(4 އޭޕްރީލް 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
ވެރިއެއްގެ ނަޒަރުގައި ސިޔާސަތާ އެއްވަރަށް ދީން ވެސް މުހިންމުވެއެވެ. ޝާހް ޖަހާނުގެ ނަޒަރުގައި ލޯބި ވެސް ހަމަ އެހައި މުހިންމެވެ. އެކަމަކު ސިޔާސީ ކަންތައްތަކާއި ދީނީ ކަންތައްތައް ހަމަޖެއްސެވުމުގައި އުޅުއްވާން ހައްދަވައިގެން ލޯބީގެ އެ ޚިޔާލީ ގަނޑުވަރު އެމަނިކުފާނަކަށް ޢިމާރާތެއް ނުކުރެއްވުނެވެ. ރީއްޗަށް އިސްކަންދެއްވާ، އެ ޝެހެންޝާހް އެ ދުވަސްކޮޅުގެ ތެރޭގައި ފުރިހަމަ އެތަކެއް މިސްކިތާއި، ޢިމާރާތާއި، ދަތުރުވެރީންގެ ގެއާއި އެހެން ވެސް ތަންތަން ބިނާކުރެއްވިއެވެ. އެކަމަކު އެމަނިކުފާނުގެ ހުވަފެންފުޅުގައިވާ ޚިޔާލީ ގަނޑުވަރު ކޮށައި، ބިމުގެ މޭގައި ބިނާކުރެވޭނޭ ފަންނުވެރިޔަކާ އެމަނިކުފާނަކަށް ދިމާވެވަޑައެއް ނުގަތެވެ.
މަޑުމަޑުން ވަގުތު މުސްކުޅިވަމުން ދެއެވެ. ހިނދުކޮޅުތައް ޒުވާންވަމުން ދެއެވެ. ބަލަބަލައި ތިއްބައި، ދާރާ ޝިކޯހާއި، ޝުޖާޢާއި، އޯރަންގް ޒޭބާއި، މުރާދު ޒުވާންފުޅުވެއްޖެއެވެ. ޒުވާން ހަތަރު ދަރިކަލުން ފެނިވަޑައިގަތުމުން، އެހައި ތަނަށް އެމަނިކުފާނުގެ ގިނިކަންޏާ ކޮނޑުފުޅުގައި އޮތް ވެރިކަމުގެ ބަރު، ހަތަރު ދަރިކަލުންގެ މެދުގައި ބައްސަވައިލައްވާން ޝާހު ޖަހާނުގެ ހިތްޕުޅަށް އެރިއެވެ. އޭރުން އެމަނިކުފާނަށް ލޯބީގެ މިސްކިތުގައި އިންނަވައިގެން، ހުވަފެންފުޅުގެ ގަނޑުވަރު ތަޢުބީރުގެ ދުނިޔޭގައި ޢިމާރާތްކުރައްވާނޭ ގޮތަކާ މެދު ވިސްނައިވަޑައިގެންނެވިދާނެއެވެ.
މި ގޮތަށް ވިސްނައިވަޑައިގަތުމަށް ފަހު ޝެހެންޝާހު، މުޙަންމަދު ޝުޖާޢަށް ބަންގާލްގެ ސަރަޙައްދު ދެއްވިއެވެ. އޯރަންގް ޒޭބް ދެކުނުގެ ސޫބާގެ ވެރިކަމަށް، މުރާދު ގުޖުރާތުގެ ވެރިކަމަށް ކަނޑައެޅުއްވިއެވެ. ދޮށީ ދަރިކަލުން ދާރާ ޝިކޯހް ރަސްކަމުގެ ނާއިބެއްގެ ގޮތުގައި އަދި ވަލީ ޢަހުދުގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ބެހެއްޓެވިއެވެ. އެ ޝެހެޒާދާއަކީ އެންމެ ތުއްޕުޅު އިރުއްސުރެން ޝާހް ޖަހާން ވަރަށް ލޯބިފުޅު ވާ ދަރިކަލެކެވެ. މުމްތާޒް މަޙަލާ އެއް ސިފަފުޅު ކަމުން އަބަދު ވެސް އެމަނިކުފާނު ވަނީ ބާދުޝާހުގެ ހިތްޕުޅުގައެވެ. ޝާހް ޖަހާން އަނބިކަނބަލުންނާއި ބޭފުޅުންގެ ކުރިފުޅުމަތީގައި ކިތަންމެ ފަހަރަކު ދާރާ ޝިކޯހުގެ ލޯފުޅަށް ތާރީފުކުރައްވައެވެ. އަނބިކަނބަލުންގެ އަރިހުގައި، ދާރާ ޝިކޯހުގެ ލޯފުޅުން އެކަމަނާ ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވެއެވެ.
