ކަޝްމީރުގެ އިންޑިޔާ ފަޅީގައި ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާގައި އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) ގެ 42 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ސީއާރްޕީއެފަކީ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި އަމާކަން ގާއިމުކުރުމަށް، ހޯމް މިނިސްޓްރީގެ ދަށުން ހަރަކާތްތެރިވާ ހަތިޔާރުއެޅި ފުލުހުންގެ ބާރެކެވެ.
ހަމަލާގައި ޒަޚަމްވި މީހުން ވަނި ސްރީނަގަރުގެ ބާދާމީ ބާޣުގައި ހުންނަ އަސްކަރީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހަމަލާދީފައި ވަނީ ކަޝްމީރު އިންޑިޔާގެ ދަށުން މިނިވަންކުރުމަށް، ނުވަތަ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހެދުމަށް ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާއެޅި ޖަމާއަތެއްގެ މީހަކު ކަމަށް ލަފާކުރެވެއެވެ. ޕުލްވާމާ ޑިސްޓްރިކްޓްގެ ލެތުޕޯރާ އަވަށް ކައިރިން ސްރީނަގަރް-ޖައްމޫ ހައިވޭގައި ދިން މިހަމަލާގައި އޭނާ ވަނީ ގޮވާތަކެތިން ބަރާކޮށްފައި އޮތް ކާރެއް ފުލުހުން ދަތުރުކުރި ބަހެއްގައި ޖައްސައި ބަސް ގޮއްވާލާފައެވެ.
އިންޑިޔާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހަމަލާދީފައި ވަނީ ހަނގުރާވެރި ޖަމާއަތް ޖައިޝެ މުހައްމަދުއަށް ނިސްބަތްވާ މީހެކެވެ. ހޯމް މިނިސްޓަރު ރާޖްނާތު ސިންގް ކުރެއްވި ޓްވީޓެއްގައިވެސް ވަނީ މިހެން ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ޖަމާއަތުން ވަނީ އެކަން ދޮގުކޮށްފައެވެ. "ޖައިޝެ މުހައްމަދާއި އެކަމާ އެއްވެސް ގުޅުމެއް ނެތް." އެޖަމާއަތުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައި ވެއެވެ.
ސީއާރްޕީއެފްގެ އިންސްޕެކްޓަރ ޖެނެރަލް (އޮޕަރޭޝަންސް) ޒުލްފިޤާރު ޙުސައިން ވިދާޅުވިގޮތުގައި ބުރާސްފަތި ދުވަހު (އިއްޔެ) ހަވީރު 3:15 ހާއިރު ސްރީނަގަރް-ޖައްމޫ ހައިވޭގައި ދަތުރުކުރަމުން ދިޔަ ސީއާރްޕީއެފްގެ 70 ވަރަކަށް އުޅަނދުގެ ގާފިލާއަކަށް ހަމަލާދީފައި ވަނީ 300 ކިލޯގްރާމާއި 350 ކިލޯގްރާމާ ދެމެދުގެ ގޮވާ ތަކެތިން ބަރާކޮށްފައި އޮތް އެސްޔޫވީ (ސްޕޯޓް ޔުޓިލިޓީ ވެހިކަލް) ކާރެއް، އެތަނުން އެއް އުޅަނދުގައި ޖައްސައިގެންނެވެ.
ހަމަލާ އަމާޒުވި ގާފިލާގައި ސީއާރްޕީއެފްގެ 2500 ފުލުހުން ދަތުރުކުރަމުން ދިޔައެވެ.
ސަލާމަތީ ބާރުތަކުން ފާހަގަކުރާ ގޮތުގައި ކަޝްމީރުގައި ކާރު ބޮން ގޮއްވައިގެން ހަމަލާ ދިނުމަކީ ވަރަށް ނުވާކަމެކެވެ.
1947 ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު ވަކި ދެ ގައުމުގެ ގޮތުގައި މިނިވަންވި އިރު ކަޝްމީރު ލިބެންވީ ކޮންފަރާތަކަށް ކަމާމެދު ދެގައުމުގެ ދެމެދުގައި ހަނގުރާމަހިނގައި ކަޝްމީރު ވަނީ ދެބައި ވެފައެވެ. ކަޝްމީރުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ސަރަހައްދީ ރޮނގެއް އަދިވެސް ނެތެވެ. ދެގައުގެ ލަޝްކަރުތައް ވަކި ކުރަނީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) އަކުންނެވެ.