ދުނިޔޭގެ ގިނަ ޤައުމުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް ޤައުމުގެ ތާރީޚަކީ ޤައުމުގެ ދަރީން ޢިބްރަތްތަކެއް ލިބިގަންނަ އެއްޗެކެވެ. އެހެންކަމުން ދިވެހި މިނިވަން ކަމަށްޓަކައި ޤައުމީ ބަޠަލުން ކުރައްވާފައިވާ މަސައްކަތްޕުޅު ތަކަކީ މިއަދު ސަރުކާރު ހިންގެވުމުގެ ޒިންމާ އަދާ ކުރައްވަމުން ގެންދަވާ ބޭފުޅުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަންތައްތަކެވެ. މިއަދު ސަރުކާރުގެ އަމާޒު ހުރީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ދިވެހިންގެ ދީނާއި މިނިވަންކަން އަޅުގަނޑުމެންނާއި ހަމަޔަށް ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ތަކުރާރު ކުރެއްވުމަށެވެ. ފަރަންޖީންގެ ގޮވާލުންތަކަށް ބީރުކަންފަތް ދެއްވައި، ދިވެހި މިނިވަންކަމާއި އިސްތިޤްލާލު ދިފާޢު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގައި ބޮޑުތަކުރުފާނުގެ ޒަމާނުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ބާރުކަމުގައިވާ ޕޯޗުގީޒުންނާއި ދެކޮޅަށް ނިކުމެ ވަޑައިގެން ޤައުމު މިނިވަން ކުރެއްވުމަށް ޖިހާދު ކުރެއްވި ހިތްވަރާއި ފަންވަރުގެ އިތުރަށް ބުންވަރު މިއަދުގެ ސަރުކާރުގައިވެސް އެބަހުއްޓެވެ. މަލާބާރީ ކަރައިގެ ވަކިތަކުގައި ނުޖެހި ޤައުމު ކުރިއަށް ގެންދެވުމުގައި ދޮންބަންޑާރައިން ދެއްކެވި ތެދުވެރި ނަމޫނާ އާއި އެއްގޮތަށް ކުރިއަށް ދިއުމުގެ ކެރިކުޅަދާނަކަން އަދުގެ ރައީސް ކިބައިގައިވެސް އެބަހުއްޓެވެ.
މިއަދު ސަރުކާރުގެ ސިޔާސަތުތައް ރާއްވަވަމުން ގެންދަވަނީ ތާރީޚުން ޢިބުރަތް ހޯއްދަވަމުނެވެ. މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުޞޫލުތައް ދިވެހި ޤައުމުގައި ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޤައުމުގައި ކުރެވޭ ކޮންމެ ކަމެއް ކުރެވެމުން ދަނީ ދިވެހި މިނިވަން ކަމުގެ މަތިވެރި ކިއްލާ އިތުރަށް ވަރުގަދަ ކުރެވޭނެ ފަދަ ގޮތަކަށެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތްކޮށް ޤާނޫނީ ތަރަހައިގައި މިޤައުމުގެ އެންމެހާ ކަންތައްތައް ހިނގާނެ ބީދައަކުންނެވެ. މިހުރިހާ ކަމެއްގެ ހެޔޮ ނަތީޖާ އަކީ ހުރިހާ މާނައިގައިވެސް ދިވެހި ޤައުމަކީ މިދުނިޔޭގައިވާ އުޅެން އެންމެ ރަގަޅު ޤައުމު ކަމުގައި ވުމެވެ.