އެތައް އަހަރެއް ވާންދެން، އަލަތު ލޯބިވެރިއެކޭ އެއްގޮތަށް، ތިމާގެ އަނބިމީހާ ދެކެ ލޯބިވާ މީހުން ފެންނާނީ ވަރަށް މަދުންނެވެ. ތިމާގެ ދަރިފުޅުގެ ލޮލުން ވެސް ޙަޔާތުގެ ބައިވެރިޔާގެ ސޫރަ ފެނުމަކީ ލޯބީގެ ވެސް އިންތިހާއެވެ. ހުރިހައި ދަރިދަރިކަލުންނަށް ވެރިކަމުގެ މަސައްކަތްތައް ބައްސަވައިލެއްވުމުން ޝެހެންޝާހުގެ ކުރިފުޅުމަތީގައި ދެން އޮތީ ހަމަ އެންމެ ވާޖިބެކެވެ. އެއީ މަލިކާއަށް ވެވަޑައިގެންފައި ވާ ވައުދު ފުއްދަވައިދެއްވުމެވެ.
އެކަމަކު އޭރު މާ ބޮޑަށް ލަސްވެއްޖެއެވެ. ވަގުތު ފުރުޞަތު އެރުވިއިރު މުމްތާޒު މަޙަލުގެ ވަގުތު ހަމަވެއްޖެއެވެ. އިންސާނާ ބޮޑަށް ލޯބިވާ އެއްޗެއް ވިއްޔާ އެ އެއްޗެއް ތަޤްދީރުގެ އަމާޒުފަތްގަނޑަކަށް ވެއެވެ. ބޭފުޅަކާއިގެން ރައްކައުވުމަށް ފަހު މުމްތާޒްމަޙަލުގެ ޙާލުކޮޅު ދެރަވިއެވެ. މަރުގެ އަސަރުތައް ފެންނާންފެށިއެވެ. ޝެހެންޝާހަށް ޚަބަރުލިބިވަޑައިގަތުމުން ހާސްފުޅުވެ ކަންބޮޑުވެވަޑައިގެން ހުންނަވައި، ގަނޑުވަރުގެ ތެރެއަށް ވެދެވަޑައިގަތެވެ. އަދި ނުތަނަވަސް ޙާލުކޮޅުގައި، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ފުރާނަފުޅުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އެކަމަނާ އޭރު ފުރާނަފުޅު ދޫކޮށްލައްވަނީއެވެ. އެކަމަނާ ވަރުފުޅު ދެރަ އަޑުފުޅަކުން ވިދާޅުވިއެވެ.
"މީ އަޅުގަނޑުގެ ފަހު ވަގުތު. އަލި ގަދަކަމުން އަޅުގަނޑުގެ ލޮލަށް އެބަ އުނދަގޫ ވޭ. ބައްތިތައް ނިއްވާލަދެއްވާ."
