މި އޮކްޓޯބަރު މަހުގެ ތެރޭގައި އެމެރިކާގެ ސިޔާސީ އިސް ފަރާތްތަކަށް 13 ޕާރުސަލް ބޮން ފޮނުވިކަމަށް ތުހުމަތުކުރެވޭ މީހާ އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ރައީސު ޑޮނަލްޑް ޓްރަމްޕަށް ފާޑުކިއުއްވާ ބޭފުޅުންނަށް އަމަޒާކޮށް ފޮނުވިކަމަށް ބެލެވޭ މި ބޮންތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާގެ 56 އަހަރުގެ މީހެކެވެ.
ކުރިން ޕިއްޒާ ޑިލަވަރީކުރާ މީހެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ، ރައީސު ޑޮނަލްޑް ޓަރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރާ ސީޒާ ސަޔޮކް ނަމަކަށް ކިޔާ މިމިހާ ހައްޔަރުކޮށްފައި ވަނީ ފްލޮރިޑާގެ ޕްލާންޓޭޝަންގެ ސްޕެއާ ވިއްކާ ފިހާރައެއްގެ ކުރިމަތިންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ރޭ އިއްޔެ ވިދާޅުވިގޮތުގައިގައި ފްލޮރިޑާ ފުލުހުން އޭނާ އަތުލައިގަތީ އޭނާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު މެކްސީން ވޯޓާސްއަށް ފޮނުވި ޕާރުސަލުގައި ހުރި ފިންގަޕްރިންޓް ބޭނުންކޮށްގެންނެވެ. ފްލޮރިޑާ ފުލުހުން ކުރީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވާތީ އޭނާގެ ފިންގަޕްރިންޓްގެ ރެކޯޑް ފުލުހުންގެ އަތުގައި އޮތެވެ.
"އަހަރުމެން ޔަގީންކުރާ ގޮތުގައި އަހަރުމެންނަށް މި އަތުލައިގަނެވުނީ ރަނގަޅު މީހާ" ރޭ ވިދާޅުވިއެވެ.
ސަޔޮކާ ދެކޮޅަށް އުފުލާ ދައުވާތަކުގެ ތެރޭގައި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ގޮވާތަކެތި ގެންދިއުމާއި، ގާނޫނާ ޚިލާފަށް ގޮވާތަކެތި ޕޯސްޓުކުރުމާއި، ކުރީގެ ރައީސުންނާއި އެހެނިހެން މީހުންނަށް ނުރައްކާކުރުމާއި، އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ކުރެވޭ މުވާސަލާތަށް ނުރައްކާކުރުމާއި، ސަރުކާރުގެ ކުރީގެ އަދި މިހާރުގެ އިސް މުވައްޒަފުންތަކަކަށް ނުކުރައްކާކުރުން ހިމެނެއެވެ. އޭނާގެ މައްޗަށް ކުރެވޭ ދައުވާތައް ސާބިތުވެއްޖެނަމަ 48 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުންޏެވެ.
މުޅި އެމެރިކާގެ ސަމާލުކަން ހުއްޓުނު މައްސަލަ ހައްލުކުރެއްވިއްޖެކަން އިއުލާންކުރީ ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކުގެ ވެރިން ސްޓޭޓް ޑިޕާޓްމަންޓުގައި ތިއްބަވައިގެންނެވެ.
"ގާނޫނުގެ ބާރު ކަނޑުވާލަން ކުރެވޭ މިފަދަ ކަންކަން އަހަރުމެން ބަލައިނުގަންނާނަން. ޚާއްޞަކޮށް ސިޔަސީ ހަމަނުޖެހުން ބަލައިނުގަނެވޭނެ." އެޓާނީ ޖެނެރަލް ޖެފް ސެޝްންސް ވިދާޅުވިއެވެ.