާނޭ ކަހަލަ ޚިދުމަތް އަރުވާނަން. އަމުރުފުޅު ކުރައްވާ؛ މާތް ސާހިބާ! އަޅުގަނޑު ކިޔަމަންވާނަން."
"ކަލޭގެ މަޤްޞަދު ރަނގަޅު ނޫންކަން ކަލޭ ތި ވާހަކަދައްކާ ރާގުން އެނގޭ!"
"މަނިކުފާނު އަޅުގަނޑުގެ މަޤްޞަދަށް ނުބައްލަވާ. އަޅުގަނޑުގެ ޚިދުމަތަށް ބައްލަވާ!"
"ތީ ތިހާ ޚިދުމަތްތެރިއެއް ނަމަ ޝެހެޒާދީ ޖަހާން އާރާ މި ތަނަށް ގެނެސްދީ!"
"އަޅުގަނޑަށް ތި ކަމެއް ނުކުރެވޭނެ. މިހާރުގެ ޝެހެންޝާހުގެ އަމުރުފުޅަށް ޝެހެޒާދީ ސާހިބާ ވެސް ވަނީ ބަންދު ކުރެވިފަ. އެއީ އެކަމަނާ ޝެހެޒާދާ ދާރާ ޝިކޯހުގެ ޚަބަރު މަނިކުފާނަށް ގެނެސްދެއްވާތީ!"
"އާހް. އަހަންނާ އަހަރެންގެ ދަރިފުޅާ ވެސް ވަކިކުރީތަ؟ ތީ ކޮން ފަދަ އަނިޔާއެއް؟"
"ހުރިހާ ޒަމާނެއްގަ ވެސް އަންނަނީ އެ ކަހަލަ އަނިޔާ ކުރެވެމުން. މަނިކުފާނު ވެސް ރަސްކަމަށް އިސްވެވަޑައިގެންފަ މަލިކާ ނޫރު ޖަހާން ބަންދުކުރެއްވީމު."
"ކަލޭ މި ތަނަށް ތި އައީ އަހަންނަށް މަލާމާތްކުރަންތަ؟ މި ތަނުން ދާން އުޅޭ. އަހަރެން މި އަމުރު ކުރަނީ އޯރަންގް ޒޭބު އަހަރެންގެ ގާތަށް އަންނަން އޭނާ އަށް އަންގަން!"
"ޝެހެންޝާހެވަގުތު ޡިއްލު ސުބްޙާނީ އޯރަންގް ޒޭބު މި ވަގުތު އުޅުއްވަނީ މި ތަނާ ވަރަށް ދުރު ގަ، މަނިކުފާނުގެ ދަރިކަލުން ދާރާ ޝިކޯހް ހައްޔަރުކުރެއްވުމުގެ ފިކުރުފުޅުގަ. އެމަނިކުފާނަށް މަނިކުފާނުގެ އަރިހަކަށް ވަޑައެއްނުގެންނެވޭނެ. ކޮންމެވެސް އެހެން އަމުރުފުޅެއް ކުރައްވާ؛ ސާހިބާ! މަނިކުފާނު ވަރަށް ބޮޑަށް ތާޖް މަޙަލް ދެކެވަޑައިގަންނަވާ ހިތްޕުޅުވާ ކަމަށް ބުނާ އަޑު އިވޭ. މިހާ ތަނަށް މަނިކުފާނުގެ އެ އެދުންފުޅު ފުރިހަމަނުވެ އޮތް ކަމީ ކިހާ ހިތާމަ ހުރި ކަމެއްތޯ؟ މަނިކުފާނު އަރާމުފުޅު ކުރައްވަން ތިޔަ އޮންނެވި ތާނގެ، މި ފާރުގެ އަނެއް ފަރާތުގަ އެހެރީ ތާޖް މަޙަލް. މި ފާރުގަ ކުޑަދޮރެއް، ނޫނީ އާނގައެއް ހުރި ނަމަ މަނިކުފާނަށް ދުރުން އެ ތަން ފެނިވަޑައިގަންނަވާނެ. މަނިކުފާނު އަމުރުފުޅުކުރައްވައިފިއްޔާ މި ތާނ އޮށޯވެވަޑައިގެން އޮންނަވައިގެން ތާޖް މަޙަލް ބެއްލެވޭނޭ އިންތިޒާމެއް އަޅުގަނޑު ހަމަޖައްސަދީފާނަން."
