ވާހަކަ: މުސީބާތުގެ މަންނަ

ރެކިސާ މަގު މައްޗަށް ނުހުއްޓުނު ނަމަ އެ ކަމެއް އެހެން ނުވީހެވެ. ޤަތުލު ފަދަ ބޮޑު ކުށެއް ހިނގާކަށް މެދުވެރިއެއް ނުވީހެވެ.

އޭނާއަށް އިސްޓޭޝަނަށް އާދެވުނު އިރު ރޭލު ފުރައިގެން ހިނގައްޖެ އެވެ. އޭރު ރޭލުގެ ދުވެލި ވަރަށް ބާރުވެސް ވެއްޖެއެވެ. އޭނާ އެއްވެސް ވިސްނުމަކާ ނުލައި ބޮކްސާ ހިފައިގެން ވަރަށް ބާރަށް ރޭލުގެ ފަހަތުން ދުއްވައިގެންފިއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ރޭލަށް އަރަން އޭނާ ބޭނުން ވެއެވެ. ހަނީ ބޭ ކްލަބް ގައި އޮތް ތާސް ކުޅުމުގައި ބައިވެރި ވުމަކީ އޭނާ އަށް ވަރަށް މުހިއްމު ކަމަކަށް ވަނީ ވެފައެވެ. އޭނާގެ ނަސީބު ވަރަށް ރަނގަޅެވެ. ހާދިސާ އަކާ ކުރިމަތި ލާން ނުޖެހި ރޭލުގެ އެންމެ ފަހަތު ވަތްގަނޑަށް އެރިއްޖެއެވެ. އޭނާ ކުޑަ އިރު ކޮޅެއް ވާންދެން ވަތްގަނޑުގެ ދޮރުމަތީގައި މާ ނޭވާ ލާން ހުއްޓެވެ. އެއަށް ފަހު ދޮރު ލައްޕާލާފައި އެންމެ ކައިރީގައި ހުރި ގޮނޑިއަށް ވެއްޓިގެންފިއެވެ.

އެ ވަތްގަނޑުގައި އިތުރު މީހަކުވެސް އިނެވެ. އެ މީހާ ވަރަށް ޝައުޤުވެރި ކަމާއެކު އޭނާޔާ ދިމާ އަށް ބަލައިލިއެވެ. ދެން ފެށުނީ އެ ފަދަ ވަގުތު ތަކުގައި ޢާއްމުކޮށް ދެކެވޭ ވާހަކަ ތަކެވެ. ފެށުނީ ހާލު އަހުވާލުންނެވެ. އެއަށް ފަހު އެހެން ވާހަކައެވެ. އެ މީހާޔާ ވާހަކަ ދައްކަން އޭނާ ކުޑަކޮށް ޖެހިލުންވެސް ވިއެވެ. ވާހަކަ ދައްކަމުން ގޮސް އޭނާ ތާސް ކުޅުމުގެ ދަޢުވަތު ދީފިއެވެ.

“ތާސް ގަނޑެއް ކުޅެލަމާތޯ-؟ ދަތުރު ކުރު ކޮށްލަން އެއީ ވަރަށް ރަނގަޅު ގޮތެއް-“

“އާދެ- އާދެ-” ޑޭވިޑް ހިނިތުން ވެލާފައި ބުންޏެވެ. “އަޅުގަނޑުގެ ޖީބުގައި މިހާރުވެސް ތާސްބައެއް އެބަ އޮތް-“

އޭނާގެ ސަބަބުން ދަތުރު ކުރު ވެގެން ދިޔައެވެ. އޭނާ ޖީބުން ތާސްބައި ނަގައިފިއެވެ. ތާސްބައި ނެގި އިރު ހަރު އެއްޗެއްގައި އަތް ޖެހުނެވެ. އެއީ އޭނާގެ ޖީބުގައި އޮތް ކުޑަ ކުޑަ ފިސްތޯލަ އެކެވެ. އޭނާ ފިސްތޯލަ ވެސް ނަގައިފިއެވެ.

