2018 ވަނަ އަހަރު ދުނިޔޭގެ އެންމެ ވައި ނުސާފު 30 ރަށުގެ ލިސްޓުގައި އިންޑިޔާގެ 22 ރަށް ހިމެނިއްޖެއެވެ. އިންޑިޔާގެ އިތުރަށް އެ 30 ރަށުގެ ތެރޭގައި ހިމެނެނީ ޕާކިސްތާނާއި ބަންގްލާދޭޝްގެ ރަށްތަކެވެ. ދެން ޗައިނާގެ ރަށްތަކެވެ. އެހެންކަމުން، ދެކުނު އޭޝިޔާ މިވަނީ ދުނިޔޭގެ އެންމެ ވައި ނުސާފު ސަރަހައްދުގެ ގޮތުގައި ވެފައެވެ.
ގްރީންޕީސްއާއި އެއާވިޝުއަލް ގުޅިގެން 2018 ވަނަ އަހަރު ދުނިޔޭގެ 3000 ރަށެއްގެ ސާވޭކުރުމުން ލިބުނު ތަޖީއިން ދައްކާގޮތުގައި އޭގެ ތެރެއިން %64 ރަށުގެ ވައި އދ.ން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ނުސާފެވެ.
އިންޑިޔާގެ ނިއުދިއްލީގައި 20 މިލިއަން މީހުން ދިރިއުޅޭއިރު އެރަށް ވަނީ ދުނިޔޭގެ އެންމެ ވައި ނުސާފު ވެރިރަށުގެ ގޮތުގައި ފާހަގަކުރެވިފައެވެ. އެރަށް އޮތީ ވައި އެންމެ ނުސާފު ރަށްތަކުގެ ލިސްޓުގެ 11 ވަނައިގައެވެ. ލިސްޓުގެ އެއްވަނައިގައި އޮތީ ނިއުދިއްލީ ކައިރީގައި އޮންނަ ސިނާއީ ރަށެއް ކަމުގައިވާ ގުރޫގްރާމް (ގުރްގާއޯން) އެވެ.
ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި ޖައްވު ކިލަނބުވެ ވައި ނުސާފުވުމުގެ ސަބަބުން ފާއިތުވި އަހަރު ދުނިޔޭގައި 7 މިލިއަން މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 6 ލައްކަ ކުޑަކުދިން ހިމެނެއެވެ. ޖެނީވާގައި ކުރިއަށް ދިޔަ އދ.ގެ އިންސާނީ ހައްގުތަކާ ބޭހޭ ބައްދަލުވުގައި އިންސާނީ ހައްގުތަކާއި، ތިމާވެށީގެ މައްސަލަތަކަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ މަންދޫބު ޑޭވިޑް ބޮއިޑް ވިދާޅުވީ ދުނިޔޭގައި އުފައްދާ ހަކަތަ އިއާދަކުރަވިނި ހަކަތައަށް ބަދަލުކޮށްގެން 21 ގަރުނު ނިމެންވާއިރަށް 150 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އާބާދިގެ 6 ބިލިއަން މީހުން ނޭވާލަނީ އެބައިމީހުންގެ ސިއްހަތާއި، ދުޅަހެޔޮކަމަށް ނުރައްކާވާފަދަ ވަޔަށެވެ.
ނިއުދިއްލީއާއި ގުރޫގްރާމްގެ އިތުރަށް ލިސްޓުގެ އެންމެ ކުރީގައި އޮތް އިންޑިޔާގެ ރަށްތަކުގެ ތެރޭގައި އާގްރާ، ޖޭޕޫރު، ކޮލްކަތާ، ކާންޕޫރު، އަހްމަދްއާބާދު، ލަކްނޯ އަދި ޕަޓްނާ ފަދަ ރަށްތައް ހިމެނެއެވެ.
އިންޑިޔާގެ އަވަށްޓެރި ޕާކިސްތާނުގެ ރަށްތަކުގެ ތެރެއިން ފައިސަލްއާބާދާއި ލާހޯރު ވަނީ މި ލިސްޓުގައި ހިމެނިފައެވެ. ބަންގްލާދޭޝްގެ ޑާކާވެސް ވަނީ ލިސްޓުން ޖާހަ ހޯދާފައެވެ.
ވައި އެންމެ ނުސާފު 30 ރަށުގެ ތެރޭގައި ޗައިނާގެ ބައެއް ރަށްތައް ހިމެނުނު ނަމަވެސް ބެއިޖިންގ، ޝްންގހާއީ، ޝެންޒެން، ގުއާންގްޒޫ، ޗެންގްދޫ ފަދަ ބޮޑުތި ރަށްތައް އެ ލިސްޓުގައި ނުހިމެނެއެވެ.
ގްރީންޕީސްގެ ގްލޯބަލް އެއާ ޕޮލޫޝަން ޔުނިޓުން ފާހަގަކުރާ ގޮތުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ވައި ނުސާފުވުމުގެ އެންމެ ބޮޑު ސަބަބަކީ ލަކުޑިއާއި، ބޯޓުދެއްޔާއި، ޖަނަވާރުގެ ނަޖިސްފަދަ ތަކެތި ކައްކަން ބޭނުންކުރުމެވެ. ދެކުނު އޭޝިޔާގެ ގިނަ މީހުންނީ ފަގީރުން ކަމަށްވާތީ ގިނަ ގެތަކުގަ ކައްކަނީ މިފަދަ ތަކެތިންނެވެ.