މަގޫދޫ ތިޖޫރިފަޅާލި މައްސަލާގައި ބަންދުކުރި ގިނަމީހުން ނިސްބަތްވަނީ މާލެއަށް: ޕޮލިސް

ފ. މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި އެއިން ފައިސާނެގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 9 މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ މާލެއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހުން އަތުލައިގަތްއިރު ދަތުރު ކުރަމުންދިޔަ ޑިންގީއަކީ ވެސް ވަގަށް ނަގައިފައިވާ އެއްޗެއް ކަމަށް މިހާރު އެނގިފައިވާ ކަމަށެވެ. "އެމީހުން ހައްޔަރު ކުރިއިރު ދަތުރު ކުރަމުންދިޔަ ޑިންގީއަކީ ވަގަށް ނަގައިގެން ފުލުހަށް ރިޕޯޓުކޮށްފައިވާ ޑިންގީއެއް ކަމަށް މިހާތަނަށް ތަޙުޤީޤަށްވަނީ ފާހަގަ ކުރެވިފައި،" ފުލުހުން ވިދާޅުވެފައިވެއެވެ.

އެމީހުން އަތުލައިގެންފައިވަނީ ދޯންޏަކާއި ޑިންގީއެއްގައި ދަތުރު ކުރަމުންދަނިކޮށް މަގޫދޫ ކައިރިން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެމީހުންގެ ބަންދަށް ނިލަންދޫ ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މަގޫދޫ ތިޖޫރީން ފައިސާ ވަގަށްނެގިޔަސް ނަގައިފައިވަނީ ކިހާވަރެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންމަވެސް އޭގައި މާގިނަ ފައިސާއެއް ނުހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ކުރިންވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.