ލޭމައްޗަށް ދިޔުމާއި ހަކުރު ބަލި ދުނިޔޭގައި ޢާއްމު ވެއްޖެއެވެ. ކޮލެސްޓްރޯލް މަތިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެއްޖެއެވެ.
ގައިންގަޔަށް ނާރާ ނުރައްކާތެރި މިބަލިތައް ރާއްޖެ ކުޑައޭ ކިޔާފައި ދިވެހިން ދޫކޮށްނުދިޔައެވެ. މި ބަލިތަލުގެ ނުރައްކާ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އެބައޮތެވެ. މިއީ އެބަލިތަކާ މުޅި ދުނިޔެ ހަނގުރާމަ ކުރަންޖެހިފައިވާ ނުރައްކާތެރި ބަލިތަކެވެ. މިފަދަ ބަލިތައް ޖެހިފައި ތިބޭ މީހުންގެ ޢަދަދު މިދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
މިއީ ރައްކާތެރިވާންޖެހޭ ބަލިތަކެކެވެ. ސިއްޙީ މާހިރުން ލަފާ ދެއްވަނީ، މި ބަލިތަކުން ރައްކާތެރިވުމަށް ޓަކައި މީހާ ވީހާ ވެސް ބޮޑަށް ހެލިފެލިވެ އުޅުމަށެވެ. ޙަރަކާތްތެރި މީހަކަށް ވުމަށެވެ. ނުވަތަ ޤަވާޢީދުން ކަސްރަތު ކުރުމަށެވެ. ޚާއްސަކޮށް މުސްކުޅިން ހިނގައި އުޅުމަށް ޞިއްޙަތާ ބެހޭ މާހިރުން ވިދާޅުވެފައިވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް 10000 ފިޔަވަޅު އަޅައިފިނަމަ އަޅުގަނޑުމެންނަށް އިހުސާސްވެސް ނުކުރެވޭހާ ގިނަގުނަ ފައިދާތައް ހަށިގަނޑަށް ލިބިގެންދެއެވެ. އެލިބޭ ފައިދާތަކުގެ ތެރޭގައި ހިތުގެ ބަލިތައް ޖެހުމުން މީހާ ސަލާމަތް ކޮށްދިނުން ހިމެނެއެވެ. ހިނގައި ބިނގައި އުޅުމަކީ ގައިންގަޔަށް ނާރާ އެތަކެއް ބަލިތަކަކުން މީހާ ސަލާމަތް ކޮށްދޭ ކަމެކެވެ.
ހިނގުމުގެ ސަބަބުން ހަށިގަނޑަށް ކުރާ އެކިއެކި ފައިދާ ބެލުމަށް ދިރާސާވެރިން ވަނީ ވަރަށްގިނަ ދިރާސާތައް ކޮށްފައެވެ. މިގޮތުގެމަތިން އުމުރުން 20 އަހަރާއި 70 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ މެދުގައި ދިރާސާއެއް ކުރެވުނެވެ. އަދި މިދިރާސާގައި ބައިވެރިވި މީހުން 6 މަސް ވަންދެން ކޮންމެ ދުވަހަކު ދުވާލެއްގެ މައްޗަށް 10000 ފިޔަވަޅު އަޅަން ޖެހުނެވެ. ހަމަސް ފަހުން، ނަތީޖާއަށް ބަލާލިއިރު މިއިން ކޮންމެ މީހެއްގެ ބަނޑުގެ ވަށަމިނުން 3 ސެންޓިމީޓްރު ވަނީ ކުޑަވެފައެވެ. އަދި މީގެ ސަބަބުން މިމީހުންގެ ބްލަޑް ޕްރެޝަރ ވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ. ހަމަ އެއާއެކު ބައިވެރިންގެ ލޭގެ ޓެސްޓްތަކުން ދައްކާގޮތުން ކަށީގެ ބަރުދަން އިތުރުވުމާއި، ހަށިގަނޑުގައިވާ އެޗް.ޑީ.އެލް އޭ ކިޔާ ރަނގަޅު ކޮލެސްޓެރޯލް އިތުރުވުމާއި، އެލް.ޑީ.އެލް އޭ ކިޔާ ގޯސް ކޮލެސްޓެރޯލްގެ މިންވަރު މަދުވެފައިވެއެވެ. މިއީވެސް މިކަމުން ލިބިދޭ މުހިންމު ފައިދާއެކެވެ. ސަބަބަކީ މިބުނާ އެލް.ޑީ.އެލް ހަށިގަނޑުގައި އިތުރުވުމުން އަޅުގަނުޑުމެންނަށް ކޮލެސްޓެރޯލް މަތިވުމޭ މިކިޔާ މައްސަލަ ދިމާވެއެވެ. އަދި އެލް.ޑީ.އެލް ގެ ސަބަބުން ހަށިގަނޑު ފަލަވެ ބަރުހެލި ވުމަށްވެސް މަގު ފަހި ކޮށްދެއެވެ.
ޑަބްލިއު.އެޗް.އޯ އިން ލަފާދޭ ގޮތުގައި،ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކޮންމެ ޒުވާނަކު މަދުވެގެން ހަފްތާއަކު 150 މިނެޓްގެ ކަސްރަތު ބޭނުންވެއެވެ. މި ލަފާގައިވާ މިންވަރަށް ކަސްރަތު ހޯދުމަށް މިނެޓުން ނުވަތަ ފިޔަވަޅުންވެސް ގުނިދާނެއެވެ. ނަމަވެސް މިނެޓަށްވުރެ މި މިންވަރު ހަމަކުރަން އެންމެ ރަނގަޅީ ފިޔަވަޅު ގުނައިގެންކަން މިދެގޮތް އަޅައިކިޔާ ހޯދި ހޯދުންތަކުން ދައްކައެވެ. އެހެންކަމުން ސިއްޙަތު ރަނގަޅު ކުރުމަށްޓަކައި ކޮންމެ ދުވަހަކު އަޅާ ފިޔަވަޅުގެ ޢަދަދު އިތުރުކޮށް، ބާރު ކުރުން މިއީ ވަރަށް މުހިއްމުކަކެވެ. ނަމަވެސް ދިރާސާތަކަށް ބަލާލާއިރު ފިރިހެނުންނަށްވުރެއް ގިނައިން އަންހެނުން ހިނގުން އިތުރުކުރަން ޖެހެއެވެ. އަދި މީގެ އިތުރުން، މިކަމުގެ ނަތީޖާއަކީ އާދައިގެމަތިން ކޮންމެ ދުވަހެއްގައިވެސް މިކަން ކުރުމުން ނޫނީ ނުފެންނާނެ އެއްޗެކެވެ. އެހެންކަމުން ކޮންމެ ބޭފުޅެއްވެސް މިއާދަ ހަށިގަނޑުގައި އަށަގެންނެވުން މިއީ ވަރަށް މުހިއްމު ކަމެކެވެ.
ލިޔުނީ: އެމް.އެން.ޔޫ ގެ ބެޗެލަރ އޮފް ސައިންސް ދަރިވަރު، ފާތިމަތު ޝަހުމާ
https://www.researchgate.net/publication/317400141 :ރިފަރެންސް
https://goo.gl/images/UwCfgN:ފޮޓޯ