މިއަދު ސަރުކާރުން ކުރައްވާ އެންމެހާ ކަމެއްގައި އެންމެ މުހިއްމު އަސާސަކަށް ބައްލަވަމުން ގެންދަވަނީ އިސްލާމް ދީނެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެވެ. އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ގައި ވެސް ޝަރުޢީ ނިޒާމަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ޤަދަރެކެވެ. ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ވަކި މީހަކަށް ވީތީ ވަކި ގޮތެއް ހެދުމެއް މިއަދު ރާއްޖޭގެ ޝަރުޢީ ނިޒާމުން ފެންނާކަށް ނެތެވެ. އަމީރުންނަށް އަމީރީ އިންޞާފު، ވަޒީރުންނަށް ވަޒީރީ އިންޞާފު، ރައީސުންނަށް ރައީސީ އިންޞާފު، ރައްޔިތުންނަށް ރައްޔިތީ އިންޞާފު މިއީ މިއަދުގެ ތަހުޒީބު ދިވެހި މުޖުތަމަޢުން ފެންނަން އޮތްކަމެއް ނޫނެވެ. ދިވެހި ޤައުމުގެ ޝަރުޢީ ނިޒާމުގައި ފަރިވެ ފޮޅެމުންދަނީ ޝަރުޢީ ހަމަތަކާއި އެކު ހަމަހަމަ ގޮތުގައި ފޮޅެމުންދާ އިންޞާފުގެ މާތަކެވެ. އެހެންކަމުން ދިވެހި ފަނޑިޔާރުގެ ތަކަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ ނިޔާ ތަކާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމާއި ފަނޑިޔާރުންނަށް އަނިޔާ ކުރުމާއި ފަނޑިޔާރުން ރަހީނު ކުރުމާއި ފަނޑިޔާރުން ހުރަގެއަށް ލުމާއި ފަނޑިޔާރުން މެރުމަކީ ދިވެހި ޤައުމުގެ ތާރީޚު ކަމުގައި މިއަދު ވެގެން ހިގައްޖެއެވެ.
ފަނޑިޔާރުގެތަކުން ކުރާ ޙުކުމް ތަކާއި ދެކޮޅަށް ވެރިކަމުގެ ފަރާތުން ބަސްބުނެ ފަނޑިޔާރުންނަށް އަދަބުދީ އެބޭފުޅުންނާއި މެދު ފިޔަވަޅު އެޅުމަކީ ދިވެހި ތާރީޚުގައި މަދު މަދުން ނަމަވެސް ހިނގާފައިވާ ކަންކަމެވެ. މިކަންކަމުގެ ހިތި ތަޖުރިބާ އެދުވަސްވަރުގެ ވެރިން ކުރައްވާފައިވާކަން ދިވެހި ތާރީޚުގައި ރަގަޅަށް ބަޔާން ކުރެވިފައިއެބަވެއެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ތިންވަނަ ޙަސަން ރަސްގެފާނު ނުވަތަ ދިވެހިން ޢާއްމުކޮށް ކިޔާ ނަމުން ނަމަ ހަދި ޙަސަން ރަސްގެފާނު ރާއްޖެއިން ބޭރުން ގެންނެވި 70 އަޅުންގެ ތެރެއިން އަޅަކު ދިވެއްސަކަށް ހަމަލަދީ މަރާލުމާއި ގުޅިގެން، އެދުވަސްވަރު ފަނޑިޔާރުކަމުގައި ހުންނެވި ޙަސަން ޝީރާޒީ ނަމަކަށް ކިޔުނު ޢިލްމު ވެރިއަކު އަޅުކަލޭގެއަށް ޙައްޤު އަދަބު ދިނުމަށް ނިޔާ ކަނޑައެޅުއްވުމުން ހަދި ހަސަން ރަސްގެފާނު އެޝަރީޢަތުގެ ތެރެއަށް އަތްޕުޅު ބާނުއްވައި އަޅުކަލޭގެއަށް