ޚާއްސަ ޑޮކްޓަރުން އުފެއްދުމަކީ ޔުނިވަރސިޓީއާމެދު ރައްޔިތުން ކުރާނެ އުންމީދެއް: ރައީސް

މިދިޔަ އަހަރުގެ ތެރޭގައި ޤައުމީ ޔުނިވަރުސިޓީން ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، ޔުނިވަރސިޓީއާ މެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުމިގެންވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"މީހުން ބިނާކުރުމުގައި، މި ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއް. މިދިޔަ އަހަރުގެ ތެރޭގައި ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، މި ޔުނިވަރސިޓީއާ މެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި ޤައުމީ ޔުނިވަރސިޓީން އަދާކުރައްވަމުން ގެންދަވަނީ ވަރަށް އުންމީދީ ދައުރެއް ކަމަށެވެ. ރައީސް ވިދާޅުވީ ޔުނިވަރސިޓީ ތަޢުލީމްގެ ބޭނުމަކީ، ހަމައެކަނި ދަރިވަރުންތަކެއް އުފެއްދުމެއް ނޫން ކަމަށެވެ. އެއީ ތަފާތު ދާއިރާތަކުގެ މުދައްރިސުންނާއި، އިންޖިނޭރުންނާއި އާކިޓެކްޓުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި ޤާރީންނާއި އިމާމުންނާއި ނޫސްވެރިން ފަދަ ތަފާތު ފަންނުވެރިން އުފަންކުރުވާ ތަނެއް ކަމަށެވެ.

މުޅި ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް، ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އެތަނުގެ ކެމްޕަސްތައް މިހާރު ހުރީ ޤާއިމްކޮށްފައި ކަމަށާއި މިހާރު ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާތައް ހެދުމަށް ކެމްޕަސްތަކުގައި ޚާއްސަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން،"

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.