ތާޖް މަޙަލުގެ ވާހަކަ އައުމާއެކު ޝާހް ޖަހާނުގެ ހުރިހައި ސަމާލު ކަމެއް، ކޮންމެވެސް ގޮތަކުން އެ ތަން ދެކެވަޑައި ގަތުމަށް ބޭނުންފުޅުވެފައި ވާ އެ އެދުންފުޅުގެ މައްޗަށް ހުއްޓުނެވެ. އެމަނިކުފާނު ވަރަށް ނުތަނަވަސްފުޅު ކަމާއެކު ވިދާޅުވިއެވެ.
"އިންސާނާ ކިހާ ބަލިކަށި. ތިމާގެ އެދުންތަކުގެ ކުރިމަތީގަ އޭނާ ކުޅޭ އެއްޗަކަށް ވެދޭ. އެހެން މީހުން އޭނާގެ އެ ބަލިކަށިކަމުން ފައިދާ ހޯދައިގެން ކުޅޭއެއްޗެކޭ އެއްފަދައިން އޭނާއާ ކުޅޭ. އަހަރެން އަހަރެންގެ އުންމީދުތަކުގެ ގަނޑުވަރު ދެކެން ކިހާ ބޭނުންކަން ކަލެއަށް ވެސް އެނގޭ. ކަލެއަކީ ވަފާތެރި ނޯކަރެއް ވިއްޔާ އަހަންނަށް ތާޖް މަޙަލް ފެންނާނެ ގޮތް ހަދައިދީ. ކަލޭގެ މުސްކުޅި އުމުރު އަރާމުގަ ވޭތިކޮށްލެވޭ ވަރަށް އަހަރެން ކަލެއަށް އިނާމުދޭނަން."
"އަޅުގަނޑު، އަޅުގަނޑުގެ މުސްކުޅި އުމުރާމެދު ފިކުރެއް ނުކުރަން. އަޅުގަނޑު ފިކުރު ކުރަނީ މަނިކުފާނުގެ މުސްކުޅިފުޅު އުމުރުފުޅާ މެދު. މަނިކުފާނުގެ އާލާސްކަންފުޅާ އެކަނިވެރި ގައިދާ އެއްވެސް ބާރުފުޅެއް ނެތުމާ ކޮންމެ ގޮތަކަށް ރުހިވަޑައިގަތުން ފެނިފަ އަޅުގަނޑުގެ މުސްކުޅި އުމުރުގަ ހަމަޖެހުން ލިބިއްޖެ. ހައް- ހައް- ހާއް."
އޭނާ ހެނމުން ގެންދިޔައެވެ. ކުޑައިރުކޮޅެއްގެ ފަހުން އޭނާ ޝާހީ ރޭނުންތެރިޔާ ގޮވައިގެން އައެވެ. އަދި ބާދްޝާހެ ސަލާމަތު އޮށޯވެވަޑައިގެން އޮންނެވި ފަރާތުން ފާރުގައި ލޯވަޅެއް އަޅުވަން ފެށްޓިއެވެ. ބައިގަޑިއިރުގެ މަސައްކަތުން އެއްފަރާތުން އަނެއްފަރާތް ފެންނަ ވަރުގެ ލޯވަޅެއް އެޅުނެވެ.
ޝާހީ ރޭނުންތެރިޔާ ދިއުމުން ޝަރީފުލްމަލިކު ދެންނެވިއެވެ. "އަޅުގަނޑުގެ ދުރުކުރެވިފައިވާ ޝެހެންޝާހް! މި ލޯވަޅުގަ ލޯފުޅު ޖައްސަވާފަ ބައްލަވާލައްވަ ބައްލަވަ. ބޭރުގަ ހަނދު އެހެރީ އަރާފަ. ހަނދުވަރު އެ އޮތީ ދީފަ. މި ހަނދުވަރުގަ ވަރަށް ދުރުން ޖަމްނާގެ އައްސޭރިން ތާޖް މަޙަލް އެހެރީ ފެންނަން. މަނިކުފާނަށް މި މަންޒަރުން ވަރަށް އުފާފުޅު ލިބިވަޑައިގަންނަވާނެ!"