އަދަބު ދިނުމާއި ދެކޮޅު ހައްދަވައި އެންމެ ފަހުން ޙަސަން ޝީރާޒީ ފަނޑިޔާރުކަލޭގެފާނު ގައިކޮޅުގައި ކަފަ ބަނދެ އަންދާ ލެއްވި ވާހަކަ އަކީ ދިވެހިތާރީޚުގައިވާ ލަދުވެތި ވާހަކައެކެވެ. އެދުވަސްވަރު މާލޭގައި ހުންނެވި މައްކާގެ ޢިލްމު ވެރިޔަކު ކަމުގައިވާ ފަޤީހު ސުލައިމާނުގެ ނަޞޭޙަތްޕުޅަށް ވެސް ބީރު ކަންފަތްޕުޅެއް ދެއްވުމަށްފަހު ރަސްގެފާނުގެ އަމުރުފުޅަށް ފަނޑިޔާރު ކަލޭގެފާނު އަންދާލެއްވުމުން ދެން ކަންހިނގައިދިޔަ ގޮތުން މިއަދުގެ ދިވެހިންވެސް ޢިބުރަތް ލިބިގަންނަން ޖެހޭކަން ކަށަވަރެވެ. ފަނޑިޔާރު ކަލޭގެފާނު އަންދާލި ޙާދިސާއަށް ދުވަސްތަކެއް ނުވެ ހަދި ޙަސަން ރަސްގެފާނަށް ކުރިމަތި ލައްވަން ޖެހިވަޑައިގަތް އާލާސް ކަންފުޅަކީ ޢަޒާބެއް ކަމުގައިވެސް ޤަބޫލު ކުރުމުގެ ޖާގަ އެބައޮތެވެ. މުޅި ހަށިކޮޅުން ގަދަ ހޫނެއް އަރައި އެހޫނަށް ކެތް ކުރެއްވޭ ވަރު ނުވެ އެތައް ދުވަހަކު އުޅުއްވަން ޖެހިވަޑައިގަތް ކަމާއި، ހޫނުގަދަ ކަމުން އޮށޯވެ ވަޑައިގަތުމަށްޓަކައި ތައްޔާރު ކުރެވުނު ދާންމަތި ވެޔޮކޮޅާއި ވަޅު ކޮޅުގެ ވާހަކަ އަކީ ޢިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ރަސްގެފާނު އަވަހާރަ ވުމަށްފަހުވެސް ހޫނު ގަދަ ކަމުން ގާ ސަންދޯކެއްގައި ވެޑުވުމަށްފަހު ލޮނުގެ އަސަރު ކުރާނެހެން ލޮނުޒިޔާރަތް ކޮޅުގައި ފަސްދާނު ވެޑުވި ވާހަކަ އަކީ ތާރީޚު ގެ ތެރެއިން މިއަދު އަޅުގަނޑުމެންނަށް ޢިބުރަތް ތަކެއް ލިބިގެންދާ ވާހަކަ ތަކެކެވެ.
ދިވެހި ރާއްޖޭގެ ފަހުގެ ތާރީޚުގައި ރައީސަކު ފަނޑިޔާރަކު ''ރަހީނު'' ކުރައްވައިގެން ގިރިފުށީގައި ގެންގުޅުއްވުމާއި، އެހެން ރައީސަކު ޤައުމުގެ އެންމެ ހައިބަވެތި ފަނޑިޔާރުގެއިން ނެރުނު އަމުރަށް ފުރަގަސްދެއްވައި، ކުއްލި ޙާލަތުގައި ކުއްލިއަކަށް ޤައުމުގެ އެންމެ އިސް ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް އެހިންގެވި އިންސާނިއްޔަތު ކަމުގެ ކުޑަ މިންވަރެއްވެސް ނުވާ ލާއިންސާނީ ޖަރީމާ އާއި ޝިރާޒީ ފަނޑިޔާރުކަލޭގެފާނު ގައިކޮޅުގައި ރޯކޮށްލުމާއި މާބޮޑު ތަފާތެއް ނެތެވެ. ކުރެވިފައިވާ ތިން ޢަމަލަކީ ވެސް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޢަމުރަށް އިންސާނަކާއި މެދު ހިންގިފައިވާ އިންސާނިއްޔަތު ކަމުގެ ކުޑަކަންފުޅެއްވެސް ނެތް ޓެރެރިޒަމްގެ ނުބައި ވެގެންވާ ބޮޑު ޖަރީމާތަކެވެ. ފަނޑިޔާރަކު