ސްރީ ލަންކާގައި އެ އިރަކު އޮންނަ ސަރުކާރަކާ އެކު މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ދުންޔާ މައުމޫން

ފޮޓޯ" ދަ މޯނިންގ، ލަންކާ

ސްރީ ލަންކާގައި އެއިރަކު އޮންނަ ސަރުކާރަކާ އެކު މަސައްކަތް ކުރަން ދިވެހި ރާއްޖެއިން ތައްޔާރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވެފައިވަނީ ދެގައުމުގެ ސިޔާސީ މަސްރަހަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ސްރީ ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވައި ރައީސް މައިތިރި ޕާލާ ސިރިސޭނާ ވަނީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާފައެވެ. މި ބަދަލު އައިސްފައި މިވަނީ ސެޕްޓެންބަރ މަހުގެ 23ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަން އިން ކާމިޔާބުކޮށޤ ރާއްޖޭގެ ސިޔާސީ މަސްރަހްވެސް ބަދަލުވެފައި ވަނިކޮށެވެ. 

ދެ ގައުމުގެ ސިޔާސީ މަސްރަހަށް އަައި ބަދަލާ ގުޅިގެން ސްރީ ލަންކާގެ ދަ ސަންޑޭ މޯނިން އިން ވަނީ އިންޑިއާ އިން އިސްކަން ދެނީ މަހިންދަ ރާޖަޕަކްސަ އެކުލަވައިލާ ސަރުކާރަކަށްވުރެ ބޮޑަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ ސަރުކާރާ އެކު ކަމަށާއި ދިވެހިރާއްޖެއިން ވަކި ސަރުކާރަކަށް އިސްކަން ދެއްވާނެތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލުގެ ޖަވާބުގައި ދުންޔާ ވިދާޅުވެފައިވަނީ ސްރީ ލަންކާ އާއި ރާއްޖެ އާއި ދެމެދު އޮންނަނީ ދުވަސްވީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން ބޮޑަށް ބިނާވެފައި އޮންނަނީ އިޖްތިމާޢީ އަދި ސަގާފީ ކަންކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ސިޔާސީ މަސްރަޙަށް ކޮންމެ ބަދަލެއް އައި ކަމުގައިވީ ނަމަވެސް މިހައިތަނަށް ދުވަހަކުވެސް ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށެވެ.   

ރަނިލް ވިކްރަމަސިންހަގެ ސަރުކާރާ އެކު އިންޑިއާއިން މަސައްކަތް ކުރަން އިސްކަމެއް ދެނީ މަހިންދަ ރާޖަޕަކްސަ ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަވާތީ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވީ ޗައިނާ އާއި އިންޑިއާއިން އިންޑިއާ ކަނޑުގެ ސަރަޙައްދަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުން ދެގައުމުގެ ސިޔާސީ މަސްރަހަށް އަސަރު ކުރާކަމަށެވެ. ނަމަވެސް ސްރީ ލަންކާގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެއިރަކު އޮންނަ ސަރުކާރަކާއެކު މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.

އާ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ސްރީ ލަންކާ އަށް ދޭނީ ކޮން މަގާމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ސްރީ ލަންކާ އާއި ރާއްޖެ އާއި ދެމެދު އޮތް އިގްތިސާދީ އަދި އިޖްތިމާއީ ގުޅުމަކީ އެތަކެއް ގަރުނެއް ކުރިން އުފެދިފައިވާ ގުޅުމެއް ކަމަށެވެ. އަދި ސްރީ ލަންކާ އަކީ ގިނަ ދިވެހި ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ގައުމެއް ކަމަށާއި ސްރީ ލަންކާގެ އެތަކެއް ރައްޔިތުންނެއް ރާއްޖޭގައި ވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ބަލާއިރު ރާއްޖެ އާއި ގުޅުން އޮންނަ ގައުމުތަކުގެ އެންމެ ކުރީގައި ސްރީ ލަންކާ އޮންނަ ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި އިގްތިސާދީ ނަޒަރަކުން ބަލާއިރު ދެ ގައުމަށްވެސް ފައިދާ ކުރާނެ ގިނަ ފުރުސަތު ތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ އެކަމަނާ އުއްމީދުކުރައްވަނީ ސްރީ ލަންކާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެ ފަދަ ދެގައުމަށް ވެސް އޭގެ ފައިދާ ލިބޭނެ ޚާރިޖީ ސިޔާސަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ސިޔާސަތެއްގެ ނަތީޖާ އަކަށް ވާނީ ސިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރެއްވުމާއީ، ތާރީޚާއި ގުޅޭ ދިރާސާތައް ކުރިއަށް ގެނދިއުންފަދަ ކަންކަން ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރާުގެ ވެރީންނާ މެދު އާ ސަރުކާރުން ސިޔާސީ ގޮތުން ފިޔަވަޅު އަޅައިފާނެތޯ ދެންނެވުމުން ދުންޔާ ވިދާޅުވެފައިވަނީ ކޮންމެ ސަރުކާރަކުން ނިމިދާ ސަރުކާރާ މެދު ގެންގުޅޭ އެފަދަ ޒާތީ ކަންކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިންސާނީ ޙައްޤު ނިގުޅައިގެންފައިވާ ކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވެމުންދާއިރު، އަދި އެ ތުހުމަތު ތަކަކީ ހަގީގަތެއް ނަމަ، އެމަނކުފާނު އެކަމާ ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެ ކަމަށް ދުންޔާ ދެކެވަޑައިގަންނަވައެވެ. ނަމަވެސް އެކަން ކުރާންވާނީ އިޖުރާއަތްތަކާއި އެއްގޮތަށް އިންސާފުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހަރުދަނާ މިނވަން ޖުޑިޝަރީ އެއް ގާއިމުކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ މިނިވަން ކަމާމެދު ސުވާލު އުފައްދައި ފާޑު ކިއުން ވަރަށް އާއްމު ކަމަށާއި އެކަމަނާ އަކީ އަބަދުވެސް ޖުޑިޝަރީ އިސްލާހު ކުރުމަށް ގޮވައިލައްވާ ބޭފުޅަކަށް ވާނެ ކަމަށެވެ. އަދި ނާއިންސާފުން ރައްޔިތުންނާ މެދު ޢަމަލު ކުރެވޭ ތަން ފެންނަ ކަމަށާއި އެކަމަނާގެ އާއިލާއަށް ވެސް އެތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަމަށް ދުންޔާ ވިދާޅުވިއެވެ.