ބާދްޝާހެ ސަލާމަތު ތާޖް މަޙަލު ދެކެވަޑައިގަންނަވާ ހިތްޕުޅުން ފުރޮޅިވަޑައިގެންފައި ފާރާ ކައިރިއަށް ޖެހިވަޑައިގަތެވެ. ލޯވަޅުގައި އެއް ލޯފުޅު ޖައްސަވައިފައި ބޭރު ބައްލަވާން ފެއްޓެވިއެވެ. ބޭރުގައި އޮތީ ހަނދުވަރެވެ. ބަގީޗާއެވެ. ޝަބްނަމުން ތެމިފައިވާ ގަސްތަކެވެ. ޖަމްނާގެ ރާޅުތައް ރިހިފަތްގަނޑެއް ހެން ވިދައެވެ. އެ ކޯރުގެ އައްސޭރީ ގައި ތާޖް މަޙަލް ވިދަވިދައި ހުއްޓެވެ.
އެކަމަކު ޝާހް ޖަހާނުގެ ލޯފުޅުގެ ކުރިމަތީގައި ހަނދުވަރުގެ ބަދަލުގައި ފެތުރިފައި އޮތީ ފަނޑު އަލީގެ ފުސްކަމެކެވެ. މި ފުސްކަމުގެ ތެރެއިން ފެނިވަޑައިގަންނަވަނީ ތާޖް މަޙަލުގެ ހަމަ އެކަނި ވިދުވަރެކެވެ. އެ ގަނޑުވަރުގެ ފުރިހަމަ ބިނާއެއް ނޫނެވެ. އެކަމަކު އޭރު އެ ގަނޑުވަރު ހުރީ ގާތްގަނޑަކަށް މުޅިން ފުރިހަމަވެފައެވެ. އެމަނިކުފާނަށް ސާފުކޮށް ފެނިވަޑައިނުގަންނަވަނީ ލޯފުޅުގެ ފެނިވަޑައިގަތުން ދެރަވުމުގެ ސަބަބުންނެވެ. ދުރުގައި ހުންނަ ހުރިހައި އެއްޗެއް ލޯފުޅުގެ ކުރިމަތީގައި ދަނީ ފުސްވެގެނެވެ. އެހެންކަމުން ހަނދުވަރު ވެސް ފެނިވަޑައިގަންނަވަނީ ދުރުދުރަށް ދަންދެން ހުދުކުލައިގެ ދުންފިނީގެ ފޮތިގަނޑެއް ފަތުރައިލައިފައި އޮތް ހެނެވެ. ޝަބްނަމުގެ ދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ފެނިވަޑައެއް ނުގަނެއެވެ.
އެމަނިކުފާނުގެ ޒުވާންފުޅު އިރުގެ ހުވަފެންފުޅު މުސްކުޅިފުޅު އިރުގެ ދެރަ ލޯފުޅުން ފެނިވަޑައިގަންނަވާނޭ ގޮތެއް ނެތެވެ. އެމަނިކުފާނު ވިހިއަހަރު ވަންދެން މުމްތާޒް މަޙަލާ އެކުގައި ގަނޑުވަރެއްގެ ހުވަފެންފުޅު ދެކެވަޑައިގަތެވެ. ދެން އެ ހުވަފެންފުޅުގެ ތަޢުބީރު އަދި އެ ގަނޑުވަރު ބިނާކުރެއްވުމުގައި އިތުރު ވިހި އަހަރު ހޭދަވިއެވެ. ސާޅީސް އަހަރުގެ ތެރޭގައި އެ ހުވަފެންފުޅު ބަދަހި އެއްޗެއްގެ ގޮތުގައި ބިމުގެ އަތްތިލައިގެ މަތީގައި އުފެދުނެވެ. އަދި މި ސާޅީސް އަހަރުގެ ތެރޭގައި އެމަނިކުފާނު މުސްކުޅިފުޅުވެ، ފެނިވަޑައިގަތުން ގެއްލި، އެ މަނިކުފާނުގެ ލޯބިފުޅުގެ ގަނޑުވަރުގެ ކައިރިއަށް ވަޑައިގެން އެ ގަނޑުވަރުގައި އަތްޕުޅު ވެސް ނުލެއްވޭ ވަރަށް އަދި ދުރުން އެ ގަނޑުވަރު ފެނިވަޑައި ނުގަންނަވާ ވަރަށް މަޖުބޫރުވެވަޑައިގަތެވެ.