ގައިކޮޅުގައި ރޯކޮށްލުމުގެ އަދަބު ހަދި ހަސަން ރަސްގެފާނަށް ވަނީ މިދުނިޔޭގައިވެސް ރަގަޅަށް ލިބިވަޑައިގެންފައެވެ. މިޒަމާނުގެ ތާރީޚުގައި ވެސް ފެންނަމުން މިދަނީ އެފަދަ މަންޒަރުތަކެކެވެ. ދޫނިދޫ ޖަލުގައި ޢުމުރުގެ ދުވަސް ތަކެއް ހޭދަ ކުރެއްވުމާއެކު ޤައުމުން އަރުވާލެވިގެން ހުންނަވަން ރައީސަކަށް ޖެހިވަޑައިގަތީ ހަމަ ޔަޤީނުންވެސް ފަނޑިޔާރަކާއިމެދު ހިންގެވި ޓެރެރިޒަމްގެ ލާއިންސާނީ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މާދަމާ ރައީސަކު މާފުށީ ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައި ގަތަސް އެއީ ވެސް ފަނޑިޔާރަކާއި މެދު ހިންގެވި ނާތަހުޒީބު ޖަރީމާކަން މުޅި ދިވެހި ޤައުމު ޤަބޫލު ކުރާނެއެވެ. އެއާއެކު ދިވެހި ރައްޔިތުން މިއަދު ދުޢާ ކުރަންވީ މިޒަމާނުގައި ދިވެހިރާއްޖޭގައި ދާންމަތި ވެޔޮކޮޅެއް ނުނީ ދާންމަތީ ވަޅުކޮޅެއް ހަދަން ނުޖެހޭފަދަ ގޮތަކަށް ކަންތައްތައްވެ ނިމިދިއުމަށެވެ.
ޝައްކެއްނެތެވެ. މިއަދުގެ ސަރުކާރަކީ އިސްލާމް ދީނުގެ މަތިވެރި އުޞޫލުގެ މަތީގައި ދެމިއޮތް ސަރުކާރެކެވެ. މާޒީގެ ޢިބުރަތްތެރި ފިލާވަޅު ތަކުން ދަރުސް ލިބިގަންނަ ސަރުކާރެކެވެ. އިސްލާމީ ޝަރީޢަތަށް ގޮންޖެއްސެވުމުގެ ޢަމަލެއް މިސަރުކާރުގެ އެއްވެސް ދިމާއަކުން ފެނުމެއްނެތެވެ. އަދި ފަނޑިޔާރުގެތަކުން ކުރާ ކަންތައްތަކާއި އިއްވަވާ ޙުކުމް ތަކަށް ސަރުކާރުން ފުރިހަމައަށް އިޙުތިރާމް ކުރައްވަމުން އެބަގެންދަވައެވެ. އެތެރެއިންނާއި ބޭރުން ވަކި މީހެއްގެ ޝަރީއަތް ނުކުރުމަށް، ވަކި ގޮތަކަށް ޙުކުމް ކުރުމަށް ނޫނީ ޝަރީއަތުގެ ތެރެއަށް އުނދުޅި ބޭނުމަށް ކިތަންމެ ވަރަކަށް ގޮވާލިޔަސް އެއަކަށް ސަރުކާރުން އިޖާބަ ދެއްވާނެކަމަކަށް ޤަބޫލު ނުކުރެވެއެވެ. ސަރުކާރުގެ ކުރިމަތީގައި މުހިއްމީ މާތްވެގެންވާ އިސްލާމް ދީނެވެ. އިސްލާމީ އުޞޫލު ތަކާއި އެއްގޮތަށް ހިނގާ ޝަރީޢަތެވެ. އެހެންކަމުން ޝަރީޢަތަށް އުނދުޅި ބާނާ ބަޔަކު މިޤައުމުގައި މިއަދު ނެތެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވާ މިނިވަންކަން ލިބިގެންވާ ޝަރުޢީ ނިޒާމަށް ރާއްޖޭގައި ޖާގަ ލިބިއްޖެއެވެ. އަދުލު އިންޞާފު ޤާއިމު ކުރުމަށް ފަނޑިޔާރުންނަށް ހުރަހެއް ނެތި ފުރުޞަތު ލިބިގެން ހިނގައްޖެއެވެ. އެހެންކަމުން ޝަރުޢީ ދާއިރާގެ ކުރިމަގަށް އޮތީ އަމާންކަމުގެ ދުވަސްތަކެވެ.