ސަންޑޭ މޯނިން އިން ވަނީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުންވެސް ސުވާލުކޮށްފައެވެ. އެގޮތުން ޗައިނާ އާއި ދުރަށް ރާއްޖެ ހަގީގަތުގައިވެސް ދާތަން ފެނޭތޯ ދެންނެވުމުން ދުންނާ ވިދާޅުވީ ރާއްޖެއަކީ ރާއްޖެ އަށް އިހްތިރާމް ކުރާ އަދި ރާއްޖެއިން ގަބޫލުކުރާ އުސޫލުތައް ގެންގުޅޭ ކޮންމެ ގައުމަކާ އެކުވެސް ގުޅުން ބޭއްވޭނެ ފަދަ ކުޑަ ދައުލަތެއް ކަމަށެވެ. ރާއްޖެ އޮންނަނީ އިނޑިއާ ކަނޑުގެ މެދުގައި ކަމަށްވެފައި ކަނޑުގެ މަގުން ހިނގާ ވިޔަފާރީގެ 60 އިންސައްތަ ހިނގަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ނުވަތަ ރާއްޖޭގެ އެންމެ އުތުރު ކޮޅުން ކަމަށެވެ. މިކަމުން އެކަނިވެސް ރާއްޖޭގެ ޚާއްސިއްޔަތާއި ރާއްޖެއަށް އޮންނަ ޝައުގު ފާހަގަވާ ކަމަށް ދުންޔާ ވިދާޅުވިއެވެ. އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖެއިން ކުރަންޖެހޭ ކަމަށް ވެސް ދުންޔާ ވަނީ ފާހގަކުރައްވާފައެވެ. އަދި  ގުޅުމަކީ އިނޑިއާ ކަނޑުގެ ހަމަޖެހުން ގާއިމުކޮށް ދަމަހައްޓަން އެހީތެރިވެދެނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުލުމުގެ ސަބަބުން ކަމަށްވެސް އެކަމަނާ ވަނި ފާހގަކުރައްވާފައެވެ.

ހަމައެއާކު އިގްތިސާދީ ގޮތުން ޗައިނާ އިން ހޯދަމުންދާ ކުރިއެރުމުގެ ފައިދާ ވެސް އެންމެންނަށް ކުރާ ކަމަށް އެކަމަނާ ގަބޫލުފުޅު ކުރައްވައެވެ. އެގޮތުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ބައެއް ޕްރޮޖެކްޓްތަކަކީ ޗައިނާގެ ފައިސާގެ އެހީގައި ހިންގާފައިވާ ޕްރޮޖެކްޓްތައް ކަމަށް ދުންޔާ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އިންޑިއާ ކަނޑުގެ ހަމަނުޖެހުން ނަގައިލާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޞާލިހްގެ ފަހަތްޕުޅުގައި ގާބިލު ސިޔާސީ ލީޑަރުން ތިއްބެވި ކަމަށާއި އެ ލީޑަރުނގެ އެހީގައި އާ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުން ގެނެސްދެއްވާނެ ސަރުކާރެއް ކަމަށް ދުންޔާ އުއްމީދު ކުރައްވައެވެ.   

ސްރީ ލަންކާގެ ސިޔާސީ މަސްރަޙް ހޫނުވުމުގެ ކުރީން ދުންޔާ ވަނީ ރައީސް މައުމޫން ގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި މަހިންދަ ރަޖަޕަކްސަ އާއި ބައްދަލ ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު މަޝްވަރާ ކުރައްވާފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.