“ބިރުފުޅު ނުގަނޭ-” އޭނާ ލަދުން ކަހަލަ ގޮތަކަށް ހިނިތުން ވެލިއެވެ. “އަޅުގަނޑަކީ ރައިފަލް ކްލަބްގެ މެމްބަރަކީން- އެ ކްލަބުން ވަރަށް ފަހުން ފިސްތޯލަ ޖަހަން ދަސްކޮށްދޭ ކުލާހެއް ފަށައިފި- އަޅުގަނޑު މި ފިސްތޯލަ ގަތީ މިއަދު-“

“އެހެންތޯ-؟” އެ މީހާ ހިނިތުން ވެލިއެވެ. “ތިޔައިގައި އުންޑަ އެބަ ހުރިތޯ-؟” އޭނާ އެ ފިސްތޯލަ އަތުލަމުން އަހައިލިއެވެ.

“އާދެ- ފިސްތޯލަ ގަތް އިރު އަޅުގަނޑު އުންޑަކޮޅެއްވެސް ގަތިން-” ޑޭވިޑް ބުނެލިއެވެ.

އޭނާ އެ މީހާގެ އަތުން ފިސްތޯލަ އަތުލާފައި މޭޒު މަތީގައި ބާއްވައިލިއެވެ.

“ކުޅެން ފަށަމާތޯ-؟ ސިކްސްޓީ ސިކްސް ރަނގަޅުވާނެ- ދެ މީހުންނަށް ކުޅެން ފަސޭހަ ވާނީވެސް ސިކްސްޓީ ސިކްސް-“

ޑޭވިޑް ގަނޑުތައް ބަހަމުން ދިޔަ އިރު އެ މީހާ ހުރީ ވަރަށް ފަރުވާތެރި ކަމާއެކު އޭނާގެ އަތަށް ބަލާށެވެ. އެހެން ހުރެފައި ކުއްލިއަކަށް އަހައިލިއެވެ.

“ކޮންމެވެސް ޝަރުޠެއްވެސް ކަނޑައަޅަން ވާނެ-“

“އެންމެ ރަނގަޅު-” ޑޭވިޑް ހިނިތުން ވެލިއެވެ. “ފަހަކަށް ފަހެއް ކިހިނެއް ވާނެތޯ-؟”

“އެންމެ ރަނގަޅު-” އެ މީހާވެސް ހިނިތުން ވެލިއެވެ.

ކުޅުން ފެށިއްޖެއެވެ. އޭނާ އަށް ކުޅެން ޖެހިފައި ވަނީ ވަރަށް މޮޅު މީހަކާ އެކުކަން ވަރަށް އަވަހަށް ޑޭވިޑަށް އެނގިއްޖެއެވެ. ބަހާ އިރުވެސް އެ މީހާ ބޭނުން ކުރަނީ ވަރަށް އާދަޔާ ޚިލާފު ހުނަރެކެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ގަނޑަކުންވެސް ދެރަ ވަނީ ޑޭވިޑެވެ. ފުރަތަމަ ފަހެކެވެ. ދެން ދިހަ އެކެވެ. އެއަށް ފަހު ވިއްސެވެ. ދެން ފަންސަވީހެވެ.

އޭނާގެ ޖީބުން ފައިސާ ހުސްވަމުން ދަނީއެވެ. ހަތްދިހަ ޕައުންޑާ ހަމައަށް ދިޔައީމާ ޑޭވިޑަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ގޮނޑީގައި ލެނގިލުމަށް ފަހު ނިތްކުރިން ހިއްލާފައި ހުރި ދާ ފޮހެލިއެވެ.

“ދެން އަޅުގަނޑަކަށް ނުކުޅެވޭނެ-“

އެ ފަލަ މީހާ ތުނބުން ފުމެ ފުމެ ހުރެފައި ކުއްލިއަކަށް ހުއްޓައިލިއެވެ.

“އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރަން- ކުޅިވަރަކީ ކުޅިވަރެއް ނޫންތޯ-؟”

“އާދެ-” ޑޭވިޑް ދާ ފޮހެމުން ބުނެލިއެވެ. “އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ މި ކުޅިވަރުގެ ރޫޙާ ޚިލާފު ވާހަކަ އަކަށް ވެދާނެ- އެހެން ނަމަވެސް އަޅުގަނޑުގެ ފައިސާ އަނބުރައި ދެއްވޭނޭ ގޮތެއް އޮތްތޯ ދަންނަވައިލާން ބޭނުން- އަޅުގަނޑު ފަހުން ތިޔަ ވަރަށް ފައިސާ އަރުވަފާނަން- މިހާރު އަޅުގަނޑުގެ ޖީބު މުޅީން ހުސް ވެއްޖެ-“

“ނޫން- ނޫން-” އެ މީހާ ދެ އަތް އުފުލައިލަމުން ބުންޏެވެ. “އަޅުގަނޑު މި ފައިސާ އަނބުރައެއް ނުދޭނަން-“

“އެކަމަކު…” ޑޭވިޑް ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ އުޅުނެވެ.

