އަޅުގަނޑުގެ މައްސަލައެއް ބަލަމުން ނުދާކަމަށް އޭސީސީން މަޖިލީހަށް އެންގި: މަހުލުފް

އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލާގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު ނުކުރެއްވީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ފައިސާގެ މައްސަލާގައި އޭސީސީން ސުވާލު ނުކުރައްވާ ކަމަށާއި ސުވާލު ނުކުރެއްވުމުން ޤަބޫލު ކުރައްވަނީ އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއްނެތްކަން ކަމަށެވެ.

"މި މައްސަލައިގެ ތަޙުޤީގުގައި އޭސީސީން އަޅުގަނޑާ ސުވާލު ނުކުރީ އެކަމުގައި (ޚިޔާނާތުގެ ފައިސާގެ މައްސަލަ) އަޅުގަނޑުގެ ބައިވެރިވުމެއް ނެތީމައި ކަމަށް ޤަބޫލު ކުރަން،" ކަމަށެވެ.

މަހޫލޫފް ވިދާޅުވީ އޭނާ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދިއިރު ވެސް އޭނާގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

"ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމަށް އަޅުގަނޑަށް ރުހުންދިން މަރުޙަލާގައި ވެސް އަޅުގަނޑުގެ މައްސަލައެއް ބަލަމުން ނުދާކަމަށް އޭސީސީން ވަނީ މަޖިލީހަށް އަންގާފައި،" މަހޫލޫފުގެ ޓްވިޓަރގައި ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީގީ ރިޕޯޓު ހާމަކުރިއިރު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މަހުލޫފު ވިދާޅުވީ އެއީ ސަޙައް ގޮތުގައި ހިންގާފައިވާ ސައްޙަ މުޢާމަލާތެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގޭގައި މަޑު ކުރެއްވުމަށް މަހުލޫފަށް އަންގަވައިފައެވެ.

މަހުލޫފް ކުރައްވައިފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ގޭގައި މަޑުކުރައްވަން އެންގެވުމުން "އިންޒާރުދީ، ބިރު ދައްކައި އަދި މަލާމާތުގެ މެސެޖުތައް ކުރަމުންދަނީ ގޭންގުތަކަށް ނިސްބަތްވާ ފަރާތްތައް،" ކަމަށެވެ. އެ މައްސަލަ ކޮންމެހެން ވެސް ޙައްލުކުރަން ޖެހޭކަން އެއިން ދޭހަކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.