އެމަނިކުފާނުގެ ހިތްޕުޅަށްއެރިއެވެ. މިއީ އެންމެ ލޯވަޅެކެވެ. އެމަނިކުފާނު އެ ބައްލަވަނީ އެއް ލޯފުޅުންނެވެ. އެމަނިކުފާނު ދެ ލޯފުޅުން ބައްލަވައިފި ނަމަ ތާޖް މަޙަލް ތަންކޮޅެއް ސާފުވެދާނެއެވެ. އެމަނިކުފާނު އެނބުރިވަޑައިގެންފައި އެއްލޯ އަނދިރި ޝަރީފުލްމަލިކަށް ވިދާޅުވިއެވެ.
"އަހަންނަށް ދެ ލޮލުން ތާޖް މަޙަލް ބެލޭ ވަރަށް މި ލޯވަޅު ބޮޑުކުރޭ! އަހަރެންގެ ފެނުން ވަނީ ކޮށިވެފައި. އެއް ލޮލަށް ރީއްޗަކަށް ނުފެނޭ!"
ޖަވާބު ގައި ޝަރީފުލްމަލިކު ބާރަށް ހީނގެންފައި ދެންނެވިއެވެ. "މާތް ސާހިބާ! މި އަޅާ ވެސް އެއް ލޯ އަނދިރިވެފައި ވާތާ އެތައް ދުވަހެއް. މަނިކުފާނުގެ އޯގާވެރިފުޅުކަމުން އަޅުގަނޑުގެ އެއް ލޯ ވަނީ ގެއްލިފަ. އަޅުގަނޑު މި އޮތް ބޮޑު ދުނިޔެ މި ބަލަނީ އެއް ލޮލުން. މަނިކުފާނަށް ހަމައެކަނި އެންމެ ތާޖް މަޙަލެއް އެއް ލޯފުޅަކުން ނުބެއްލެވޭނެތޯ؟ މަތިވެރި ސާހިބާ! މަނިކުފާނަކީ ބާދްޝާހެއް. އަޅުގަނޑަކީ މަނިކުފާނުގެ ނިކަމެތި ޚާދިމެއް. ބަދަލުހިފުމަށް، އަޅުގަނޑަކަށް މަނިކުފާނުގެ އެއް ލޯފުޅެއް ހަލާކުކޮށެއްނުލެވޭނެ. އެއީ ޝެހެންޝާހެ ވަގުތު ޡިއްލު ސުބްޙާނީ އޯރަންގް ޒޭބު، މަނިކުފާނު، ހަމައެކަނި ކުރެއްވީ ހައްޔަރު. އެމަނިކުފާނު މަނިކުފާނަށް އެއަށް ވުރެން އިތުރު އަނިޔާއެއް އަރުވާކަށް ބޭނުންފުޅެއް ނުވޭ. އެހެންވީއިރު އަޅުގަނޑަށް މަނިކުފާނުގެ އެއް ލޯފުޅަށް ގެއްލުމެއް ދިނުމަކީ ކިހިނެއް ކުރެވޭނެ ކަމެއްތޯ! އެކަމަކު މަނިކުފާނު އަޅުގަނޑުގެ ބެލުމުގެ ދަށުގަ އޮންނަވާ އިރު ހަމައެކަނި އެއް ލޯފުޅުން ގައިދުޚާނާއިން ބޭރުގެ ދުނިޔެ ފެނިވަޑައިގަންނަވާނޭ ގޮތް ހެދުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. މިހާރު ވެސް މަނިކުފާނު ތި ދެކެވަޑައިގަންނަވަނީ. ހައް- ހައް- ހާއް..."
ބާދްޝާހެ ސަލާމަތުގެ ކުރިފުޅުމަތީގައި އެމަނިކުފާނުގެ ދަރިކަލަކަށް ވެސް ހަތަރުކަޅިފުޅު ހަމަކުރައްވައިގެން ވާހަކަފުޅުދައްކަވާން ކެރިވަޑައިނުގަތް ވަގުތު ވެސް އައެވެ. މިހާރު މި ވަނީ ނިކަމެތި ނޯކަރަކު ވެސް އެމަނިކުފާނާ ދިމާއަށް ހިތަށް އައިހައި އެއްޗެއް ބުނުމުގެ ވަގުތު ވެސް އައިސްފައެވެ. އެ މަނިކުފާނު ކޯފާވެފައި ވިދާޅުވިއެވެ.
"އަހަރެންގެ ކުރިމަތިން ދުރަށްދޭ! އޯރަންގް ޒޭބު ނެތިއްޔާ މުޙަންމަދު އަޢުޡަމަށް ގޮވާ. އަހަރެން ކަލެއަށް މަރުގެ ޙުކުމް އިއްވާނަން!"
(ނުނިމޭ)