ޝާހް ޖަހާންގެ އަމުރުފުޅަށް ހުރިހައި ފާނޫޒު ނިވައިލިއެވެ. ދިއްލައިފައި ހުރީ ހަމަ އެންމެ ފާނޫޒެކެވެ. އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅުގެ އަނދިރީގެ ތެރޭގައި ދުރުގައި އެންމެ ފާނޫޒެއްގެ އަލިކަން ހުށްޓެވެ. ކައިރީގައި މުމްތާޒް މަޙަލުގެ މޫނުފުޅުގެ އަލިކަން ބައްތިއެއް ފަދައިން އުޖާލާކޮށް ހުށްޓެވެ.
ބައްތި ނިވުމުގެ ކުރިން އެއް ފަހަރު ހުޅުގަނޑު ބޮޑުވެ، އަލިގަދަވެއެވެ. ޝާހް ޖަހާނުގެ ލޯފުޅުގެ ކުރިމަތީގައި މުޅި ދުނިޔެ ވަނީ އަނދިރި ކަމުގެ ތެރެއަށް ގެނބިފައެވެ. ފެނިވަޑައިގަންނަވަނީ ހަމައެކަނި ލޯބިވެރިޔާގެ އުޖާލާ ސޫރައެވެ. އަނބިކަނބަލުން ވިދާޅުވިއެވެ.
"މި އަނދިރީގަ މަނިކުފާނަށް ފެނިވަޑައިގަންނަވާނީ ހަމައެކަނި އަޅުގަނޑު. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ނަމުގަ ޢިމާރާތް ކުރެވޭ ގަނޑުވަރުގެ އުޖާލާކަމާ ވިދުމުގެ ކުރިމަތީގައި ދުނިޔޭގެ އެހެން ހުރިހައި ގަނޑުވަރުތަކުގެ ބައްތިތަކުގެ އަލި ފަނޑުވުން. ހަމައެކަނި އަޅުގަނޑުގެ ގަނޑުވަރު ބިމުގެ ނިތްކުރީގައި ޖޫމަރެއް ފަދައިން ވިދަވިދައި ހުންނަން."
"ކަމަނާގެ ތިޔަ އެދުންފުޅު ވަރަށް އަވަހަށް ފުރިހަމަކޮށް އަރުވާނަން. ކަމަނާ ރަނގަޅުފުޅު ވާ އިރަށް...."
މުމްތާޒު މަޙަލް ޝާހް ޖަހާންގެ ވާހަކަފުޅު މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ.
"މަނިކުފާނު އަޅުގަނޑު ގަދަވާނެ ކަމުގެ ޚިޔާލުފުޅު ހިތްޕުޅުން ބޭރުކޮށްލައްވާ. އަޅުގަނޑަށް އެންމެ ދެތިން ހިނދުކޮޅަށް ވުރެން ގިނަ ވަގުތު މަނިކުފާނުގެ އަރިހުގައި ހޭދަ ނުކުރެވުނީތީ އަޅުގަނޑު ލަދުވެތިވަން. އާހް. ތިމަންނާއަށް ބައިގަޑިއަށް ވުރެން ގިނަ އިރު ހެޔޮ ނަސީބު ލިބުނޭ ބުނެވޭނެ މީހަކު ހުންނާނެ ނަމަތާ! ދުނިޔޭގަ އުފަލަކީ މަދު އެއްޗެއް. ގިނައީ ހިތާމަ. ކަނީޒެއް ވިޔަސް ގޮމައެއް ވިޔަސް އުފާވެރިކަމުގެ ވަގުތު ހިނދުކޮޅަކަށް ވުރެން ގިނައެއް ނޫން."
މިހެން ވިދާޅުވޭވޭ އޮތްވައި އެކަމަނާގެ ލޯފުޅު މެރެންފެށިއެވެ. ދުރުގައި ހުރި ފާނޫޒުގެ ހުޅުގަނޑު ތުރުތުރުއަޅައެވެ. މަލިކާ ޙަމީދާ ޞިފާތު، މަރިޔަމެޒަމާން، ރާބިޢާ ދައުރާން، ނަވާބު މުމްތާޒް މަޙަލް ބޭގަމްގެ އަތްޕުޅު ޝާހް ޖަހާނުގެ އަތްޕުޅުގެ ތެރޭގައި ފިނިވިއެވެ. ދިރިހުންނެވުމުގެ ބައްތީގެ ހުޅުގަނޑު ނިވުނެވެ.
