އައުސަރުކާރުގެ ހޯމްމިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙަމްދޫން ރަޝީދާއި އެގްޒެކެޓިވް ބޯޑު މެމްބަރުންނާ މިރޭ ބައްދަލު ކުރައްވައިފިއެވެ.
އައްޝައިޚް އިމްރާން ޢަބްދުﷲ ސީޕީއާއި އެގްޒެކެޓިވް ބޯޑު މެމްބަރުންނާ ބައްދަލު ކުރެއްވީ އެމަނިކުފާނަށް މިނިސްޓަރުކަން ދެއްވުމުން އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުން ގެންދަވާ ވަގުތެއްގައެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ވެސް ވިދާޅުވެފައިވަނީ ޢިމްރާން ވަޒީރަކަށް ހުންނެވުމާމެދު ހުރަސްތައް ހުރިކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމަށެވެ.
ފާއިޒު ވެސް އެހެން މީހުން ވެސް އެވާހަކަ ދެއްކެވީ ޢިމްރާނަކީ 12 އަހަރުގެ ޖަލު ޙުކުމެއް އައިސްފައިވާ ބޭފުޅަކަށްވާތީއެވެ. ޤާނޫނުޢަސާސީ ބުނަނީ ޖިނާޢީ މައްސަލައެއްގައި އެއް އަހަރަށްވުރެ ގިނަދުވަހުގެ ޙުކުމެއް އައިސްފައިވާ މީހެއް ކަމަށްވާނަމަ އޭނާއަށް ވަޒީރުކަން ކުރެވޭނީ ޙުކުމް ތަންފީޒުކޮށް ނިމޭތާ ނުވަތަ މަޢާފު ދެއްވިތާ 3 އަހަރުފަހުން ކަމަށެވެ. އެހެންނަމަވެސް މިއިން ކަމެއް ވެފައެއް ނުވެއެވެ.
ޝައިޚް ޢިމްރާނުގެ މައްޗަށް އޮތް 12 އަހަރުގެ ޙުކުމް ސްޕްރީމް ކޯޓުން ބާޠިލް ކުރައްވައިފައި ވެސް ނުވެއެވެ.
ސްޕްރީމް ކޯޓުން ޝައިޚް ޢިމްރާން ދޫކުރައްވައިފައިވަނީ އެމަނިކުފާނުގެ މައްސަލަ މުރާޖަޢަ ކުރައްވައި ގޮތެއް ނިންމަން ދެނެވެ. އެގޮތަށް ޢިމްރާން ހުންނަވާ ދުވަސްވަރު އެމަނިކުފާނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސްޕްރީމް ކޯޓުންވަނީ އަމުރު ކުރައްވައިފައެވެ.
ޝައިޚް ޢިމްރާން ސީޕީއާއި ފުލުހުންގެ އިސްބޭފުޅުންނާ މިރޭ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ އެއްވެސް ތަފްޞީލެއް އެނގިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ތަޢާރަފްވެ ވަޑައިގެންނެވުމުން ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްކަންދަރު ކޮށީގައެވެ.