މާކުރަތުން ތިޖޫރި ފަޅައި ފައިސާ ވަގަށްނެގި މައްސަލައިގައި 6 މީހުން ބަންދުކޮށްފި

ރ. މާކުރަތު ކައުންސިލް އިދާރާއާއި، ޞިއްޙީ މަރުކަޒާއި އަދި ކޯޓު ޢިމާރާތް ހަލާކުކޮށް އެތަންތަނުގެ ތިޖޫރި ފަޅާލައި ވައްކަންކުރި މައްސަލާގައި 6 މީހުން ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ފުރަތަމަ ބަންދުކޮށްފައިވަނީ ޢުމަރުން 21 އަހަރުގެ ދެމީހުނާއި 19 އަހަރުގެ މީހަކާއި، 62 އަހަރުގެ މީހެއް ކަމަށެވެ. އެމީހުން ބަންދުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ މީހުން ބަންދުކުރިކަން ފުލުހުން ހާމަކުރެއްވީ މިއަދު ހެނދުނުއެވެ.

އެފަހުން އިތުރު 2 މީހަކު ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފަހުން ބަންދުކުރީ ޢުމުރުން 38 އަހަރުގެ ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންވެސް ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މީގެ ތެރެއިން 38 އަހަރުގެ މީހާ ބަންދުކުރީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދޮލަނގަލިންނެވެ. އަނެއް މީހާ ބަންދުކުރީ ރ. އިނގުރައިދޫ ބޭރުގައި އޮތް ދޯންޏަކުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މިމައްސަލަ ފުލުހުންނަށް އަންގާފައިވަނީ އިއްޔެ ހަވީރު 6:19 ގައެވެ. މި ވައްކަމުގައި މާކުރަތު ޞިއްޙީ މަރުކަޒުގެ ތިޖޫރި ވަނީ މަގަށް ގެންގޮސްފައެވެ. އޭގެ އިތުރަށް އޮފީސްތެރޭގައި ހުރި ގިނަ ޢަދަދެއްގެ ފައިސާ ވެސް ވަނީ ގެންގޮސްފައެވެ.

ކައުންސިލް އިދާރާގައި ހުރި ތިޖޫރި ފަޅާލުމަށްފަހު އެއިން ގިނަ ޢަދަދެއްގައި ފައިސާ ވަގަށް ނަގައިފައިވެއެވެ. އޭގެ އިތުރަށް ކޯޓުގެ ތިޖޫރި ވެސް ވަނީ ފަޅާލައިފައެވެ. އެހެންނަމަވެސް އޭގައި ފައިސާއެއްނެތެވެ. އެކަމަކު އެތަނުގެ އޮފީސްތެރޭގައި ބަހައްޓާފައިހުރި ފައިސާތަކެއް ވަނީ ވަގަށް ގެންގޮސްފައެވެ.

އެ ތަންތަނުން ނަގާފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.