ފުރާނަފުޅަށް ވުރެން ވެސް ލޯބިފުޅުވާ އަނބިކަނބަލުން، ވަކިވެވަޑައިގަތުމުގެ ހިތާމަފުޅު އަރުވައިފައި މިހައި އަވަހަށް ވަޑައިގެންފާނޭ ކަމަކަށް ޝެހެންޝާހް ފަހަރެއްގައި ވެސް ހީފުޅުކުރައްވައިފައެއް ނެތެވެ. އެމަނިކުފާނުގެ ހިތްޕުޅާއި ސިކުނޑިފުޅަށް ކުރި އަސަރުގެ ބޮޑުކަމުން އެތައް ދުވަހެއް ވަންދެން ހަމަހޭފުޅާއި ވިސްނުންފުޅު އެމަނިކުފާނާ ވަކިވިއެވެ. ރަސްކަމުގެ ކަންތައްތަކުން ސަމާލުކަން ގެއްލިވަޑައިގަތެވެ. ތުންފަތްޕުޅުން ހިނިތުންވެވަޑައިގަތުން ފިލައިދިޔައެވެ. އެމަނިކުފާނުގެ ފުރާނަފުޅުގެ ދިރުން ދުނިޔެއާ ވަކިވެވަޑައިގަތްތާ އެތައް އަހަރެއް ވަންދެން އެމަނިކުފާނު ކުލަ ހެދުންކޮޅެއް ނުލައްވައެވެ. ހުވަނދެއް ނުލައްވައެވެ. އީދު އާދެއެވެ. އެކަމަކު އުފަލެއް ނެތި ފާއިތުވެގެން ދެއެވެ. ރެއާއި ދުވާލު ލޯފުޅުން ކަރުނަ އޮހޮރެއެވެ. އެންމެ ފަހުން ލޯފުޅު ފުސްވިއެވެ. ފެނިވަޑައިގަތުން ކޮށިވިއެވެ. ތާޖް މަޙަލް އުފަންވީ ލޯބީގެ ލޯފުޅުން އޮހޮރުނު ކަރުނަފޮދުން ކަމުގައި ބުނެވެއެވެ. ވަގުތު އެ ގަނޑުވަރުގެ ފަނޑު ހިޔަންޏެއް ޝާހުގެ ފުސް ލޯފުޅުގެ ކުރިމަތިން ބަބުޅުވަން ފެށްޓިއެވެ.
ހިތާމަފުޅުގައި ހުންނެވި ޝެހެންޝާހް ދަރުބާރުގެ ކާތިބަކު ގެންނެވިއެވެ. އަދި ރެޔާއި ދުވާލު އެމަނިކުފާނުގެ ކޮޓަރިކޮޅުގައި ހުރުމަށް އަމުރުކުރެއްވިއެވެ. ތަސައްވުރުގެ ލޯފުޅުގެ ކުރިމަތީގައި އެ ޚިޔާލީ ގަނޑުވަރު ފިޔަޖަހަން ފަށާ އިރަށް އެމަނިކުފާނު އޭގެ ތަފްޞީލުތައް ބަޔާންކޮށްދެއްވައެވެ. ދެން ކާތިބު ގަލަމުން ކަރުދާހުގައި އެ ތަފްޞީލުތައް ލިޔެއެވެ.