“އެކަމަކު މިކަމަކުއެއް ނޯންނާނެ- އަޅުގަނޑަކީ ތިޔަ ކަހަލަ ކަންތައް ކުރާ މީހަކީމެއް ނޫން-“

“ހޫނ…” ކުއްލިއަކަށް ޑޭވިޑްގެ ގާތަށް ރުޅި އަތުވެއްޖެއެވެ. އޭނާ ފިސްތޯލައިގައި ބާރަށް ހިފެހެއްޓުމަށް ފަހު ބުނެލިއެވެ. “އަނގަ ގަދަ ނުކޮށް އަހަރެންގެ ފައިސާކޮޅު އަވަހަށް ގެނޭ-“

އެއީ އެ މީހާ ޤަތުލު ކުރުމުގެ މަޤްޞަދުގައި ޑޭވިޑް ކުރި ކަމެއް ނޫނެވެ. އޭނާ ބޭނުންވީ އަތުން ދިޔަ ފައިސާކޮޅު ހޯދާށެވެ. އެހެން އެއްވެސް ބޭނުމެއް ނެތެވެ. އެކަމަކު ހަތިޔާރަކީ ނުރައްކާތެރި އެއްޗެއް ނޫންތޯއެވެ؟ ކުރިމަތީގައި ހުރި މީހާ ދިޔައީ ސިއްސައިގެންނެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގެ ތެތޭގައި ހަމަ ޖެހިލުމަށް ފަހު ކުއްލިއަކަށް ޑޭވިޑާ ދިމާއަށް ފުންމައިގެންފިއެވެ. ޑޭވިޑް ލޯ މަރާލާފައި ފިސްތޯލަ ޖަހައިފިއެވެ.

އެ ވަގުތު އޭނާ މަރުވާން އޮތީމާ ކަންތައް ވެގެން ދިޔައީވެސް އެހެންނެވެ. އުންޑަ އެރީ އެ މީހާގެ ބޮލަށެވެ. ހަމަ އެ ވަގުތު އެ ތަނަށް ވެއްޓި އެ މީހާ މަރު ވީއެވެ. ޑޭވިޑަށް ލިބުނު ކުއްލި ސިހުމުން ސަލާމަތް ވެވުނީ ކުޑަ އިރުކޮޅަކުންނެވެ. ހަމައަކަށް އެޅުނީމާ އެ މުޞީބާތުން ސަލާމަތް ވެވޭނޭ ގޮތަކާ މެދު ވިސްނާން ފަށައިފިއެވެ.

އޭނާ ގަސްތު ކުރީ ޤަބުރު ނަގައި ރޭލުން ބޭރަށް އެއްލައިލާށެވެ. އެ ވަގުތު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެ މީހާގެ އަތުކުރީގައި އޮތް ގަޑިއަށެވެ. އެ ގަޑި އޮތީ ހުއްޓިފައެވެ. އޭނާ ކުޑަ އިރުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ އެ ގަޑިން ފަސްގަޑި ފަންސާސް މިނިޓު ހިނގާފައި ހުންނަ ގޮތަށް ހަދައިފިއެވެ. އެހެން ހެދުމުގެ ސަބަބުން ފެންނަ މީހަކަށް އެ މީހާ ދަތުރު ކުރީ ރޭލު އޮޅޭނެއެވެ.

އެއަށް ފަހު އޭނާ ދޮރު ހުޅުވައިލުމަށް ފަހު ގަޑިއަކު ސާޅީސް މޭލު ބާރު މިނުގައި ދުވެ ދުވެ ހުރި ރޭލުން އެ ޤަބުރު ނަގައި ބޭރަށް އެއްލައިލިއެވެ.

* * *

ސްކޮޓްލަންޑް ޔާޑްގެ އޮފްސަރެއް ކަމަށް ވާ ހެރީ އަނެއް ދުވަހު ހެނދުނު އަށް ގަޑި ސާޅީށް މިނިޓުގައި ކްލަބަށް އައިސް ވަން އިރު ޑޭވިޑާ އެކީ އިތުރު ދެ މީހުންވެސް ތިއްބެވެ. އޭނާ ފެނުމާއެކު އެ ތިން މީހުން އުފަލުން ކޮންމެވެސް އެއްޗެތިތަކެއް ކިޔެވެ. ހެރީ އަކީ ޑޭވިޑްގެ ރައްޓެއްސެކެވެ. ކޮންމެ އާދީއްތަ ދުވަހަކު އޭނާވެސް ކްލަބަށް އާދެއެވެ.

