ބަޑިއާއި ސިފައިން ބޭނުންކޮށްގެން ކަޝްމީރުގެ މައްސަލަ ހައްލެއް ނުކުރެވޭނެ: ކުރީގެ ޗީފް މިނިސްޓަރ

ބަޑިއާއި ސިފައިންގެ ފައުޖުތައް ބޭނުންކޮށްގެން ކަޝްމީރުގެ މައްސަލަ ހައްލު ނުކުރެވޭނޭކަމުގައި ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ ފާރޫޤް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގެ ޕުލްވާމާ ސަރަހައްދުގައި ސިފައިންގެ ބަޔަކު ގޮވައިގެން ދަތުރުކޮށްފައިދިޔަ ބަހަކަށް، ކާރެއްގައި ގޮސް މީހަކު ދިން ޖާނުންފިދާވުމުގެ ހަމަލާއާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ފާރޫޤް ޢަބްދުﷲ ވިދާޅުވީ ކުރިއަށް ދާންވީ މަގު ނުހޯދޭނަމަ ޕުލްވާމާގައި ހިނގި ފަދަ ހާދިސާތައް ހިނގަމުންދާނޭކަމުގައެވެ.

އެ ހާދިސާގެ ޒިއްމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި އިންޑިއާގެ މީޑިއާއިން  ކުރި ފާޑުފާޑުގެ ސުއާލުތަކަށް ޖަވާބުދެއްވަމުން ފާރޫޤް ޢަބްދުއްﷲ ވިދާޅުވީ ކަޝްމީރު މިނިވަންކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ ކަޝްމީރުގެ ރައްޔިތުންކަމަށެވެ.

"ކަޝްމީރުގައި ހިންގާ ކޮންމެ ހާދިސާއެއްގެ އިލްޒާމް ޕާކިސްތާނުގެ ބޮލުގައި އަޅުވާކަށް ނުޖެހޭނެ." އޭނާ ވަރަށް ހަރުކަށި އިބާރާތަކުން ވިދާޅުވިއެވެ.

ކަޝްމީރުގެ ޕުލްވާމާ ސަރަހައްދުގައި ދިން ކާރު ބޮމުގެ ހަމާލާގައި އިންޑިއާ ސިފައިންގެ 44 މީހަކު ވަގުތުން މަރުވެ އެތައްބަޔަކު ޒަޚަމްވިއެވެ.

ޕުލްވާމާ ސަރަހައްދަކީ ކަޝްމީރު މިނިވަންކުރުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޒުވާނުންނާއި އިންޑިއާ ސިފައިންނާ ދެމެދު ވަރަށް ގިނަ ހަމަނުޖެހުންތައް ހިނގައި ދެފަރާތުންދޭ ހަމަލާތަކުގައި މީހުން މަރުވަމުންދާ ސަރަހައްދެކެވެ.

މިދިޔަ ޑިސެމްބަރ މަހު ޕުލްވާމާ ސަރަހައްދުގައިި އިންޑިއާގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި އާންމުންގެ ހަތް މީހުން މަރުވެ 15 މީހުން ޒަޚަމް ވިއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.