ފަންނުވެރިއެއްގެ ހިތުގައި ރެނދު އެޅުމުން ނޫނީ އެއްވެސް ފަންނުވެރިއަކަށް ރަސްފަންނެއް (މާސްޓަރޕީހެއް) ނޫފެއްދެއެވެ. ޝާހް ޖަހާނުގެ ހިތްޕުޅަށް ވަނީ ވޭނަކީ ކޮބައިކަން އެނގިފައެވެ. މުމްތާޒް މަޙަލުގެ ވަކިވެވަޑައިގަތުން އެމަނިކުފާނަށް ވަނީ ޤިޔާމަތް ގެނެސްފައެވެ. އެ ނާދިރު ގަނޑުވަރު ޅެންވެރިކަމުގެ ސިފައިގައި އިލްހާމަށް ވެގެން އެމަނިކުފާނުގެ ސިކުނޑިފުޅުގެ ދޮރުތަކުން ވަންނަމުން ދެއެވެ.
"ލިޔޭ، ކާތިބު! އަހަންނަށް ބޭނުން ވަނީ ހަމައެކަނި ޢިމާރާތްކުރުމުގެ ފަންނުގެ ފަންނުވެރީންނެއް ނޫން. އެމީހުންގެ ޚިޔާލު ވެސް ނާޒުކު ވާންވާނެ. ހުވަފެނުގެ ތެދު ވިސްނެން ވާނެ. އަހަރެންގެ ޚިޔާލުގެ އެހީގަ ހުވަފެންތަކާ ހަމައަށް ދިޔުމުގެ ކުޅަދާނަކަން ހުންނަން ޖެހޭނެ.
މިޔުޒިކުވެރީން ވާހަކަ ދައްކަނީ ހަތް ރާގުން. ޅެންވެރީން ލަފުޒުތަކުން. އަހަރެން ބޭނުންވަނީ ހިލައިގެ ދުލުން ރީތީގެ ޅެން ކިޔަން ދަންނަ ބިނާވެރީން. މި ދުނިޔޭގައި ވާހައި ބުދުޚާނާއެއް ވަނީ ހިލައިން ކޮށާފަ. ވީނަސްގެ ރީތި ބުދު ހިލައިގެ ދުލުން ރީތީގެ ހިތްގައިމުކަން ބަޔާންކުރޭ.
އަހަރެންގެ އެ ގަނޑުވަރު ބިނާކުރާނީ މަރުމަރުހިލައިން. ފެންނަ ފެނުމުގަ އެ ގަނޑުވަރު ހުންނާނީ ސަންގުމަރުމަރުން. އެކަމަކު އެ ހިލަ ކޮށުމުން އޭގަ ހުންނަ ނާޒުކުކަމާ ވިދުވަރުން ހީވާނީ ލޯބިފުޅުކުރައްވާ ޝެހެންޝާހެއްގެ ކަރުނައިގެ މުތީއެއް ޖަމްނާގެ އައްސޭރީގަ ހަނދުވަރުގަ ވިދަވިދަ ތުރުތުރުއަޅައަޅަ އޮންނަ ހެން."
އަހަރެންގެ ލޯބީގެ އެ ގަނޑުވަރު ވާނީ ދުނިޔޭގެ ހުރިހާ ގަނޑުވަރުތަކުގެ ތާޖަށް. އެހެންވެ މީގެ ފަހުން އަހަރެން އެ ގަނޑުވަރަށް ކިޔާނީ ތާޖު ގަނޑުވަރު (ތާޖު މަޙަލް).
ތާޖު މަޙަލާ ގުޅޭ ގޮތުން އާދަޔާ ޚިލާފު ޚިޔާލު ހުށަހަޅާ ކޮންމެ މީހަކަށް ހިތް ފުރޭވަރަށް އިނާމު ދޭނަން ކަމަށް ހުރިހާ ޅެންވެރީންނާ ކުރެހުންތެރީންނާ، ހިލަކޮށުންތެރީންނަށް އަންގާ."
ޝެހެންޝާހުގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން ގައުމުގައި އެ ކަން އިޢުލާނުކުރެވުނެވެ. އަދި އެހެން ގައުމުގައުމުގެ މަޝްހޫރު ފަންނުވެރީންނަށް މެސެޖް ފޮނުވުނެވެ. ހުރިހައި ތަނެއްގައި - މުއްސަންޖެއްގެ ގަނޑުވަރުގައި ވިޔަސް، ފަގީރެއްގެ ޖިފުޓީގައި ވިޔަސް - ވާހަކައިގެ މައުޟޫޢަކަށް ތާޖު މަޙަލް ވިއެވެ. އާ ދައުރުގެ އާ ޖީލުގެ ޒުވާނުން، އެބައިމީހުންގެ ލޯބިވެރީންގެ އަތުގައި ހިފައިގެން ތިބެ، ޝެހެންޝާހެއްގެ އޮއްސުމެއް ނެތް ލޯތްބާއި، ވުޖޫދަށް އަންނަން އުޅޭ، އަދި ފެންނަން ނެތް ތާޖު މަޙަލް ހެކިކޮށް ހުވާކުރަން ފެށިއެވެ.
ޝާހު ޖަހާން ގަނޑުވަރުގައި ގިނިކަންޏާ އިންނަވަން ފެއްޓެވިއެވެ. މުމްތާޒް މަޙަލްގެ ހަނދާންތައް އެމަނިކުފާނު ވަނީ ކަސްތޮޅުއަޅުވައިފައެވެ. ދާރާ ޝިކޯހް ކުރިފުޅުމަތީގައި ހުންނަވައިފި ނަމަ ހީފުޅުވަނީ އެމަނިކުފާނުގެ ލޯފުޅުން، އަނބިކަނބަލުން ބައްލަވާ ހެންނެވެ. އަދި ދެންމެ ދެންމެ އެއްޗެކޭ ވިދާޅުވެދާނެ ހެންނެވެ. ޝެހެންޝާހް ވަނީ ލޯބީގެ ދީވާނާފުޅުކަމުގައި ހައްޔަރުވެވަޑައިގެންފައެވެ. ދާރާ ޝިކޯހް، އެމަނިކުފާނުގެ ބައްޕާފުޅުގެ އަރިހުގައި ލޮބުވެތިކަމާއި މުހިންމުކަން ހުރި މިންވަރު، ދާރާ ޝިކޯހަށް އެނގިވަޑައިގަނެއެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމުގެ ކަންތައްތަކާ ބެހިވަޑައިގަންނަވަމުން ގެންދެވިއެވެ. ބައްޕާފުޅު ގިނިކަންޏާ އިންނަވާން ފެއްޓެވުމުން ބައްޕާފުޅުގެ ލޯބިފުޅުގެ ބަލިފައިން ފައިދާ ހޯއްދަވައިގެން އެމަނިކުފާނު ބޭނުންފުޅު ހައި ގޮތަކަށް އަމުރުފުޅުތައް ނެރުއްވާން ފެއްޓެވިއެވެ. އެމަނިކުފާނުގެ މި ވެރިކަމާ، އެ މަނިކުފާނުގެ އެހެން އަޚުންނަކަށް ރުހިވަޑައެއް ނުގެންނެވުނެވެ.
ޝުޖާޢާއި، އޯރަންގް ޒޭބާއި، މުރާދުގެ ފަރާތްޕުޅުން ޝަކުވާ ލިބިވަޑައިގަންނަވާން ފެށުމުން ޝާހް ޖަހާން ހޭފުޅުއަރައިވަޑައިގަތެވެ. އެމަނިކުފާނު ހަމައެކަނި ލޯބީގެ ގަނޑުވަރު ބިނާކުރައްވާން ހުންނަވައިފި ނަމަ ސިޔާސަތު ބަލިކަށިވެދާނެކަން ވިސްނިވަޑައިގަތެވެ. އަދި މުޣަލް ރަސްކަން ރޫޅިގެން ހިނގައިދާނެކަން އެނގިވަޑައިގަތެވެ. ވެރިކަން ސަލާމަތްކުރެއްވުމަށާއި، ދަރިދަރިކަލުންގެ މެދުގައި ސުލްހަވެރިކަން އުފެއްދެވުމަށް، އެމަނިކުފާނު ގިނިކަންޏާ އިންނެވުން ދޫކޮށްލައްވައި ވެރިކަމުގެ ކަންތައްތައް ހިންގަވާން ފެއްޓެވި އެވެ.