އެ ހަތަރު މީހުން އިށީނީ އެއް މޭޒެއްގެ ދޮށުގައެވެ.

ހެރީ އިށީނުމާއެކު ބުނެލިއެވެ. “ޑޭވިޑް- އަވަހަށް ތާސް ބައި ގެނޭ- ގަނޑެއް ޖަހައިލާން ވާނެ-“

ޑޭވިޑް އަހައިލިއެވެ. “ރޭ ނައީ ކީއް ވެގެން-؟”

“ކުޑަ މައްސަލައެއް ކުރިމަތިވީ-” ހެރީ ބުނެލިއެވެ. “މީހަކު މަރާލާފައި އޮއްވާ ފެނިގެން އެ ކަމާ އުޅެން ޖެހުނީ- މިއަދުގެ ނޫހުގައި އެ ވާހަކަ އެބަ އޮތެއްނު-؟ އެ މީހާ ފެނުނީ ރޭލު ދަނގަނޑު މަތީން-“

ޑޭވިޑް ޖީބުން ތާސް ބައި ނަގައި ޖެހިގެން ހުރި ސިޑް ގެ އަތަށް ބަހާން ދީފިއެވެ.

“އެ ފަކީރު ރޭލުން ވެއްޓުނީ ކިހިނެއްބާ-؟”

ހެރީ ތާސްބައި ބަހަމުން ދާ ސިޑާ ދިމާއަށް ބަލައިލާފައި ބުންޏެވެ. “އެ މީހާ މަރުވީ ރޭލުން ވެއްޓިގެންނެއް ނޫން-“

އެ ވަގުތު ސިޑް ބެހުން ހުއްޓާލާފައި ބުނެފިއެވެ.

“ޑޭވިޑް- ކަލޭގެ ތާސްބައިގައި ގަނޑު ހަމައެއް ނޫން- މިޔަކު މުޞީބާތުގެ މަންނައެއް ނެތް-“

ކާލާ މަންނައަށް ސިޑް ޢާއްމުކޮށް ކިޔައި އުޅެނީ މުޞީބާތުގެ މަންނައެވެ.

އަހަރެންގެ ޖީބުގައި އޮވެދާނެ- އޭނާ ޖީބު ހާވަން ފަށައިފި އެވެ. މި މަންޒަރު ބަލަން ހުރެފައި ކެޕްޓަން ހެރީ އޭނާގެ ޖީބުން ތާސްބައެއްގެ ގަނޑެއް ނަގައި މޭޒު މަތީގައި ބާއްވައިލިއެވެ. އެ ވަގުތު އޭނާގެ މޫނުމަތީން ފެންނަނީ އާދަޔާ ޚިލާފު ސީރިއަސް ކަމެކެވެ.

“ކަލޭގެ ޖީބަކުން އެ ގަނޑެއް ނުފެންނާނެ- އެ ގަނޑު މި އޮތީ- މިއީ ހަމަ މި ތާސްބައިގެ ގަނޑެއް-“

“އާނ- މިއީ ހަމަ މި ތާސްބައިގެ ގަނޑެއްކަން ޔަޤީން- ހެރީއަށް މި ގަނޑު ލިބުނީ ކިހިނެއް-؟” ސިޑް އަހައިލިއެވެ.

ޖަވާބުގައި ހެރީ ބަލައިލީ ޑޭވިޑާ ދިމާއަށެވެ. އޭނާ މަޑު މަޑުން ޑޭވިޑްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

“ރަޙްމަތްތެރިޔާ- އަހަރެން މި ފިޔަވަޅު މި އަޅަނީ ވަރަށް ބޮޑަށް ހިތާމަ ކުރަމުން- އެކަމަކު މިއީ އަހަރެންގެ ވާޖިބަކަށް ވާތީ ނުކޮށެއްވެސް ނުވާނެ- އަހަރެން ހަމަ މި ވަގުތު ކަލޭ ހައްޔަރު ކުރަނީ- އަހަރެންނަށް މި މަންނަ ފެނުނީ މަރުވެފައި އޮތް މީހާގެ ކޯޓުގެ އަތުކުރި ތެރެއިން-“

(ނިމުނީ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.