ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސުގެ ހައިވޭއެއްގައި ދަތުރުކުރަމުން ދިޔަ ބަސްތަކެއް ހުއްޓުވައި، އެއިން ދަތުރުކުރި 14 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ހަތިޔާރު އަޅައިގެ ސިފައިންގެ ޔުނިފޯމުގައި ތިބި ކޮން ބައެއްކަން ނޭނގޭ ބަޔަކު މިހަމަލާދީފައި ވަނީ ބަލޯޗިސްތާނުގެ އޮރްމަރާ ސަރަހައްދުގައި މަކްރާން ކޯސްޓަލް ހައިވޭގައެވެ.
ޚަބަރުތައް ބުނާގޮތުގައި ހަތިޔާރުއެޅި މީހުން ވަނީ ކަރާޗީން ގުވަދާރަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ 6 ބަހެއް ހުއްޓުވާފައެވެ. އަދި ބަސްތަކަށް އަރައި ދަތުރުކުރިމީހުންގެ އަޑީ ކާޑު ބެލުމަށް ފަހު ބަސްތަކުން ބާލައިގެން ގޮސް 14 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އެސަރަހައްދުން ފިލާފައެވެ.
ބަލޯޗިސްތާނުގެ އިންސްޕެކްޓަ ޖެނެރަލް އޮފް ޕޮލިސް މުހުސިން ހަސަން ބަޓް ވިދާޅުވި ގޮތުގައި، ބަސްތަކުން މީހުން މަރާލާފައި ވަނީ ސަލަމާތީ ބާރުތަކުގެ ޔުނިފޯމުގައި ތިބި 15 ވަރަކަށް ހަނގުރާމަވެރިންނެވެ. އެމީހުން ވަނީ ބަސްތައް ޗެކްކުރަނީކަމަށް ބުނެ، ދަތުރުކުރި މީހުންގެ އައިޑީ ކާޑު ޗެކްކުރުމަށް ފަހު ބަލޯޗް ނޫން 16 މީހަކު ބަސްތަކުން ބާލައިގެން ފަރުބަދަތަކުގެ ތެރެއަށް ގެންގޮސްފައެވެ.
16 މީހުން ބަންޑުން ބޭތިއްބުމަށް ފަހު އެމީހުންގެ ގަޔަށް ބަޑިޖެހީއެވެ. އެހެންނަމަވެސް، އެތަނުން 2 މީހަކު ވަނީ ސަލާމަތްވެގެން ފިލާފައެވެ.
މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނު ކަނޑުގެ ސިފައިންގެ މީހަކާއި، ކޯސްޓުގާޑުގެ މީހަކު ހިމެނެއެވެ.
ޕާކިސްތާނުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ޚަބަރުދޭ ގޮތުގައި ބަލޯޗީ ރާޖީ އާޖޯއި ސަންގަރް (ބީއާރއޭއެސް) ނަމަކަށް ކިޔާ ބަލޯޗް ހަނގުރާމަވެރި ޖަމާއަތަކުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ. ބީއާރއޭއެސްއަކީ ބަލޯޗިސްތާނު ޕާކިސްތާނުން ވަކިކޮށް މިނިވަންކުރުމަށް ހަނގުރާމަކުރާ ތިން ގްރޫޕެއް ގުޅިގެން ހަދާފައިވާ ޖަމާއަތެކެވެ.
ބެލެވޭ ގޮތުގުގައި މި ހަމަލާއަކީ މިމަހުގެ ކުރީކޮޅު ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާގެ ތަރުކާރީ ބާޒާރަކަށް ދިން ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.