އެ ދުވަސްތަކުގެ ތެރޭގައި ޝީރާޒުގެ ފަންނުވެރިއަކު ތާޖް މަޙަލްގެ ވަރަށް ރީތި ނަމޫނާއެއް ހުށަހެޅިއެވެ. އެ ނަމޫނާ ޝެހެންޝާހްގެ ޚިޔާލުފުޅުތަކާ ހަމަ މުޅީން އެއްގޮތެވެ. ޝެހެންޝާހް އެ ގަނޑުވަރު ބިނާ ކުރެއްވުމުގެ މަސައްކަތް އޭނާއާ ޙަވާލު ކުރެއްވި އެވެ. މިހާރު އެމަނިކުފާނުގެ މަސައްކަތްޕުޅަކީ ހުރިހައި ދަރި ދަރިކަލުންނަށް ވަކި ވަކީން އަމުރުފުޅުތައް ފޮނުއްވުމެވެ. އަދި ހުރިހައި ބޭފުޅުން އެކުވެރިވެވަޑައިގެން ތިއްބެވުމަށާއި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅުވެރިވެވަޑައިގެންފި ނަމަ ހަލާކު ފިޔަވައި އެހެން އެއްޗެއް ލިބިވަޑައެއް ނުގަންނަވާނެ ކަމަށް ނަސޭހަތްޕުޅު ދެއްވަމުން ގެންދެވިއެވެ. ރެޔާ ދުވާލު ކުރިފުޅުމަތީގައި ހުންނަވާ ދާރާ ޝިކޯހަށް ވެސް ބަރާބަރަށް ނަސޭހަތްޕުޅު ދެއްވަމުން ގެންދަވައެވެ. ކޮއްކޯފުޅުމެން، ދާރާ ޝިކޯހަކީ ވެރިއެއް ކަމުގައި ދެކެވަޑައިގަތުމުގެ ބަދަލުގައި ހަމައެކަނި އިޚްލާޞްތެރި ބޭބެއެއް ކަމުގައި ދެކެވަޑައިގަންނަވާނޭ ގޮތަށް އެ ބޭފުޅުންނާ މެދު ކަންތައް ކުރެއްވުމަށް ނަސޭހަތްޕުޅު ދެއްވައެވެ. އެކަމަކު ދާރާ ޝިކޯހަކީ ރަންދަރިކަލުންނެވެ. އެހެން ބޭފުޅުން އެމަނިކުފާނު ދެކެ ރުހިވަޑައި ނުގަންނަވާނޭ އަމިއްލަފުޅު ގޮތްގޮތަށް ވަރަށް ގިނަ ފަހަރަށް ކަންތައް ކުރައްވައެވެ. އެހެން ނޫނަސް ފެށުނީއްސުރެން ވެސް ރަސްގެފާނު އެންމެ ލޯބިފުޅު ވަނީ ދާރާ ޝިކޯހު ދެކެ ކަމަށް ވާ ކަމީ އެހެން ހުރިހައި ބޭފުޅުންގެ ވެސް ޝަކުވާއެކެވެ. ގިނިކަންޏާ އިންނެވިއަސް، ދަރުބާރުގައި އިންނެވިއަސް ދާރާ ޝިކޯހު އެމަނިކުފާނަކާ ވަތްކެއް ނުކުރައްވައެވެ. މި ކަން ދެކޮޅުވެރިކަމުގެ އޮށް އިންދަމުން ގެންދެއެވެ. އަދި ޝެހެންޝާހް، ސުލްހަ ކުރައްވާން ކިތަންމެ މަސައްކަތްޕުޅު ކުރެއްވި ނަމަވެސް އެ ހަތަރު ބޭފުޅުންގެ މެދުގައި ސުލްހަވެރިކަމެއް ނޫފެދެއެވެ.
އަނެއް ކޮޅުން ހުވަފެންފުޅުގެ ރީތި ތާޖު މަޙަލް ބިނާވަމުން ދެއެވެ. ފުރަތަމަ އެޅުނީ ބިންގަލެވެ. އެއަށްފަހު ފާރުތައް އުފެލެން ފެށިއެވެ. އެއީ އެއް ދުވަހެއް ދެ ދުވަހެއްގެ މަސައްކަތެއް ނޫނެވެ. ވަގުތުގެ ދުވެއްޔާ އެކުއެކުގައި ސަންގުމަރުމަރު ކޮށަމުން ގެންދެއެވެ. ބިމުގެ އުނގުގައި ފަރި ކަމަނާއެއްގެ ސޫރައިގައި ވާ ގަނޑުވަރެއް މޯޅިއަށް ދެމެމުން ދެއެވެ. ޝެހެންޝާހު، ޢިމާރާތް ކުރެވެމުން ދާ މި ގަނޑުވަރުގެ މަސައްކަތް ބައްލަވައިލެއްވުމަށް ވަރަށް ގިނައިން ވަޑައިގަނެއެވެ. އަދި އެ ގަނޑުވަރު ފެނިވަޑައި ގަތުމުން އުފާފުޅުން ވިދާޅުވެއެވެ.
"އޭ! ތާޖް މަޙަލް! ތިއީ އަހަރެންގެ ދިރިއުޅުމުގެ މޭވާ. އަހަރެން ޝާހް ބާނޫއާ އެކު ލޯބީގެ ދަތުރު ފެށީއްސުރެން ތިއީ އަހަރެމެންގެ ބަސް. އަހަރެމެންގެ ފިކުރު. އަހަރެމެންގެ ރަހަ. އަހަރެމެންގެ ހުވާހުގެ ބާރު. އަހަރެމެންގެ ލޯބީގެ ދާއިމީ ޢިއްޒަތް.
ތިބާ ފުރިހަމަވާނީ ކޮން އިރަކުން ކަމެއް ނޭނގެ. އެއް އަހަރަށް ފަހު އަނެއް އަހަރު މި ދަނީ ފާއިތުވަމުން. އަހަރެންގެ އުނަގަނޑު މިދަނީ ލެނބެމުން. ބޮލާއި ތުނބުޅީގެ އިސްތަށިތައް ނުރަވެއްޖެ. މިހާރު އަހަރެންގެ ހަމައެކަނި އެދުމަކީ ތިބާގެ ފުރިހަމަ ސޫރައިގައި ތިބާގެ ނިމުމެއް ނެތް ރީތިކަން ދެކެލުން.
ލޯތްބަކީ މިއަދާ ހަމައަށް ނުފެންނަ ޖަޒުބާތެއް. ތިބާ ފުރިހަމަވުމުން ލޯބީގަ ބީހެވޭނެ. ދާއިމީ އަވަހާރަފުޅުގަ އަވަހާރަ ލައްޕަވާފަ ވާ މަލިކާ މުމްތާޒް މަޙަލްގެ ހިތްޕުޅުގެ ވިންދުގެ އަޑު ތިބާގެ ފާރުތަކުގަ ކަންފަތްޖަހައިގެން އަޑުއެހޭނެ. އޭރުން ލޯތްބަކީ، ފެންނަން ވެސް ހުންނަ، ބީހެވެން ވެސް ހުންނަ، އަޑު އިވެން ވެސް ހުންނަ އެއްޗެއް ކަމުގަ މުޅި ދުނިޔެ އެއް ދުލުން ބުނާނެ."
(ނުނިމޭ)